ފަލަސްތީނަށް ނިއުކްލިއާ ބޮން އެޅުމާ ގުޅޭ ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނަށް ނިއުކްލިއާ ބޮން އެޅުމާ ގުޅޭ ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގާޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުމަކީ އޮތް އިހުތިޔާރެއް ކަމަށް ބުނެ، އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރު އަމިހައި އެލިޔަހު ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަލަސްތީނުގައި ކުށެއްނެތް އާންމުންނާ ދެކޮޅަށް އިޒްރޭލު ސަރުކާރުން އަސްކަރީ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި މިފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ވާހަކައެއް ދެއްކިއަސް އެކަމަށް އިޒްރޭލު ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދޭތީ ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ އަދި އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ގާނޫނާ ހިލާފު މި ފަދަ ވާހަކަތަކަށް ފިޔަވަޅު އަޅަން ވެސް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ގޮވާލައިފަ އެވެ.

ކުށެއްނެތް އާންމުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއިން ވަގުތުން ފިޔަވަޅު އަޅަން ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރިއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ފުރުސަތުދީ ހަރުދަނާކުރަން ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލަން ރާއްޖެއިން ގޮވާލާފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށިތާ މާދަމާ އެއް މަސް ވާނެ އެވެ. މިހާތަނަށް 10،000 އަށްވުރެ ގިނަ ޝަހީދުކޮށްލިއިރު، އޭގެ ތެރޭގައި 4،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ.