05 ނޮވެމްބަރ 2023 - 13:08

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއްޔެ އާއްމުކުރި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތާއި ވެރިފައި ކުރަން ސަރުކާރުން ކުރި މަސައްކަތް ހާމަކުރަން މިނިސްޓްރީއަށް އެއްވެ މިއަދު އިހްތިޖާޖްކުރި އާންމުން ޑިމާންޑުކޮށްފި އެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ފަހު ޕޮއިންޓާ އެކު އިއްޔެ ދާއިމީ ލިސްޓް އާއްމުކުރުމުން ވަރަށް ބޮޑެތި ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. ޝަރުތު ހަމަވާ 13،000 މީހުންގެ ތެރެއިން އެންމެ ފުރަތަމަ ނިމޭ 4،000 ފްލެޓް ދޭނެ މީހުން ކަނޑައެޅީ އިންސާފުވެރިކަމާ އެކު ފޯމުތައް އިވެލުއޭޓްނުކޮށް ކަމުގެ ކަންބޮޑުވުން ބޮޑެވެ.

ދާއިމީ ލިސްޓް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ނުރުހުންފާޅުކުރުމަށް ފަހު އެ ޝަކުވާތަކާ އެކު މިއަދު ވަނީ ޕްލޭނިން މިނިސްޓްރީ ދޮށަށް އެއްވެފަ އެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ވަނީ، މިނިސްޓްރީ ދޮށަށް އެއްވެ ތިބި މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕޮއިންޓް ދީފައި ވަނީ ފޯމުގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
ނަމަވެސް، އެ ތަނުގައި ތިބި މީހުން ބުނީ އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
"ދިރިއުޅުމުގެ ހާލަތު ބަލަން ނުގޮސް ކިހިނެއް އެގޮތަށް ޕޮއިންޓް ދެވޭނީ. އެ އުސޫލުން ދެންޏާ ދޮގު މައުލޫމާތު ފޯމުގައި ހުއްޓަސް ޕޮއިންޓް މަތިން ލިބޭނެ ދޯ،" އެތަނުގައި ހުރި މީހަކު ބުންޏެވެ.
"ފުރަތަމަ ކަމަކަށް، ވަގުތީ ލިސްޓު ނެރުނު އިރުގައި އެ މީހަކަށް ލިބުނު ޕޮއިންޓް ފެންނަން އޮންނަން ޖެހޭނެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާއިރު ލިބުނު ޕޮއިންޓް ފެންނަން އޮންނަން ޖެހޭނެ. އެކަމަކު ޕޮއިންޓް މި ހިމެނީ ދާއިމީ ލިސްޓުގައި އެކަނި."
ހައްގު މިންވަރަށް ވުރެ މަދުން ޕޮއިންޓު ލިބުނު ކަމަށާއި ޝަރުތު ހަމަވެގެން ނުވާނެ ބަޔަކަށް ފްލެޓު ލިބުނު ކަމުގެ ޝަކުވާ ވެސް އާންމުން ކުރި އެވެ.
"އަޅުގަނޑު އަންބަކާއި ތިން ދަރިންނާ އެކު މާލޭގައި ކުދިކުދި ތަންކޮޅުކޮޅުގައި ކުއްޔަށް ދިރިއުޅޭތާ 30 އަހަރު މި ވަނީ. އެކަމަކު އަޅުގަނޑަށް ވުރެ މާ ފަހުން މާލެ އައިސް މިތާ ދިރިއުޅޭތާ 15 އަހަރު ވެސް ނުވާ މީހުންނަށް ޝަރުތުހަމަވެގެން ފުރަތަމަ ބުރުގައި އެބަ ފްލެޓް ލިބޭ،" މިނިސްޓްރީ އަށް ޝަކުވާ ހިފައިގެން ދިޔަ އެހެން މީހަކު ބުންޏެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު އާންމުކުރި ޚަބަރު އިއްޔެ "މިހާރު"ގައި ޖެހުމުން ވެސް މި ކަހަލަ އެތައް ޝަކުވާއެއް ކޮމެންޓުތަކުގައި ހުއްޓެވެ.
ބައެއް މީހުން ބުނި ގޮތުގައި ކޮންމެ މީހަކަށް ލިބުނު ޕޮއިންޓް ލިސްޓުގައި އޮތަސް، އެ ޕޮއިންޓް އެމީހަކަށް ލިބުނީ ކޮން ގޮތަކަށް ބަލައިފައިކަން އެނގެން ނެތުމުން ލިސްޓުގެ ސައްހަ ކަމާ މެދުގައި ސުވާލު އުފެދެ އެވެ. ޕޮއިންޓް ދިން ގޮތް އާންމު ނުކުރި ނަމަވެސް، ޕޯޓަލް އިން އެ މީހަކަށް އަމިއްލަ ބެލޭނެ ގޮތަށް ވިޔަސް، އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ބައެއް މީހުން ބުންޏެވެ.
އެތަނުގައި ތިބި މިނިސްޓްރީގެ ސްޓާފުން ވަނީ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން އެދިފަ އެވެ. އެކަމަކު، އެއްވެ ތިބި މީހުން އެދުނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ނުވަތަ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ބައްދަލުކޮށްދިނުމަށެވެ.
އެ މީހުންގެ ތެރެއަށް އަކްރަމް ނުކުމެވަޑައިގަތުމާ އެކު ގިނަ ސުވާލުތަކެއް އޭނާއަށް އަމާޒުކުރި އެވެ. ޕޮއިންޓް ދީފައި އޮތީ އިންސާފުން ނޫން ކަމަށާއި ވަރަށް ބޮޑަށް އޮޅުވާލައިގެން ވަކި ބަޔަކަށް ކަމުގެ ޝަކުވާ ކުރި އެވެ. ބައެއް މީހުން ތުހުމަތުކުރި ގޮތުގައި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެދުނު ބައެއް މީހުންނަށް އިންސާފުން ބޭރުން ގިނަ ޕޮއިންޓް ދީފައިވެ އެވެ.
މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން އަކްރަމް ވިދާޅުވީ ޕޮއިންޓް ދީފައި ވާނީ ހުށަހެޅި މައުލޫމާތަށް ބަލައިގެން ކަމަށެވެ. އެކަމަކު ޝަކުވާ ބޮޑުވުމުން ދާއިމީ ލިސްޓަށް އެ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބައެއް މީހުން ގޮވާލީ ލިސްޓް ބާތިލްކޮށް އިންސާފުވެރިކަމާ އަލުން ޕޮއިންޓް ދިނުމަށެވެ.