06 ނޮވެމްބަރ 2023 - 18:46

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް އާ މުވައްޒަފަކު ނުނަގައި މަޑުޖައްސާލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.
ޓްރައިބިއުނަލުން މިގޮތަށް އަމުރުކުރީ ފެނަކަ އިން ވަކިކުރި އެ ކުންފުނީގެ ކުރީގެ ސީއެފްއޯ އަބްދުﷲ ވަހީދު ހުށަހެޅި މައްސަލާގަ އެވެ.
އޭނާ ވަޒީފާ އިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަން ކަނޑައަޅަން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ ވަޒީފާ އަލުން އިޔާދަކުރުމަށެވެ. އެހެންވެ، މައްސަލާގައި ގޮތެއް ކަނޑައެޅެންދެން އެ މަގާމަށް އެހެން މީހަކު ނުނެގުމުގެ ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.
އެ އަމުރު ނެރެދޭން ޓްރައިބިއުނަލުން ނިންމީ ސީއެފްއޯގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނަގާ މަޑުޖައްސާލިޔަސް ފެނަކައިގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެތީ އެވެ. އެއީ އަބްދުﷲ ވަހީދު މަގާމުން ވަކިކޮށްފައިވަނީ ވަގުތީ ގޮތުން މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކޮށްފައިވާތީ ކަމަށް އަމުރުގައިވެ އެވެ.
ހއ. ހޯރަފުއްޓަށް އުފަން އަބްދުﷲ ވަހީދަށް އެ ވަޒީފާ ދީފައި ވަނީ ސެޕްޓެމްބަރު 11، 2014 ގަ އެވެ. ވަޒީފާ އިން ވަކިކުރީ ސެޕްޓެމްބަރު 26 ގަ އެވެ. ވަޒީފާއިން ވަކިކުރުމުގެ ކުރިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 އިން ފެށިގެން އޭނާ ހުރީ މަގާމުތަކުގެ މަސްއޫލިޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
ފެނަކައިގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ފޮނުއްވި ލިޔުމުގައި ވަނީ، ވަހީދު މަގާމުން ވަކިކުރީ، އެ ކުންފުނީގެ ގަވާއިދުގެ 34.8 ވަނަ މާއްދާގެ (ހ) ގެ 1 ގައި ވާ ގޮތުގެ މަތިން، ވަޒީފާގައި އިތުރަށް ބަހައްޓައިފި ނަމަ އެ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށެވެ.