ޕޮއިންޓު ދިން ގޮތް ބަލައި ޝަކުވާ ކުރަން އެއް ދުވަސް، ޕޯޓަލް ޑައުން ވަނީ!
ޕޮއިންޓު ދިން ގޮތް ބަލައި ޝަކުވާ ކުރަން އެއް ދުވަސް، ޕޯޓަލް ޑައުން ވަނީ!

ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓަށް ޕޮއިންޓް ދިން ގޮތް އާއްމުކުރަން ކުރި ޑިމާންޑްތަކާ ހެދި ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލް މިއަދު އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުމާއެކު ގެދޮރުވެރިޔާ ޕޯޓަލް ޑައުންވެއްޖެ އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ނެރުނު ދާއިމީ ލިސްޓުގެ މައްސަލަ ބޮޑުވެ އެ ލިސްޓަށް ވެސް ޝަކުވާ އަށް ހުޅުވާލި އިރު އެއްވެސް މީހަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލެއް އެ މިނިސްޓްރީ އިން ހާމައެއް ނުކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން މިދިޔަ ދެ ދުވަހު ސޯޝަލް މީޑިއާގައި މީހުން ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެން އެ މިނިސްޓްރީ އިން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ފްލެޓަށް ހުށަހެޅި މީހުންގެ ޕޯޓަލް އިން ޕޮއިންޓު ލިބުނު ގޮތުގެ ތަފްސީލް ފެންނަ ގޮތް ހަދައިފަ އެވެ.

ނަމަވެސް އެ މައުލޫމާތު އާންމު ކުރުމާއެކު ގިނަ ބަޔަކު ޕޯޓަލް އަށް ވަނުމުން ގެދޮރުވެރިޔާ ޕޯޓަލް މިހާރު ވަނީ ޑައުންވެފަ އެވެ. އަދި ބައެއް ފަހަރު ވެބްސައިޓަށް ވަދެވުން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ޑައުންވެ އެވެ. ޕޯޓަލް އަށް ވަދެވޭ ބައެއް ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްސީލް ހިމަނާފައިވާ ޕޭޖެއް ނުފެނެ އެވެ.

މި މައްސަލަތައް ހުރި ނަމަވެސް މިނިސްޓްރީ އިން ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި ވަނީ މާދަމާގެ ނިޔަލަށެވެ.

މާދަމާ އަށް މުއްދަތު ހަމަވާއިރު ފްލެޓު ލިސްޓުގައި 20،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެ މީހުންނަށް ވެސް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލްތައް އަޅާފައި ވަނީ ޕޯޓަލް އަށެވެ.