އުރީދޫ "ފަން ރަން" އަންނަ މަހު ބާއްވަނީ
އުރީދޫ "ފަން ރަން" އަންނަ މަހު ބާއްވަނީ

އުރީދޫގެ "ފަން ރަން" އަންނަ މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނު ކޮށްފި އެވެ.

"ފަން ރަން" އަކީ އުރީދޫން ބާއްވަމުން ދިޔަ "ކަލާ ރަން" ރީ ބްރޭންޑްކޮށް ބާއްވަމުންދާ ދުވުމެވެ. މި ދުވުމުގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ މި ދުވުމަކީ ހުރިހާ އުމުރުފުރާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ދުވުމެއް ކަމަށެވެ. އަދި ފާއިތުވި އަހަރު ފަދައިން މި އަހަރު ވެސް ދުވުމުގައި ކޮންމެ ކިލޯ މީޓަރަކުން މަޖާ އޮބްސްޓެކަލްސްތަކެއް ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މި އަހަރުގެ "ފަން ރަން" ބާއްވާ ހަފްތާ ބަންދަކީ ތަފާތު، މަޖާ ހަފްތާ ބަންދަކަށް ހެދުމުގެ ގޮތުން ދުވުން އޮންނަ ދުވަހުގެ ހެނދުނު ޑްރޯން ރޭހެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. މި ޑްރޯން ރޭހަކީ ރާއްޖޭގެ ޑީޖޭއައިގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ސްޓެބަސިސްއާ ގުޅިގެން ބާއްވާ ރޭހެކެވެ.

ސްޓެބަސިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވީ މި ރޭހުގައި ބިގިނާ ލެވަލްގެ މުބާރާތަކާއި "ޕްރޯ" ލެވަލްގެ މުބާރާތެއް އޮންނާނެ ކަމަށެވެ. އަދި މުބާރާތަށް ބައިވެރިން ތައްޔާރުކުރުމުގެ ގޮތުން ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މުބާރާތް ކުރިއަށް ދާއިރު އާއްމުންނަށް ޑްރޯން ފްލައިކުރުން ތަޖުރިބާކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑްރޯން މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ.

އުރީދޫ "ފަން ރަން"ގެ ކިޓުތައް މޫލީ މެދުވެރިކޮށް ގަނެވޭނެ އެވެ. އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.

އުރީދޫން މި އަހަރު ކުޅުދުއްފުށީގައި ވެސް "ފަން ރަން" ބޭއްވި އެވެ. މި ދުވުމަށް ވެސް ބޮޑު ތަރުހީބެއް ލިބުނުކަން އެ ކުންފުނިން ފާހަގަކުރެ އެވެ.