08 ނޮވެމްބަރ 2023 - 05:51

އާދިއްތަ ދުވަހާ ގުޅޭ
އެކަމަކުވާ!" ޒާހިދާއަށް ބުނެވުނެވެ.
އެ ވަރުން ވެސް ލުބާނާ އެއްޗެއް ނުބުނެއެވެ. އޭނަ ހިތަށްއެރިއެވެ. ކެތްކޮށްލާނީއެވެ. ކެތްކުރެވޭނެއެވެ. ކެތްކޮށްގެން ހައްލު ނުހޯދޭނެ މައްސަލައެއްގައި ކެތްކުރުމަކީ ކިހައި ބޭކާރުކަމެއްކަމެއް ލުބާނާއަކަށް ނުވިސްނެއެވެ.
"އެއްޗެއް ނުބުނީމަ ތި ބުނެވެނީ ކީކޭކަން ވެސް އަހަންނަށް އެނގޭ،" ޒާހިދާ ބުންޏެވެ. "އަހަރެން މި ބުނާ އެއްޗެއް ރަނގަޅަށް އަޑުއަހާތި! ބޭނުންވި ނަތީޖާ ނުފެނުނީމަ، އަނެއްކާ ވެސް ކުރިން ކުރި ގޮތަށް ކަންތައް ކޮށްފިއްޔާ، ހަމަ ކުރިން ނުކުތް ނަތީޖާ ދެން ވެސް ނުކުންނާނީ. ކެތްކޮށްގެން ކަމެއް ބަދަލެއް ނުވާނެ. ތަފާތު ނަތީޖާއެއް ފެންނާނީ، ތަފާތު ގޮތަކަށް ކަންތައްކޮށްގެން."
ހަމަޖެހިގެން ނޭވާލުމަށް ޓަކައި ލުބާނާ ޖެހެނީ ރަޒީން ބޭރަށް ދާނެ ވަގުތަކަށް އިންތިޒާކުރާށެވެ. ރަޒީން ކުރަން ބުނާ ހުރިހައިކަމެއް، ވީހައި އަވަހަކަށް ކޮށްލަނީ ވެސް އެ ބޭނުމުގައެވެ. ރަޒީން ގެއިން ނެރުމަށް ޓަކައެވެ. ދުވާލުގެ ގިނަ ވަގުތާއި، ރޭގަނޑުން ބައެއްގައި ރަޒީން އުޅޭނީ ބޭރުގައެވެ. ވިޔަފާރިޔާ ގުޅުންހުރި ތަފާތު މަސައްކަތްތަކުގައެވެ. ލުބާނާ އެންމެ ކުރާހިތްވާ ކަމަކީ ފޮތްކިޔުމާއި، ޓީވީބެލުމާއި، ކަރުދާހުން މާހެދުމެވެ. އެއިން އެއްވެސްކަމެއް، ހަމަޖެހިލައިގެން އިނދެ ކުރެވޭނީ ރަޒީން ގޭގައި ނެތިއްޔާއެވެ.
އެއްދުވަހަކު ހަވީރު ފަހެއްޖަހަން އުޅެނިކޮށް ރަޒީން ގެއަށް އައެވެ. އެއީ ދުވަހަކު ވެސް ރަޒީން ގެއަށް ނާންނަ ވަގުތެކެވެ. އައި ގޮތަށް އައިސް ސޯފާގައި އިށީނދެލިއެވެ. ލުބާނާއަށް ގޮވައިލިއެވެ. ސާހިބުމީހާ ގޮވައިލުމުން ނޯކަރު އަންނަހެން ލުބާނާ އައިސް ހުއްޓުނެވެ. އަމުރަކަށް އިންތިޒާރުކުރާހެން އިންތިޒާރުކުރިއެވެ.
"އިށީނދެބަލަ!" ރަޒީން އެދުނެވެ.
ވަގުތުން ލުބާނާ އިށީނެވެ. ހީވީ އަމުރަށް ތަބާވާ ބުދެއްހެންނެވެ.
"އަހަރެން މިއަދު ހިތަށްއެރީ އަހަންނަށް ކަންތައް މި ކުރެވެނީ ރަނގަޅަކަށް ނޫނޭ!" ރަޒީން ބުންޏެވެ.
ލުބާނާއަށް ލިބުނީ ސިހުމެކެވެ. ހިތަށްއެރިއެވެ. ނަސީބަކުން ރަޒީނަށް ވިސްނިއްޖެއެވެ. ކޮން ފަދަ ބޮޑު އުފަލެއްހެއްޔެވެ؟
"ކޮންމެ ދުވަހަކު ހެނދުނު ނުކުންނަ ގޮތަށް، ކާން އެކަނި ގެއަށް މި ވަދެލަނީ،" ރަޒީން ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "ރޭގަނޑު ވެސް އަށެއްޖަހާ އިރު ނުކުންނަ ގޮތަށް އެގާރާޖަހާ އިރު މި ވަދެވެނީ. ލުބާނާ ކިހާ އެކަނިވާނެ؟ ކިހާ ފޫހިވާނެ؟ ނޫންތަ؟"
ލުބާނާ ބޭރުކޮށްލީ ފުން ނޭވާއެކެވެ. އެއްފުރާޅު ދަށުގައި ސާޅީހަކަށް އަހަރު އެކުގައި އުޅުނު އިރު ވެސް ރަޒީނަށް ލުބާނާ ދަސްނުވީމައެވެ. ވެގެންއުޅޭ ގޮތް ނުވިސްނުނީމައެވެ. ސައުވީސް ގަޑިއިރު ރަޒީން ގޭގައި އިންނަން ފަށައިފި ނަމަ ލުބާނާއަށް ވާނެ ގޮތް ހިތަށްއަރުވަން ވެސް ލުބާނާ ބޭނުމެއް ނުވެއެވެ.
"ކާންބޯން މަސައްކަތްކުރަންޖެހޭނެތާ!" ބުނެވެން އޮތް އެންމެ ރީތި ގޮތަށް ލުބާނާ ބުންޏެވެ. "ހެނދުނު ދާ ގޮތަށް ރޭގަނޑު އަޔަސް އަހަރެންގެ ހަމަ އެއްވެސް މައްސަލައެއް ނެތް."
"އޭރު ވެސް އަހަންނަށް އެނގޭ ލުބާނާ ތިހެންކަން ބުނާނީ،" ރަޒީން ވަރަށް އުފާވެފައި ބުންޏެވެ. "އެކަމަކު ލުބާނާ ނުފެންނަ ހިސާބުގަ އުޅޭ އިރު އަހަންނަށް ހާދަ އުނދަގޫވެއޭ! އަހަރެން ސައުވީސް ގަޑިއިރު ގޭގަ އިނަސް، ވިޔަފާރީގެ ކަންކަން ކުރަން ތިބޭނެ މީހުން. ލާރިއަކަށް ދައްޗެއް ނުވާނެ. އެހެންވެ މި ހިތަށްއަރަނީ ދެތިން މަހު ގޭގަ މަޑުކޮށްލަންވީއޭ. އަހަރުމެން ދެމީހުން އެއްކޮށް އުޅެން ވަގުތުވާނެއްނު! ކިހާ މަޖާވާނެ!"
ލުބާނާ ހިނިތުންވެލިއެވެ. ހިތަށް ވެރިވި ނުތަނަވަސްކަން ހިތުގައި ކަފުންކުރިއެވެ. އެކަމަކު ލުބާނާ ހިތަށްއެރިއެވެ. މި ފަހަރު ލުބާނާ ސަލާމަތްވާނެބާއެވެ؟ އެ ރާޅުގައި ލުބާނާގެ ހުރިހައި އުންމީދެއް އޮޔާ ނުގެންދާނެބާއެވެ؟ ދެތިން މަހު ރަޒީން ގޭގައި މަޑުކޮށްފިއްޔާ ލުބާނާ މޮޔަވާނެއެވެ. ލުބާނާއަށް ކުރެވުނީ، ވަށައިގެން ބަންދުވެފައިވާ ކޮޓަރިއެއްގައި މީހަކު ހުއްޓައި، އެ ކޮޓަރީގައި ހުރި ހަމަ އެކަނި އާނގަ ބަންދުކޮށްލުމުން މީހަކަށް ކުރެވޭ ކަހަލަ އިހުސާސެކެވެ.
ޖެހިގެންއައި ދުވަހު ހެނދުނު ހޭލި ގޮތަށް ލުބާނާގެ ދަންފަޅި ފެށުނެވެ. ކުރިޔަށް ވުރެ ސަތޭކަ ގުނަ ބުރަކޮށެވެ. ރަޒީން މޫނުދޮންނަން ފާހާނަޔަށް ވަދެފައި، ދަތްއުނގުޅާ ބުރުހުގައި ބޭސްކޮޅެއް ޖަހަން ގޮވީ ލުބާނާއަށެވެ. ފޫޓެއްހައި ކައިރީގައި ހުރި ތުވާލި ދިއްކޮށްލަން ވެސް ގޮވީ ލުބާނާއަށެވެ. މޫނުދޮވެގެން ރަޒީން އައިސް އެނދުގައި އޮށޯތެވެ. ދެން އެދުނީ ދުވަހަކު ވެސް ނޭދޭ ކަމަކަށެވެ.
"އަހަރެން އުރާލައިގެން ގެންގޮސް ސޯފާގައި ބައިންދަބަލަ!" ރަޒީން ބުންޏެވެ.
ލުބާނާ ހިތަށްއެރިއެވެ. އެ ވާނީ ސަމާސާއަކަށެވެ. ލުބާނާ ފަދަ މީހަކު، ރަޒީން ކަހަލަ ބޮޑު ފިރިހެނެއް ހިއްލައިލާނީ ވެސް ކިހިނެއްހެއްޔެވެ؟
"ހިނގާ ސައިބޯން!" ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ލުބާނާ ބުންޏެވެ.
"އުރާލީމަ ދާނީ!" ކުޑަކުއްޖެއްހެން ބޮޑާހާކައިލާފައި ރަޒީން ބުންޏެވެ.
ލުބާނާއަށް ދެ ގޮތަކަށް ވިސްނުނެވެ. ސަމާސާކުރުމުގައި ރަޒީން ހައްދުފަހަނައަޅައިދަނީއެވެ. ނުވަތަ ރަޒީންގެ ސިކުނޑީގައި މައްސަލައެއް ހުރީއެވެ. ރަޒީން ބަލިވެގެން އެނދުން ނުތެދުވުނަސް، އުފުއްލައިގެން ރަޒީން ގެންގުޅޭނެ ހަކަތައެއް ލުބާނާގެ ނުހުންނާނެކަން ރަޒީނަށް ވިސްނެންޖެހޭނެއެވެ.
"ދެން އަޅެ މަ ކިހިނެއްތަ ރަޒީން އުރާނީ؟" ސަމާސާ ރާގެއްގައި ލުބާނާ ބުންޏެވެ. "އުފުއްލާ ވެސް ނުލެވޭނެ."
"އަޅެ އާދެބަލަ ބަލައިލަން،" ރަޒީން އެދުނެވެ. "އެނދުން ނުނެގުނަސް މަސައްކަތްކުރިކަން އޮންނާނެއްނު!"
ލުބާނާ އައިސް ރަޒީން އެނދުން ނުނެގޭނެކަން ދެއްކިއެވެ. ކަމަކުނުދިޔައެވެ. ތަންކޮޅެއް ހިތްވަރުލާން ރަޒީން އެދުނެވެ. ދެން ވެސް ލުބާނާއަކަށް އެ ކަމެއް ނުވިއެވެ. ރަޒީން ދުލެއް ނުކުރިއެވެ. އެ ކަމެއްގައި ފަންސަވީހަކަށް މިނެޓު ހޭދަވި އިރު، ހަގީގަތުގައި ވެސް ލުބާނާ ހުރީ ވަރުބަލިވެފައެވެ. އެއީ، ދެތިން މަހު ގޭގައި މަޑުކުރަން ނިންމި ރަޒީންގެ ފުރަތަމަ ދުވަހުގެ ފެށުމެވެ.
މަހެއްހައި ދުވަސް ހޭދަވި އިރު ލުބާނާއަށް ގޮތްތަކެއްވާން ފަށައިފިއެވެ. އަބަދު ވެސް ހުންނަނީ މެޔަށް ތަދުވެފައެވެ. ހީވަނީ މޭމަތީގައި ބަރު އެއްޗެއް ބާއްވާފައިއޮންނަހެންނެވެ. ކުރިން ޝައުގުވެރިވި ހުރިހައި ކަމެއްގެ ޝައުގުވެރިކަން ގެއްލުނެވެ. ކާހިތް ކެނޑި، ހިކި، ނިދަން އުނދަގޫވިއެވެ. ނުފިލާ ވަރުބަލިކަމެއްގައި ހައްޔަރުވިއެވެ. ތާކު އިށީނދެގެން އިރުކޮޅަކު ވެސް އިންނަ ހިތެއް ނުވެއެވެ. ކޮޅަށް ހުންނަ ހިތެއް ވެސް ނުވެއެވެ. ލުބާނާއަށް ދުނިޔެ ފެންނަނީ، ހަރަކާތް ލަސްކޮށް ފިލްމަކުން ފެންނަ މަންޒަރެއްހެންނެވެ.
ލުބާނާއަށް އަންނަން ފެށި ބަދަލު، ފުރަތަމަ ފާހަގަކުރެވެން ފެށީ ދޮށީދަރިފުޅު މާހީއަށެވެ. މަންމަ ބަލިތޯ ކަރުގައި އަތްލައި، ސުވާލުކުރާ ކޮންމެ ފަހަރަކު ވެސް ލުބާނާ އިންކާރުކުރެއެވެ. ހަގީގަތުގައި ވެސް ހުން ނެތީމައެވެ. އެކަމަކު، ލުބާނާއަކީ ބޭކާރު، އަގެއް ނެތް މީހެއްހެން ލުބާނާއަށް ހީވާން ފެށިތާ ކިތަންމެ ދުވަހެކެވެ. އެއީ ކުރިން ހިތަށްނާރާ އެއްޗެކެވެ. ތިމާއަކީ ކުށްވެރިއެއްހެން ވެސް ހީވާން ފެށިއެވެ. ކަންކަމަށް ސަމާލުކަންދިނުމާއި، ނިންމުމެއް ނިންމަށް އިންތިހާއަށް އުނދަގޫވިއެވެ. ބޯއަނބުރާހެން ވެސް ހީވާން ފެށިއެވެ. ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. މަރުވިޔަސް މާ ރަނގަޅުވާނެއެވެ. ދިރިހުރުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ސައުވީސް ގަޑިއިރު ލުބާނާ ގައިގައި ތަތްކޮށްލައިގެން އުޅޭ ރަޒީނަށް، އެ ވަރުން ވެސް ލުބާނާއަށް ކަމެއްވާކަމެއް ފާހަގައެއް ނުކުރެވުނެވެ. ރަޒީންގެ ކަންތަކުކިޔުން މަދެއް ވެސް ނުމެވިއެވެ.
އެއްދުވަހަކު ލުބާނާގެ އެޕާޓުމަންޓަށް މާހީ ވަން އިރު، ލުބާނާ ކާމޭޒުގައި އަތްއަޅައިލައިގެން ގާވެފައި ހުއްޓެވެ. ރަޒީން ދެއުކުޅުގައިއަތްވިދިފައި، ކޮޓަރީ ދޮރުމަތީގައި ހުއްޓެވެ. މާހީ އައީ ކާއެއްޗެއް ހިފައިގެންނެވެ.
"ކީއްވެ ދެކުދިން ގާވެފަ މި ތިބީ؟" ސަމާސާ ރާގެއްގައި މާހީއެހިއެވެ.
"ބައްޕައަކަށް ވެސް ނޭނގެ މަންމަ މިހާރު އެ އުޅޭ ގޮތެއް،" ކުޑަކޮށް ހިތްހަމަނުޖެހިފައި ރަޒީން ބުންޏެވެ. "ވަރަށް ކަންނެތްވެއްޖެ! ދަތްކޮއްޓާ އިލޮށިކޮޅެއް ގެނެސްދޭށޭ ކިޔާތާ މިހާރު ކޮން އިރެއް؟"
މާހީ އައިސް ލުބާނާ ގައިގައި ބައްދައިލިއެވެ. އޭރު ލުބާނާ ތުރުތުރުއަޅައެވެ. ހުން ވެސް ކުޑަކޮށް ހުއްޓެވެ.
"ކިހިނެއްވީ މަންމާ؟" މަންމަ ގެންގޮސް ގޮނޑީގައި ބައިންދަމުން ލުބާނާ ބުންޏެވެ.
އޭރު ރަޒީން ކޮޓަރިއަށް ވަދެ ނިމިއްޖެއެވެ. ރަޒީންގެ ނަޒަރުގައި ލުބާނާއަކަށް އެއްވެސް ކަމެއް ނުވެއެވެ. ވަރުބަލިވާންވީ ސަބަބެއް ވެސް ނެތެވެ. ގެ ފޮޅައިސާފުކުރުން ފަދަ ބޮޑެތި މަސައްކަތްތައް ކުރަން އޭރު ބިދޭސީއަކު އާދެއެވެ.
"މަންމަ ހޮސްޕިޓަލަށް ގެންގޮސްދީބަލަ ދަރިފުޅާ!" ލުބާނާ ބުންޏެވެ. "މަންމައަކަށް ނޭނގެ މަންމައަށް ވާ ގޮތެއް ވެސް."
ލުބާނާ ހޮސްޕިޓަލަށް ގެންދާ ވާހަކަ ބުނުމުން ރަޒީނަށް އެއަށް ވުރެ މުހިންމު ކަމެއް ނެތް ކަހަލައެވެ. ހޮސްޕިޓަލަށް ދިޔައީ މާހީ ވެސް ގޮވައިގެންނެވެ. ރަޒީން އިނީ ހައިރާންވެފައެވެ. ޑަކުޓަރަށް ލުބާނާ ދައްކަންޖެހޭ ސަބަބެއް ނުވިސްނިގެންނެވެ. ކާރު ތެރޭގައި ރަޒީން ދެއްކީ އެ ވާހަކައެވެ.
"ޑެންގޫބާ؟" ރަޒީން އެހިއެވެ. "ޗިކަންގުންޔާއަށް ވެސް ވެދާނެ ދޯ؟ ދުނިޔޭގަ ލެއްވި ހުރިހާ ބައްޔެއް ރާއްޖޭގަ އެބަ އުޅޭވިއްޔަ!"
"ނޭނގެ ވާ ގޮތެއް ވެސް،" ބަލި ގޮތަކަށް ލުބާނާ ބުންޏެވެ. "ކޮވިޑުކަން ނޭނގެ. ދަރިފުޅު ތަންކޮޅެއް ދުރުގަ އިނދޭ!"
މާހީ ޗޮކެއްކަނޑައިފައި، ކުރިޔަށް ވުރެ ބާރަށް ލުބާނާ ގައިގައި ބައްދައިލިއެވެ. އާންމުބަލިތަކާ ބެހޭ ޑަކުޓަރަށް ދެއްކުމުން އޭނަ ޓެސްޓުތަކެއް ހެދިއެވެ. ޓެސްޓުގެ ނަތީޖާއިން މައްސަލައެއް ނުފެނުނެވެ. އެ ހިސާބުން އެ ޑަކުޓަރު ލަފާދިނީ ނަފުސާނީ ޑަކުޓަރަކަށް ދެއްކުމަށެވެ. ރަޒީން ވަރަށް ހައިރާންވިއެވެ. ނަފުސާނީ ޑަކުޓަރަކަށް ދައްކަންވީ ސަބަބެއް ރަޒީނަކަށް ނުވިސްނެއެވެ. ރަޒީންގެ ނަޒަރުގައި ލުބާނާ އުޅެނީ ނުލާހިކު އުފަލުގައެވެ. ރަޒީން ފަދަ އޯގާވެރި، ލޯބިވާ ފިރިޔަކު މަދުވާނެއެވެ. ދެރައެއް ނުވަތަ އަނިޔާއެއްދިނުމުގެ ނިޔަތުގައި ލުބާނާ ގައިގައި ރަޒީން އިނގިލިކުރި ވެސް ޖައްސައިލާފައެއް ނޯންނާނެއެވެ. ހިތްދަތިވާ ކަހަލަ އެއްޗެއް ނުބުނެއެވެ. އެހައިމެ ވަފާތެރިއެވެ. އެހެން އަންހެނަކާ ރަޒީން ގުޅުމެއް ނުބާއްވައެވެ. ލުބާނާ ބުނި އެއްވެސް ކަމެއް ނުކޮށްދީއެއް ނޯންނާނެއެވެ. ލުބާނާއަށް ވަގުތުދެއެވެ. އޭރު ވެސް ރަޒީން އުޅެނީ، ލުބާނާޔާ އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް ޓަކައި، ގެއިން ބޭރަށް ވެސް ނުނިކުމެއެވެ.
ސައިކޮލޮޖިސްޓަކަށް ލުބާނާ ދެއްކިއެވެ. އެ ޑަކުޓަރު ވަރަށް ގިނަ ވާހަކަދެއްކިއެވެ. ދެމަފިރީންނާ ވަކީންނާއި އެކުގައި ވެސް ބައްދަލުކުރިއެވެ. އެކަމަކު، ދިމާވެގެންއުޅޭ ބޮޑު މައްސަލަޔާ ބެހޭ އެއްވެސް ވާހަކައެއް ދައްކާކަށް ލުބާނާއަކަށް ނުކެރުނެވެ. ނިމޭ އިރު ކުށްވެރިވާނީ ލުބާނާހެން ހީވާތީއެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ ޑިޕްރެޝަންކަމަށް." ޑަކުޓަރު ބުންޏެވެ.
-ނުނިމޭ-