07 ނޮވެމްބަރ 2023 - 10:49

ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު އާންމުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކާ ގުޅޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނުގެ އޮފީހުން ބުނީ މާދަމާއިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ 17 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނީ 11 ވަނަ ދުވަހު ކަމަށެވެ.
ނަޝީދަކީ މި ކޮންފަރެންސްގެ ކީ ސްޕީކަރެކެވެ. ނަޝީދާ އެކު ބައެއް ގައުމުތަކުގެ ބޮޑުވަޒީރުންނާއި ނައިބުންގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ކީ ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ނަޝީދުގެ އޮފީހުން ބުނި ގޮތުގައި، ކޮންފަރެންސްގެ ތެރެއިން، ރާއްޖެ ފަދަ ނާޒުކު ތިމާވެށީގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމުތަކަށް ލިބިދާނެ ގެއްލުންތަކާއި އެކަންކަމަށް ހައްލު ހޯދާނެ ގޮތް ގްލޯބަލް ސިޓިޒެންޝިޕްގެ ގާނޫނުތަކާއި ގަވައިދުތަކާ ބެހޭ އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން މި ކޮންފަރެންސްގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ގައުމުތަކުގެ ތަރައްގީ އާއި ޓެކްނޮލޮޖީގެ ދައުރު ފަދަ ކަންކަމާމެދު މަޝްވަރާކުރާނެ އެވެ.