08 ނޮވެމްބަރ 2023 - 11:49

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ދިފާއު ކުރިއިރު، 13 އަހަރާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.

އިސްކަންދަރާއި ގިޔާސުއްދީން ވެސް ދެ ފައިނަލް ކުޅެފައި ވެއެވެ. ފަނަރަ އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އެ ސްކޫލްގެ ޓީމުން ދިފާއު ކުރީ ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކުރި ފައިނަލްގައި 29-23 ޕޮއިންޓުން މޮޅުވެގެންނެވެ.

ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި އިސްކަންދަރު ވާދަކުރީ ގިޔާސުއްދީނާ އެވެ. އިސްކަންދަރުން ޗެމްޕިއަންކަން ހޯދީ 53-43 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ތޭރަ އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ދިފާއު ކުރީ ފައިނަލްގައި 28-21 އިން ރެހެންދި ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ހޯމަ ދުވަހުގެ ރޭ ސީއެޗްއެސްއީ ބަލިކޮށް 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ.
ހަތަރު އުމުރުފުރާގެ ވެސް ޗެމްޕިއަން ޓީމާއި އެންމެ މޮޅު ކުޅުންތެރިންނަށް އިނާމު ދިނީ ރޭ ކުޅެވުނު ފައިނަލް މެޗަށް ފަހު އެވެ.
އެގޮތުން 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާގެ ޖީއޭ، އާމިނަތު އައިނީ އެވެ. އަދި 15 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގިޔާސުއްދީންގެ ޖީއޭ، މަރިޔަމް މަލާކް މުހައްމަދު ސިފާން އެވެ.
އިސްކަންދަރު ސްކޫލުގެ ޖީއޭ ފާތިމަތު ޒާހީ ޒިޔާދުﷲ 17 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނުއިރު، 13 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ ޑަބްލިއުއޭ، ސޯފިއާ އަބްދުﷲ އިބްރާހިމް އެވެ.