07 ނޮވެމްބަރ 2023 - 13:04

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ރަޖިސްޓްރީގެ ބޮޑު ބައެއް ހަވާލުކޮށްފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ ކުރިން ހުރިހާ ކަމެއް ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުވަޅުން ގޯއްޗަށް ހުޅުވާލުމުން 20،000 އެއްހާ މީހުން ކުރިމަތިލި އެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޮގަސްޓް 27 އިން ފެށިގެން އަންނަނީ ސޮއިކުރަމުންނެވެ.
މިނިސްޓްރީން އޭރު ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ކުރިން ގޯތީގެ އިން ކަނޑައި، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ.
ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ލިބުނު ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ. މިހާރު ސޮއިނުކޮށް، ރަޖިސްޓްރީ ހަވާލުނުކޮށް ހުންނާނީ ގުޅިފަޅުގެ ގޯތީގެ ރަޖިސްޓްރީތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން ނާންގާ 1،500 އެއްހާ މީހުން އެބަތިބި ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ވެސް އެ މަސައްކަތްތައް ނިންމާލާނެ ކަމަށް ވިދާޅުވި އެވެ.
"ރަޖިސްޓްރީ ބަލާ ނާންނަ މީހުންގެ ރަޖިސްޓްރީއާއެކު ނޮވެމްބަރު 11ގެ ކުރިން ޕޯޓަލްއަށް ރަޖިސްޓްރީތައް ހުށަހަޅާނަން." އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މާލެ ސަރަހައްދުން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފަ އެވެ. އެއީ؛
- ގުޅިފަޅުން 2،218 ގޯތި
- ހުޅުމާލެއިން 1،351 ގޯތި
- ގިރާވަރުފަޅުން 5،432 ގޯތި
ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ 24 ވަނަ ދުވަހު ހަމަވިއިރު، ގޯއްޗަށް 19،347 ފޯމު ހުށަހެޅި އެވެ.