މުއައްސަސާތަކަށް މާލީ މިނިވަންކަން ކަށަވަރުކޮށްދޭނަން: އިންތިހާބީ ރައީސްގެ އޮފީސް
މުއައްސަސާތަކަށް މާލީ މިނިވަންކަން ކަށަވަރުކޮށްދޭނަން: އިންތިހާބީ ރައީސްގެ އޮފީސް

ރިޔާސީ އިންތިހާބަށް ފަހު ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ މެދު ހިނގަމުން މިދާ އިންތިގާލީ މަރުހަލާގާއި މިނިވަން މުއައްސަސާތަކަށް ކުރި ޒިޔާރާތުން ވަރަށް ގިނަ މައްސަލަތަކާއި ކަންބޮޑުވުންތައް ފާހަގަކުރެވިފައިވާ ކަމަށާއި އެކަންކަން ހައްލުކުރަން މުއައްސަސާތަކަށް މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާ ގުޅޭ ތަފްސީލް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މުއައްސަސާތަކުގެ މެދުގައި ގުޅުން ކުޑަވުމާއި އެއްބާރުލުން ނުދިނުމުގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ. ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ގުޅުން ނެތުމުގެ ސަބަބުން ކަންކަން ހާސިލްކުރަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ އިހްތިސާސް އާއި ޒިންމާ އަށް ސަރުކާރުގެ ކުންފުނިތަކުން ޗެލެންޖްކުރާ ކަމަށާއި އެ ކުންފުނިތަކަށް މުއައްސަސާތަކަށް ފިޔަވަޅު ނޭޅޭނެ ކަމަށް ބުނާ މައްސަލަ ވެސް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއައްސަސާތަކަށް ސިޔާސީ ނުފޫޒު އޮތްކަން ވެސް ހާމަވި އެވެ. ބައެއް ތަހުގީގުތައް ހިންގާތީ ދައުލަތުން ފައިސާ ހިފެހެއްޓުން ފަދަ ކަންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުއައްސަސާތަކުގެ މެންބަރުންގެ ވަޒީފާ އާއި ދައުރުގެ ޔަގީންކަން ނެތުމަކީ ވެސް މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު ތަސައްވުރު ކުރާ މިންވަރަށް މިދިޔަ ފަސް އަހަރު ތެރޭ މުއައްސަސާތަކުގެ މެންޑޭޓް އަދާކުރެވިފައެއް ނެތް. މެންޑޭޓް ވަރަށް ފުޅާކޮށް އޮތް ކަމަށް ވިޔަސް މުއައްސަސާތައް ވަރަށް ހަނިކޮށް މާނަ ކުރުމުގެ ސަބަބުން މަސައްކަތްތައް ނުކުރެވި އޮތްކަން ވެސް ފާހަގަކުރެވޭ،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އާ ސަރުކާރުގައި މިނިވަން މުއައްސަސާތަކުން ފާހަގަކުރެވުނު މައްސަލަތަކަށް ހައްލު ހޯދުމަށް ވިސްނުންތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ މުއައްސަސާތަކަށް މާލީ މުސްތަގިއްލުކަން އިތުރުކުރުން ކަމަށެވެ.

"އިންތިހާބީ ރައީސްގެ ވިސްނުންފުޅަކީ މިހާރަށްވުރެ ވަރަށް ބޮޑަށް އިތުރަށް މުއައްސަސާތަކުގެ މާލީ މުސްތަގިއްލުކަން އިތުރުކޮށްދިނުން،" ފިރުޒުލް ވިދާޅުވި އެވެ.

މީގެއިތުރުން މުއައްސަސާތަކުގެ ކުލީގެ ގޮތުގައި ކުރާ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އިންވެސްޓްތައްކޮށް، ކުލިން ސަލާމަތް ކުރެވޭ ހަރަދު އެހެން ފަންނީ މަސައްކަތްތަކަށް ހާއްސަކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މުއައްސަސާތަކުގެ މެންޑޭޓް ފުށުއަރާ މައްސަލަތައް ވެސް ފާހަގަ ކުރެވިފައިވާތީ އެކަންކަން ހައްލު ކުރުމަށް ގާނޫނަށް އިސްލާހުތައް ގެންނާނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. ފިރުޒުލް ވިދާޅުވީ އެންމެ އެކަށީގެންވާ ގޮތެއްގައި މުއައްސަސާތަކަށް މަސައްކަތް ކުރެވޭނެ މަގަށް ގާނޫނުތައް ބައްޓަން ކުރުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

"މުއައްސަސާތަކަށް ހުށަހެޅޭ މައްސަލަތައް ވަރަށް ބޮޑަށް މަދުކުރުމަށް ވެސް އިސްކަންދޭނަން،" ފިރުޒުލް ވިދާޅުވި އެވެ.