09 ފެބުރުއަރީ 2017 - 08:59

މިއުޒިކް ދުނިޔޭގެ އެންމެ މަގުމޫލު ފަންނާނުންގެ ތެރޭގައި ހިމެނޭ "ދަ ވީކެންޑް" އަކީ މިއުޒިކްގެ އިތުރުން ފެޝަންގެ ދުނިޔޭގައި ވެސް އަރަމުން އަންނަ ތަރި އެކެވެ. ދަ ވީކެންޑްގެ ނަމުން މަޝްހޫރުވެފައިވާ އޭބެލް ޓެސްފޭ މިހާރު ވަނީ މަޝްހޫރު "އެޗް އެންޑް އެމް" ބްރޭންޑާ އެކު ފިރިހެނުންގެ ހާއްސަ ހެދުން ކަލެކްޝަނެއް ތައާރަފުކޮށްފަ އެވެ.
އޭބެލްގެ މި ކަލެކްޝަނަށް ދީފައިވާ ނަމަކީ "ސްޕްރިންގް އައިކޮންސް" އެވެ. އަދި މި ކަލެކްޝަންގައި އެކި ވައްތަރުގެ ޖެކެޓު، ސްވެޓާ، ފަޓުލޫނު އަދި ޓީޝާޓު ހިމެނެ އެވެ. އޭބެލްގެ އަމިއްލަ ސްޓައިލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މި ކަލެކްޝަނަކީ ވަރަށް ފިރިހެންވަންތަ އަދި ގިނަ މުނާސަބަތުތަކަށް ލެވޭނެ ކަލެކްޝަނެކެވެ.
"ބޮމްބާ ޖެކެޓު، ހުޑީޒް ފަދަ އާބަން ޕީސަޒްއާ އެކު ޓެއިލާޑް ޝާޓްސް އަދި ބްލޭޒާސް ލާ ހިތްވޭ،" އޭބެލް ބުންޏެވެ.
ކަލެކްޝަންގައި ހިމެނޭ ކޮންމެ ހެދުމެއް ވެސް ލާން ފަސޭހަވެފައި ގޮތް ބޮޑު ނުވާނެ ކަމަށާއި މިއީ ފިރިހެނުންގެ ހެދުން ހުންނަން ޖެހޭ ގޮތް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
އޭބެލްގެ މި ކަލެކްޝަން އެޗް އެންޑް އެމް ފިހާރަތަކުން ވިއްކަން ފަށާނީ މާޗް މަހު އެވެ.
އޭބެލްގެ ޑިމާންޑް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑު ވެފަ އެވެ. ހާއްސަކޮށް ފެޝަން ލޭބެލްތަކުން އޭނާއާ އެކު ފެޝަން ކަލެކްޝަންތައް ނެރެން ތިބެނީ ތައްޔާރަށެވެ. އެގޮތުން އެޗް އެންޑް އެމްގެ އިތުރުން ޕޫމާއާ އެކު ވެސް އޭބެލްގެ ފެޝަން ކަލެކްޝަނެއް މިއަހަރު ނެރޭނެ އެވެ.