4،000 ފްލެޓު ހަވާލުކުރުން އޭސީސީން ހުއްޓުވައިފި
4،000 ފްލެޓު ހަވާލުކުރުން އޭސީސީން ހުއްޓުވައިފި

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓަށް ޝަރުތު ހަމަވި 13،000 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓް ލިބޭ 4،000 މީހުން ކަމަށް އާއްމުކޮށްފައިވާ ލިސްޓަށް ފްލެޓް ހަވާލުކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ހުއްޓުވައިފި އެވެ.

އޭސީސީން އެކަން ހުއްޓުވީ ފްލެޓުގެ ދާއިމީ ލިސްޓު އިއުލާންކުރުމާ އެކު އެއީ އިންސާފުން ބޭރުން އެކުލަވާލައި އާއްމުކޮށްފައި އޮތް ލިސްޓެއް ކަމުގެ ޝަކުވާ ބޮޑުވެ މައްސަލަ އެ ކޮމިޝަނަށް ވެސް ހުށަހެޅުމުންނެވެ. ފްލެޓަށް ޕޮއިންޓް ދިނުމުގައި ހާމަކަމެއް އަދި އިންސާފުވެރިކަމެއް ނެތް ކަމަށް ބުނެ އާއްމުން މިއަދު ވަނީ ޕްލޭނިން މިނިސްޓްރީ ދޮށުގައި ވެސް އަޑުއުފުލައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ނިންމާފައި އޮތީ ދާއިމީ ލިސްޓު އިއުލާންކޮށް، ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންނަށް ނޮވެމްބަރު 17 ގެ ކުރިން، ލިއުން ހަވާލުކުރުމަށެވެ. އެކަމަކު އޭސީސީން ޕްލޭނިން މިނިސްޓްރީއަށް އެންގީ އެކަށީގެންވާ މުއްދަތެއް ދީ ޝަކުވާތައް ބެލުމަށް ފަހު ނޫނީ ލިއުން ހަވާލު ނުކުރުމަށެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައުސިން މަޝްރޫއުގެ ދަށުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ލިސްޓް އާއްމުކޮށްފައިވަނީ ޝަކުވާ ހުށަހަޅަން ފުރުސަތު ނުލިބޭ ގޮތަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދާ ދިނުމުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

އެހެންވެ، އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދަން އަންގާފައިވާ ކަމަށެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު އޭގެތެރެއިން ދިރިއުޅުމުގެ ހާލަތު ނުބަލައި 4،000 މީހުން ހޮވި ގޮތާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތާއި ވެރިފައިކުރަން ސަރުކާރުން ކުރި މަސައްކަތް ހާމަކުރަން ވެސް ދަނީ ގޮވާލަމުންނެވެ. އެ ޝަކުވާތަކާ އެކު ޕްލޭނިން މިނިސްޓްރީއަށް ދިޔަ މީހުންނާ ބައްދަލުކުރައްވައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ވިދާޅުވީ ޕޮއިންޓް ދީފައި ވަނީ ފޯމުގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.