ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލައިފި
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2023ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މި ޕްރޮގްރާމަކީ ޒުވާނުންގެ ހުރި ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ ޕްރޮގުރާމެއް ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގްރާމުގައި ދިރާގުގެ އެޑްމިނިސްޓްރޭޝަން، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ކޯޕަރޭޓް ސާވިސަސް، ޑިޕްލޮއިމަންޓް ސަޕޯޓް ސާވިސަސް، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ނެޓްވޯކް އޮޕަރޭޝަންސް، ޕްރޮޑަކްޓް އެންޑް ސޮލިއުޝަން ޑިވެލޮޕްމަންޓް، ރެވެނިއު އެޝުއަރެންސް އެންޑް ބިޒްނަސް ކޮންޓްރޯލް ފަދަ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމް ހިންގާނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެންނެވެ. ދިރާގުން ބުނީ މި ޕްރޮގުރާމުގައި އޭލެވެލް ނުވަތަ ބެޗްލާސް ޑިގްރީ ފުރިހަމަކޮށް ވަޒީފާގެ ތަޖުރިބާ ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށެވެ.

މި ޕްރޮގްރާމް މާލޭގެ އިތުރުން ސ. ތިނަދު އާއި ލާމުގައި ހުންނަ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ކުރިއަށް ދާނެ އެވެ. މިއީ އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން ވަޒީފާގެ ތަޖުރިބާ ހޯދުމަށް ފޯރުކޮށްދޭ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ 2009ވަނަ އަހަރު ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގްރާމުން މިހާތަނަށް 247އަށް ވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.