ހޮނު
ހޮނު

(އާދިއްތަ ދވަހުގެ ނޫހާ ގުޅޭ)

"ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފި!" މަޑުމަޑުން ފަހުމީ ބުނެލިއެވެ.

ވިއްސާރަ އަލިވިއެވެ. މާލެތެރެ ސާފުކޮށް، ކުރިން އޮތް ހާލަތަށް މާލެ ގެނައުމުގެ މަސައްކަތް ފޯރިއާ އެކުގައި ކުރިއަށް ދިޔައެވެ. ފަހުމީގެ ހިތަށް ވެރިވި ނުތަނަވަސްކަން ފިލާގޮތެއް ނުވިއެވެ. މުށިމަސްތަކަށް ފަހުމީ ފާރަލިއެވެ. އެ ރޭ ކަންތައް ވެގެންދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. މަސް ހިފައިގެން ފަހުމީ އައީ އިރާކޮޅުއެވެ. މަސްކަނޑައި، މަހުގެ ލޯތައް ހުރިތޯ ކަށަވަރު ކުރުމަށް ފަހު، ތެއްޔަށް އަޅައިފައި ފަހުމީ ޖޯލީގައި އިށީނެވެ. އައިމިނަ އައިސް މަސްތެލި ނަގައި ކިހިލީގައި ޖަހައިލިއެވެ. ކުރިން އައިމިނަ ތެލި ގެންދަނީ އެހެނެއް ނޫނެވެ. ފަހުމީ ވައްކަޅިން ބަލަން އިނެވެ. ތަންކޮޅަކަށް ހިނގައިފައި އައިމިނަ ބަލައިލިއެވެ. އެހެންޏާ ނުބަލާ ކަހަލަ ލާނެތް ބެލުމަކުންނެވެ. ތެލި ބަހައްޓައިފައި ފަހުމީއާ ދިމާއަށް އައިމިނަ ހިނގައިގަތެވެ. ކުރިން ލެއްވި ކޮންމެ ބަނޑިއަކަށް ދެބަނޑި ލައްވަމުންނެވެ. ފަހުމީ ފިސާރި ރަނގަޅަށް އައިމިނައަށް ބަލަހައްޓައިގެން އިނެވެ. އެއީ އައިމިނަ ނޫން ދެވަނަ ދެ މީހެއް ނޫނެވެ. ފަހުމީ ހިތާހިތުން ބުންޏެވެ. އެހެންނަމަވެސް، އެ ހިނގުމުގައި ޒުވާންކަމެއް ހުއްޓެވެ. އައިމިނަގެ ބެލުމުގައި އަސަރުގަދަ ގޮތެއް ހުއްޓެވެ. އެއީ އައިމިނަ ކިހިނެއް ހޯދައިގެންއުޅޭ ސިފަތަކެއް ހެއްޔެވެ؟ ކުއްލިއަކަށް އައިމިނައަށް ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟ އައިމިނަ އައިސް ފަހުމީ ގާތުގައި ހުއްޓުނެވެ. ފަހުމީގެ އުނގުގައި އިށީނެވެ. ޔަގީނުން ވެސް ކުރިއަށް ވުރެ އައިމިނަ ލުޔެވެ. އައިމިނަގެ ގައިން ފަހުމީއަށް ދުވީ ގަނދަކޯޅިން ދުވާ ކަހަލަ ތާޒާ ވަހެކެވެ. މުޅީން ވެސް އައިމިނަޔާ ނުގުޅޭ ކަންތަކެވެ.

"އަނބިމީހާއަށް ތި ވަރަށް ކަޅިއަޅަނިކޮށް އެސްފީނާޖެހިދާނެ." ފަހުމީގެ ކަންފަތްދޮށުގައި އައިމިނަ ވައިއަޑުން ބުނެލިއެވެ.

ދޭނެ ޖަވާބެއް ފަހުމީއަކަށް ނޭނގުނެވެ. ޖޯލީގެ ވަށައިގެން އޮތީ ގަސްތަކެވެ. އަނދިރިކަމެވެ. ފަހުމީގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ.

"ކާކުތަ ތީ؟" ފަހުމީގެ ދުލުން ބޭރުވީ ސުވާލެކެވެ.

"ބުނެދޭންވީ؟" ލޮލުގައި ދަމާބާރެއް އެކުލެވިފައިވާ އައިމިނަގެ ދެ ލޯ ތަންމިނަށް ހުޅުވައިލަމުން އެހިއެވެ. "ފަހުން ނާހައްޗޭ ލަހުން ކެއްކުނީ ކީއްވެހޭ؟ މަ ޒިންމާއެއް ނުވާނަން."

ފަހުމީއަށް ކާންއިށީނދެވުނީ ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށެވެ. ވަރުގެކޮޅަށް ނަލަހެދިގެން އައިމިނަ އައިސް ފަހުމީއަށް ސުފުރާ ތައްޔާރުކޮށްދިނެވެ. އެކި ކަހަލަ ރަހަތަކުން ފަޅުފިލުވައިލިއެވެ. ފަހުމީ ގެއަށް ނުވެސް ގެންނަ އެއްޗެހި ސުފުރާމަތީގައި ހުއްޓެވެ. ކަވާބުކުރި ކުކުޅެވެ. ދިރިފިޔާބަތެވެ. ކަށިކޭލުފަންޏާއި ބަނބުކޭލު ބޮނޑިބަތެވެ.

"އަވަށްޓެރިގެއަކުން ތަށިބަރިއެއް ގެނައީތަ؟" ފަހުމީ އެހިއެވެ.

"ކައިފަ ރަހަ ބުނާނީ. ސުވާލެއް ނޫން ކުރާނީ." އައިމިނަ ޖަވާބެއް ނުދިނެވެ.

ފަހުމީ އޮށޯތީ ދެބަނޑަށް ކައިގެންނެވެ. ކައިވެނީގެ ފޮނިކަން އިންތިހާއަށް ގަދަވުމާއެކު ލޯބީގެ އާ ބާބެއް ވެސް ހުޅުވުނީއެވެ. ޒަވާޖީހަޔާތް އާ ފެށުމަކުން ފެށުނީއެވެ. އެ ފަދަ ނަސީބެއް ލިބޭނީ ކިތައް ފިރިންނަށް ހެއްޔެވެ؟ ހިތަށް ނުކުޅަދާނަވާ ވަރަށް އުފާތައް ހިތުގައި ތޮއްޖެހެމުންދިޔައިރު ވެސް ފަހުމީގެ ހިތުގައި އެއް ސުވާލު ތަކުރާރުވިއެވެ. އެ ރޭ ގެނައި އެންމެ މަހެއްގެ ވެސް ލޯ ނެތީ ކީއްވެ ހެއްޔެވެ؟

ބޮޑުއިސްޓޯރާއި މާރުކޭޓާ ދެމެދު ފަޅުގައި، އައްޑޫހުވަދޫ އޮޑިފަހަރާއި އުތުރުގެ ބައްތެލިފަހަރުތައް އަޅާފައި އޮތެވެ. ދުވަހަކީ މާރުކޭޓު ތިޔާގި ދުވަހެކެވެ. އައްޑޫހުވަދޫ ބޮނޑިއާއި، އާރޮހާއި، ބިލެތާއި، ދޮންކޭލާއި، ވަޅޯމަހާއި ކާށި ގިނަ ދުވަހެކެވެ. މާފަންނު މަސްވެރިންގެ ގިނަ ދޯނިތައް ލެފީ ހައްސަބާނައިގެންނެވެ. އިސްޖަހައިލައިގެން ފަހުމީ އައިސް ދަރުމާރުކޭޓަށް ވަނެވެ. ދޮން ހުސެއިނު ފެނިދާނެކަމުގެ އުންމީދުގައެވެ.

"އައްސަލައިމް ޢަލައިކުމް!" ހުސެއިނުގެ އަޑު އިވުނީ ތަންކޮޅެއް ދުރުންނެވެ.

ފަހުމީ ބަލައިލިއިރު ހުސެއިނުގެ ގޮޅީގައި، ދެ އުކުޅުގައި އަތްވިއްދައިލައިގެން އޭނަ ހުއްޓެވެ. އެ ތަނުގައި ބަނބުކެޔޮގުޅިއާއި، ވަކަރާއި، ބަނބުކެޔޮ ދޮރުކަންޏާ، ބަނބުކެޔޮފިލަޔާ، ދަކަނދާއާއި، ހިރުނދާއި، ކުރެއްޖާއި ދިއްގާދަރުގެ ފުނިވަރުތައް ހުއްޓެވެ. ރާނާ އުވައާއި، ނާށްޓާއި، ކަނޑޫދަރު ވެސް ހުއްޓެވެ. އެ ވަރުން ނިމުނީކީ ނޫނެވެ. ކަނޑޫރިއްދަނޑިއާއި، އަޅޯފަރުމާނާއި، ބިއްފަނާއި، ކޮޅުފަނާއި، ބުރެވިދަނޑި ވެސް ހުއްޓެވެ.

"ކުކުޅެއް ދެރުފިޔާ ބަޔަށް، ހާލެއް ހަތަރު ރުފިޔާއަށް، ކާށްޓެއް ދިޔަލާރިއަށް، ދެ ރުފިޔާއަށް ތިން މާރު ދަރު،" ދޮން ހުސެއިނު ގޮވައެވެ. "ފަނަރަ ރުފިޔާއަށް ހަ ގޯނި އުވަ، މަގޫދަނޑި ދިހަލާރިއަށް، ވަކަރު ދެ ރުފިޔާއަށް."

ފަހުމީ އައިސް ދޮން ހުސެއިނު ގާތުގައި ހުރި ވަކަރުތައް މަތީގައި އިށީނދެލިއެވެ.

"ކަލޯ މިއަދު ކޮން ފިކުރެއްގަ؟" ފަހުމީގެ ކޮނޑުގައި ޖަހައިލައިފައި ހުސެއިނު އަހައިލިއެވެ. "މަށަށް މާ ދުރުން ފެނިއްޖޭ ކަލޭ ބިމަށް ތުންގަނޑު ހަރައިލައިގެން އަންނަތަން. އައިމިނަ ވަރިވެގެން ދިޔައީތަ؟"

"މަށަކަށް ނޭނގެ ފަށާނެ ހިސާބެއް ވެސް،" ފަހުމީ ޖަވާބުގައި ބުންޏެވެ. "ކަލޭ ތިއައީ އަތޮޅު އެންމެންގެ މުދާ ހިފައިގެންތަ އަޅެ ފަހެ؟"

ދޮން ހުސެއިނު އައިސް ފަހުމީ ގާތުގައި އިށީނެވެ.

"ދެން ކީއްކުރާނީ؟" ބޯކަހައިލައިފައި ހުސެއިނު ބުންޏެވެ. "ރައްޓެހިންވިއްޔަ. އަދި ކޮބާ؟ މި ފަހަރު ކުދި މާވަހަރު ވެސް ގެނައީމޭ. ފަންސަވީސް ރުފިޔާއަށް މާވަހަރެއް. އިހަށް ބުނެބަލަ ކަލެއަށް ދިމާވެގެން ތި އުޅޭ ކަމެއް."

ފަހުމީ ހުރިހައި ވާހަކައެއް ކިޔައިދިނެވެ. އައިމިނައާއި ދެމެދު ޖެހެމުންދިޔަ މައްސަލަތަކެވެ. ވަރިވާން އައިމިނަ ބޭނުންވެފައިވާ ވަރެވެ. އެކަމަކު، ހަމަ ކުއްލިއަކަށް އައިމިނައަށް އައި ބަދަލެވެ. އައިމިނަގެ ހިތުގައި އަނދަން ފެށި ލޯބީގެ ޖަޒުބާތެވެ. ހުސެއިނު އެ ވާހަކަ އަޑުއަހަން އިންގޮތުން ހީވީ އެއީ ހުސެއިނަށް އާ ވާހަކައެއް ނޫން ހެންނެވެ.

"މަށަކަށް ޓަސްލާފައެއް ނުބުނެވޭނެ މުށިމަސްތަކުގެ ލޯ ބޯލަނީ އައިމިނައެކޭ. ދެ ގޮތް އޮތީ،" ކައިރީގައި ހުރި ކޮތަޅެއް ހާވައިލައިފައި ތަވީދެއް ނަގަމުން ހުސެއިނު ބުންޏެވެ. "އައިމިނައަށް އެހެރީ ސިހުރެއް ޖެހިފަ ނޫނީ އޭނަ ސިހުރެއް ހެދީ. ކަލޭ ހާސްނުވޭ! މި ރޭ ކަލެއަށް ޔަގީންވާނެ. މި ތަވީދު ގެންގޮސް ގޭގެ މައިދޮރުގެ ދޮރުކަނީގަ އައްސާލާ! އައިމިނަ ނޫންކަމަށް ވެއްޖެއްޔާ މި ރޭ ދަންވަރު ގެއިން އޭނަ ނުކުންނާނެ. ދެނެއް ގެއަކަށް ނުއެއް ވަދެވޭނެ. މި ރޭ ބާރައިގެ ފަހުން ނޫނީ ކަލޭ ނަމަނަމަ އައިމިނަޔާ ވާހަކަނުދައްކާތި!"

ހުސެއިނަކީ ރާއްޖޭގެ ނަން މަޝްހޫރު ފަންޑިތަވެރިއެކެވެ. އިނގިލިން ކުކުޅަށް އިޝާރާތް ކޮށްލައިފައި ވަގުތުން ކުކުޅު މަރައިލާ މީހެކެވެ.

"އެކަމަކު އެއީ އައިމިނައަށް ނުވެއްޖެއްޔާ މަގޭ އައިމިނަ ކޮބާ؟" ފަހުމީ ސުވާލުކުރިއެވެ.

"ތި ސުވާލު އުފެދޭނީ މި ރެއެއްނު،" ތެދުވަމުން ހުސެއިނު ބުންޏެވެ. "މަށާ ބައްދަލުވާނެ މާދަމާ ވެސް."

ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައި ތަވީދު ހިފައިގެން ފަހުމީ ގެއަށް އައެވެ. އައިމިނަ ގެއަކު ނެތެވެ. ބަދިގެއާ ގިފިއްޔަކު ވެސް އޭނައެއް ނެތެވެ. އެއީ އަނެއް ކަންތަކެވެ. އައިމިނަ ދާތަނެއް ފަހުމީއަކަށް ނޭނގެއެވެ. އެހިޔަސް އައިމިނަ ނުބުނެއެވެ. ފަހުމީ ފަރުވާތެރިކަމާއެކު ދޮރުކަނި މަތީގައި ތަވީދު ހަރުކޮށްލިއެވެ. އެ އަށް ފަހު ބޮޑުއަށްޓަށް އަރައި އިށީނެވެ. އައިމިނަ ނުކުތީ އެތެރެގޭތެރެއިންނެވެ. ދޮރުފޮތިގަނޑު ހިއްލައިލައިފައި ފަހުމީއަށް ބަލައިލިއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އައިމިނައަށް އެނގުނު ކަހަލައެވެ. ވާހަކައެއް ނުދައްކައެވެ. އަނެއްކާ ވެސް ވަނީ އެތެރެއަށެވެ. އައިމިނަ ދާކަށް ފަހުމީ ބޭނުމެއް ނޫނެވެ. ހަމަ އެހެންމެ، އެއީ ފަހުމީގެ އަނބިމީހާ ނޫން ނަމަ، ގޭގައި އޭނަ ހުންނާކަށް ވެސް ފަހުމީ ނޭދެއެވެ.

އިރު އޮއްސުނެވެ. ފަހުމީ ނަމާދުކޮށްލައިގެން ވެސް އައިސް އިންނަނީ ބޮޑުއަށީގައެވެ. އައިމިނަ ކޮންމެވެސް ކަމެއް ކުރާކަން ފަހުމީއަށް އެނގެއެވެ. ވަދެ ބަލައިލާކަށް ނުކެރުނެވެ. އެ ރެޔަކު އައިމިނަ ކާކަށް ނަހަދައެވެ. ފަހުމީ އިންތޯ އިރުއިރުކޮޅާ ބަލައިލައެވެ.

ދަންވަރު ބާރަޖަހަން އުޅެނިކޮށް އައިމިނަ ނުކުތެވެ. އޭނަ ހުރީ ހުސްފައިގައެވެ. އަތުގައި މުށިމަސްފައްޗެއް އޮތެވެ. އެންމެ މަހެއްގެ ވެސް ލޮލެއް ނެތެވެ. މަޑުމަޑުން ހިނގައިލައިފައި އައިސް ފަހުމީ ކުރިމައްޗަށް ހުއްޓުނެވެ.

"ބޭނުންވި ސުވާލުގެ ޖަވާބު ލިބިއްޖެ؟" ސުވާލުކުރުމަށް ފަހު އައިމިނަ ބަނޑުގައި އަތްޖައްސައިލިއެވެ. "މި ދަރި ވިހަންދެން މަޑުކޮށްލި ނަމަ."

ފަހުމީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އައިމިނަ މަސްފަތި އެއްލީ ފަހުމީގެ އުނގަށެވެ.

"ތީގެ ބޮޑުބައި މި ދެނީ ކަލެއަށޭ،" އައިމިނަގެ އަޑު ކުރިއަށް ވުރެ ތޫލިވިއެވެ. "ދަހިވެތިވިޔަސް ތި ވަރު ބޮޑު."

ކާޅެއް ގޮވައިލި އަޑު ކަހަލަ އަޑެއް ބޭރުން އިވުނެވެ. ބޭރަށް ބަލައިލައިފައި، ވަރަށް ތޫލި އަޑަކުން ހަމަ އެ ގޮތަށް އައިމިނަ ޖަވާބުދިނެވެ. ފަހުމީއަށް ޖެހިލެވުނީ ފަހަތަށެވެ. އައިމިނަ ހަތަރެސްފައިޖެހިއެވެ. ޖަނަވާރެއްގެ ބޮލުގެ ކެހެރިތައް ފޮޅައިލާހެން އައިމިނަގެ ބޮލުގެ އިސްތަށިގަނޑު ދެ ފަރާތަށް ފޮޅައިލިއެވެ. ދޮރާ ދިމާއަށް ދުއްވައިގަތެވެ. އޮޅިމަތިން ބޭރަށް ފުންމައިލިއިރު ވެސް ހީވީ ޖަނަވާރެއް ފުންމައިލިހެންނެވެ. ކުރިން ގޮވި އަޑަށް ވުރެ ބާރަށް ގޮވައިލިއެވެ. އެ ހިސާބުން ހަމަހިމޭންވިއެވެ. އެތައް އިރެއްވާންދެން ފަހުމީ އިނެވެ. އެ އަށް ފަހު މަޑުމަޑުން ތެދުވެގެން ގޮސް ދޮރުން ބޭރު ބަލައިލިއެވެ. ފަހުމީއަށް ފެނުނީ، އަނދިރިގަނޑު ތެރޭގައި ދިއްލިފައި ހުރި ދެ ލޯ އެކަންޏެވެ. ފަހުމީ ބަލައިލުމާއެކު އެ ދެ އަލިކޮޅު ގެއްލުނެވެ. ދިޔުމުގެ ކުރިން ފަހުމީ ދެކިލަން މަޑުކޮށްލައިގެން އޮތް ކަހަލައެވެ.

ކަންތައް ހިނގައިދިޔަ ގޮތް ދޮންހުސެއިނު ކިޔައިދިނެވެ. އައިމިނަ ގާތަށް ރުޅިއައިސްގެން ސިހުރެއް ހަދައިފައި ނުކުމެގެންދިޔައީއެވެ.

އައިމިނަ ހޯދަން ފަހުމީ އުޅޭކަށް އައިމިނަ ބޭނުމެއް ނޫނެވެ. އެ ސިފަގައި އައިމިނައެއް ހުރުމަކީ ސިހުރުގެ ނަތީޖާއެވެ. އެ އެތި ފަހުމީއާ ފަހުން އަޅައިގަތީއެވެ. ކުރަން އައި ކަންތައް ނިމުނީމައި ވެސް ދާން ބޭނުން ނުވީއެވެ. ދިޔައީ އެހެން ގޮތެއް ނެތުނީމައެވެ. ފަހުމީގެ ހިތުގައި އުފެދިފައިވަނީ ސުވާލުތަކެކެވެ. އައިމިނައެއް ގޭތެރޭގައި ބަހައްޓައިފައި ދިއުމުގެ ބަދަލުގައި ފަހުމީއަށް ސިހުރެއް ނުހެދީ ކީއްވެބާއެވެ؟ ސިފަޖެހިގެން އައި އައިމިނައަށް، ޙަޤީޤަތުގައި ވެސް ދަރިއަކު ލިބުނުބާއެވެ؟ އެ ދަރިފުޅު ފަހުމީއަށް ދައްކާލަން ގެންނާނެބާއެވެ؟ އެ ދުވަހަކުން ފަހުމީ ކަންތައް ކުރާނީ ކިހިނެއްބާއެވެ؟ ހައްތާ ވެސް ސުވާލެވެ. ފަހުމީއަށް ޖަވާބު އެނގޭނީ ވަގުތު އައިސް ޖެހުނީމައެވެ.

ނިމުނީ