ގާޒާގެ އުތުރާއި ދެކުނު ވަކި ކޮށްލައިފިން: އިޒްރޭލް
ގާޒާގެ އުތުރާއި ދެކުނު ވަކި ކޮށްލައިފިން: އިޒްރޭލް

ގާޒާގެ މެދުތެރޭ ސަރަހައްދު އިޒްރޭލު ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ޣައްޒާގެ އުތުރާއި ދެކުނާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ ގޮތަށް، ދެ ސަރަހައްދު ވަކިކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.

ގާޒާގެ އުތުރާއި ދެކުނު ވަކި ކޮށްލައިފިން: އިޒްރޭލް
ގާޒާގެ އުތުރާއި ދެކުނު ވަކި ކޮށްލައިފިން: އިޒްރޭލް

ޣައްޒާ ދެބައިކޮށްލެވިއްޖެ ކަމަށް އިޒްރޭލުން މި ބުނީ، ޣައްޒާގެ އުތުރުކޮޅުގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ތަންތަން ކަމަށް ބުނެ، އާންމުންގެ ގެދޮރުތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި އެ ސަރަހައްދު ސުންނާފަތިކޮށްލުމަށް ފަހު އެވެ. އަދި ބާރުގަދަ ބޮންތަކާއި މިސައިލްތަކުން ދިން ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލުމަށް ފަހު، އެތައް ހާސް ބަޔަކު ޣައްޒާގެ އުތުރުކޮޅުން ދެކުނަށް ފައްސައިލުމަށް ފަހު އެވެ.

މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ އެއްގަމު ސިފައިން މަސައްކަތް ކުރަމުން ދިޔައީ އިރުމަތީ ފަރާތުން ޣައްޒާގެ މެދުތެރެއަށް ވަދެގަތުމަށެވެ. ހަމާސްގެ ހަނގުރާމަވެރިންގެ ރައްދު ހަމަލާތަކުގެ ސަބަބުން އެކަމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިދިޔަ 10 ދުވަސް ތެރޭގައި އިޒްރޭލު ސިފައިން ވަނީ ޣައްޒާގެ އިރުމަތީ ފަރާތުން ވަދެގެން ޣައްޒާގެ ހުޅަނގު ފަރާތު އައްސޭރީގައި އޮންނަ ޝާރިއުއް ރަޝީދު ކިޔާ މަގާ ހަމައަށް ދަތުރުކޮށް، ޣައްޒާގެ މެދުތެރެ ހިފައިފަ އެވެ.

ޣައްޒާގެ އިރުމަތީ ފަރާތުން މެދުތެރެ އަށް ވަދެގެން ހުޅަނގު ފަރާތާ ހަމައަށް ދިއުމަށް އިޒްރޭލުގެ އެއްގަމު ސިފައިން ކުރި މަސައްކަތުގައި، ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، އިޒްރޭލު ސިފައިންގެ 30 އަށް ވުރެ ސިފައިން މަރުވެ، އެތައް ސަތޭކަ ސިފައިންނެއް ޒަޚަމްވި އެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެއްގަމު ސިފައިން މިހާރު ތިބީ ޣައްޒާގެ އުތުރުކޮޅުގައި އޮންނަ "ޣައްޒާ ސިޓީ" ހިސޯރުކޮށްގެންނެވެ.

މުޅި ޣައްޒާގައި 2.2 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އިރު، ޣައްޒާ ސިޓީގައި އެކަނިވެސް، 590000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އިޒްރޭލު ސިފައިން ބުނީ ޣައްޒާގެ އުތުރާއި ދެކުނު މުޅިން ވަކިކޮށްލައި ޣައްޒާ ސިޓީ ހިސޯރުކޮށްލެވުމަކީ، ހަމާސް އަށް ފިއްތުންތައް ކުރިމަތިކުރުމުގައި ވަރަށް މުހިންމު ކަމެއްކަމަށެވެ.

ޣައްޒާގެ އުތުރާއި ދެކުނު މުޅިން ވަކިކޮށްލުމަށް ފަހު، އިޒްރޭލު ސިފައިން މިހާރު ވަނީ ޣައްޒާގެ އެންމެ އުތުރުން އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ވަންނަން ފަށައިފަ އެވެ. ޣައްޒާގެ އުތުރުން އިޒްރޭލުގެ އެއްގަމު ސިފައިން ވަންނަން ފެށީ، ޣައްޒާގެ އިރުމަތީ ފަރާތުން ވައިގެ މަގުން ބޮން އަޅަމުން، އަދި ޣައްޒާގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑުގައި އޮތް މަނަވަރުތަކުން ޣައްޒާ އަށް މިސައިލްގެ ހަމަލާތައް ދެމުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލު ސިފައިން ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ ޣާއްޒާ ސިޓީގެ އުތުރާއި ދެކުނުގައިވާ ސަރަހައްދުތަކަށެވެ. ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި މި ފާއިތުވި 30 ދުވަހުގެ ތެރޭގައި ދިން އެންމެ ވަރުގަދަ އަދި އެންމެ ގިނަ ހަމަލާތައް ދިނީ ނޮވެމްބަރު 5 ވަނަ ދުވަހު އެވެ.

އިޒްރޭލުގެ އެއްގަމު ސިފައިން ޣައްޒާގެ ތެރެއަށް ވަންނަމުން އަންނަ ވަރަކަށް، ހަމާސްގެ ހަނގުރާމަވެރިންގެ ރައްދު ހަމަލާތަކުގައި އިޒްރޭލު ސިފައިންނަށް ލިބޭ ގެއްލުންތައް ވެސް އަންނަނީ ބޮޑުވަމުންނެވެ. އެ ގޮތުން މިދިޔަ ދެ ދުވަހުގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ވަނީ އިޒްރޭލުގެ އަސްކަރީ 24 އުޅަނދު ގޮއްވާލައިފަ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް ދެ ވަނަ މަހަށް ފެށިގެން ދިޔައިރު، ފަލަސްތީނުގެ 9700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 24000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2600 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2200 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 345 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5400 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 345 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.