ފަލަސްތީނު މީހުން މެރުމުގައި ވިލާތުގެ ކުލީ ސިފައިން
ފަލަސްތީނު މީހުން މެރުމުގައި ވިލާތުގެ ކުލީ ސިފައިން

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގައި ވިލާތުގެ ގައުމުތަކުގެ ގިނަ އަދަދެއްގެ ކުލީ ސިފައިން ބައިވެރިވާ ކަމަށް ސްޕޭންގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ސްޕެއިންގެ އެންމެ ގިނަ ދުވަސްވީ އެއް ނޫސް ކަމަށްވާ އެލް މުންޑޯ އިން ބުނެފައިވާ ގޮތުގައި ވިލާތުގެ އެކި ގައުމުތަކުގައި އުފައްދާފައިވާ އަސްކަރީ ކުންފުނިތަކުގައި އުޖޫރައަށް މަސައްކަތް ކުރާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު، އިޒްރޭލު ސިފައިންނާ އެކުގައި ޣައްޒާގެ ހަނގުރާމައިގައި ބައިވެރިވެ އެވެ. ޣައްޒާގެ އާންމުންނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ ކުލީ ސިފައިންގެ ތެރޭގައި، މީގެ ކުރިން އިރާގު ހަނގުރާމައިގައި އެމެރިކާ ސިފައިންނާ އެކުގައި އަދި މިހާރު ހިނގަމުންދާ ޔޫކްރޭން ހަނގުރާމައިގައި ޔޫކްރޭން ސިފައިންނާ އެކުގައި ހަނގުރާމަ ކުރި ބައެއް މީހުން ހިމެނެ އެވެ.

ވިލާތުގެ އެކި ގައުމުތަކު ކުލީ ސިފައިން އިޒްރޭލު ސިފައިންނާ އެކުގައި ހަނގުރާމައިގައި ބައިވެރިވަމުން ދަނީ، އިޒްރޭލު ސަރުކާރާއި ކުލީ ސިފައިންގެ ކުންފުނިތަކާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އޮކްޓޫބަރު 7ގައި އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދޭން ފެށުމާ އެކު، ކުލީ ސިފައިންގެ ބޭނުން ހިފަމުންދާ ކަމަށް އެލް މުންޑޯ ނޫހުން ބުނެ އެވެ.

އިޒްރޭލު ސިފައިންނާ އެކުގައި ހަނގުރާމައިގައި ބައިވެރިވާ ކުލީ ސިފައިން ބުނި ގޮތުގައި އެމީހުންނަށް ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކުރުމުގެ އުޖޫރައެއްގެ ގޮތުން، ހަފުތާއަކު 3900 ޔޫރޯ އިޒްރޭލުން ދެ އެވެ. އިޒްރޭލަށް އައިސް ހަނގުރާމައިގައި ބައިވެރިވަނީ ފައިސާގެ ބޭނުމުގައި ކަމަށް ވެސް އެމީހުން ބުނެ އެވެ.

ކުލީ ސިފައިންނާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ސީދާ ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކުރުމުގެ އިތުރުން، ސިފައިން ޗެކް ޕޮއިންޓުތަކުގައި ފޯރިމެރުމާއި، މަގުތައް ބެލެހެއްޓުން ފަދަ ކަންތައް ހިމެނެ އެވެ. އެލް މުންޑޯ ނޫހުން ބުނި ގޮތުގައި އިޒްރޭލަށް ކުލީ ސިފައިން ފޮނުވި ދެ ކުންފުންޏަކީ ރޭވަން އާއި އިޒްރޭލުގެ އަމިއްލަ އަސްކަރީ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ސީއެސްޓީ އެވެ.

އެލް މުންޑޯ އިން ބުނެފައިވާ ގޮތުގައި ޣައްޒާ ހަނގުރާމައިގައި އިޒްރޭލު ސިފައިންނަށް އެހީތެރިވުމަށް ގެނެސްފައިވާ ކުލީ ސިފައިންގެ ތެރޭގައި އެކި ގައުމުތަކުގެ އަސްކަރިއްޔާ އިން ރިޓަޔާކޮށްފައިވާ ތަޖުރިބާކާރުން ހިމެނެ އެވެ. އޭގެ ތެރޭގައި ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތާއި އަލްބޭނިއާގެ އަސްކަރިއްޔާގައި ޚިދުމަތް ކުރުމަށް ފަހު ވަކިވެފައިވާ ސިފައިން ހިމެނެ އެވެ.

މީގެ އިތުރުން، އިރާގާއި އަފްޣާނިސްތާނާއި މާލީ އަދި ކޮސޯވޯގެ ހަނގުރާމައިގައި ބައިވެރިވެފައިވާ، އެމެރިކާގެ މެރިން ސިފައިންނާއި ސްޕެޝަލް ފޯސަސްގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޓަޔާ ކޮށްފައިވާ ތަޖުރިބާކާރުން ހިމެނެ އެވެ.

އެމީހުންގެ މައިގަނޑު މަސައްކަތަކީ ޣައްޒާގައި ހަނގުރާމަ ކުރާ އިޒްރޭލު ސިފައިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ޣައްޒާ އާއި އިޒްރޭލު ގުޅޭ ބޯޑަރުގައިވާ ޗެކްޕޮއިންޓްތައް ބެލެހެއްޓުމާއި އިޒްރޭލާއި އުރުދުން ގުޅޭ ސަރަހައްދީ ރޮނގު ބެލެހެއްޓުމެވެ. ކުލީ ސިފައިންނާ ހަވާލާދީ އެލް މުންޑޯ އިން ބުނެފައިވާ ގޮތުގައި އިޒްރޭލު ސިފައިންނާ އެކުގައި ބައިވެރިވުމުން ވަރަށް ރަނގަޅު މާއްދީ މަންފާތަކެއް ލިބެ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 32 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10165 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2300 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، އޮކްޓޫބަރު 7 ން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ އާއި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ 70 އިންސައްތައަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 347 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5500 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 347 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.