07 ފެބުރުއަރީ 2017 - 18:59

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި އިބްރާހިމް ހަމްދާންގެ މޮޅު ކުޅުމާ އެކު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު މާލޭގައި 3-0 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށް ކްލަބް ވެލެންސިއާ މުބާރާތުގެ ޕްލޭ އޮފް ބުރުން ޖާގަ ހޯދައިފި އެވެ.

ވެލެންސިއާ ޕްލޭއޮފް ބުރުގައި ކުޅޭނީ ސްރީލަންކާގެ ކޮލަމްބޯ އެފްސީ އާއި އިންޑިއާގެ މޯހަން ބާގަން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މޯހަން ބާގަން ވަނީ ކުޅުނު ފުރަތަމަ ލެގުން ރަށުން ބޭރުގައި 2-1 އިން ކޮލަމްބޯ އެފްސީ ބަލިކޮށްފަ އެވެ. ދެ ވަނަ ލެގު އޮންނާނީ މިރޭ އިންޑިއާގެ ކަލްކަތާގަ އެވެ.

މިއަދުގެ މެޗުގައި ވެލެންސިއާ އިން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކުރީ ފަހު 12 މިނިޓް ތެރޭގަ އެވެ. ހަމްދާންގެ އިތުރުން އަނެއް ދެ ލަނޑު ޖެހީ ބިދޭސީ މިޑްފީލްޑަރު ޕްރިންސް ޗިންޑާ އަދި އަހުމަދު ރިލްވާން (ރިލޭ) އެވެ.
މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަމްދާން ކުޅެން އެރީ މެޗުގެ ފަހު 25 މިނިޓަށެވެ. ފުރަތަމަ ލަނޑު ޖެހިއިރު، ދެ ވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޭނާ އެވެ.
މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކި ވެލެންސިއާ އިންނެވެ. ފުރަތަމަ ހާފްގައި ތިމްޕޫ ހާފް ތެރޭގައި އެ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެހެން ނަމަވެސް ތިމްޕޫ ކީޕަރު ގަވަންގް ޖަމްޕެލް ވަނީ އެ ހަމަލާތައް މަތަކޮށްފަ އެވެ.
މެޗުގެ ހަތަރު ވަނަ މިނިޓްގައި ވެލެންސިއާގެ މުހައްމަދު ތަސްނީމް (ތައްތި) ނަގައިދިން ހުރަހަކުން ތިމްޕޫ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ރިލޭ ބޮލުން ފޮނުވާލި ބޯޅަ ޖަމްޕެލް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ 10 މިނިޓް ތެރޭގައި ވެލެންސިއާގެ ބިދޭސީ ފޯވާޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް ވެސް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ވެސްޓް ފޮނުވާލި ދެ ޝޮޓު ވެސް ޖަމްޕެލް ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 25 ވަނަ މިނިޓްގައި ރިލޭ ވަނީ އޭރިއާ ބޭރުން ކުޅުންތެރިޔަކު ކައިިރިން ނައްޓާލުމަށް ފަހު ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭނާ ތިރިތިން ފޮނުވާލި ބޯޅަ ވެސް ބޭރުކޮށްލީ ޖަމްޕެލް އެވެ.
މި ހާފްގައި ތިމްޕޫ އިން ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން މެޗުގެ 32 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު، ބޫޓާން ގައުމީ ޓީމުގެ ފޯވާޑް ޗެންޗޯ ގެޔެސްޓެން ނަގައިދިން ހުރަހަކުން އެ ޓީމުގެ ކަރްމާ ޝެޑްރަޕް ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
މީގެ އިތުރުން ވެލެންސިއާ އޭރިއާ ތެރެއިން ތިމްޕޫގެ ކަރަން ގުރުން އަށް ލިބުނު ބޯޅަ އޭނާ ލަސްކޮށްލުމުގެ ސަބަބުން ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ވެސް ވެލެންސިއާގެ ވެސްޓް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ތިމްޕޫ ޑިފެންޑަރަކު ކައިރިން ނައްޓާލުމަށް ފަހު ވެސްޓް ފޮނުވާލި ބޯޅަ ވެސް ޖަމްޕެލް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ބޫޓާންގެ ޗެންޗޯ އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޗެންޗޯ ފޮނުވާލި ބޯޅަ ދަނޑި ކައިރިން ދިޔައިރު އޭގެ އިރުކޮޅެއް ފަހުން ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗު ބަދަލުވީ މެޗުގެ ފަހު 25 މިނިޓަށް ތަސްނީމްގެ ބަދަލުގައި ހަމްދާން އެރި ފަހުންނެވެ. ބީޖީ ސްޕޯޓްސް ދޫކޮށް މި ފަހަރު ވެލެންސިއާ އަށް ބަދަލުވި ހަމްދާން އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. ތިމްޕޫ ޑިފެންޑަރަކު ކައިރިން ނައްޓާލުމަށް ފަހު ހަމްދާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ވެލެންސިއާ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. ތިމްޕޫ ހާފް ތެރެއިން ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށް ފަހު ހަމްދާން ހުސްކޮށްލާފައި އެ ޓީމުގެ ޕްރިންސް އަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.
ވެލެންސިއާގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ރިލޭ ކާމިޔާބުކުރީ ބޫޓާން ކުޅުންތެރިން ކުރިއަށް އަރައި ތިބި ވަގުތު ކައުންޓަ އެޓޭކެއްގަ އެވެ.
ތިމްޕޫ ޓީމުގައި ބޫޓާން ގައުމީ ޓީމަށް ކުޅޭ 10 ކުޅުންތެރިން ތިބިއިރު، މިއީ އޭއެފްސީ ކަޕްގެ ބުރެއްގައި ބޫޓާނަށް ނިސްބަތްވާ ޓީމެއް ކުޅުނު ފުރަތަމަ ފަހަރެވެ.
ކޮލަމްބޯ އެފްސީ އާއި މޯހަން ބާގަން ތެރޭން އަންނަ ޓީމަކާ ޕްލޭއޮފް ބުރުގައި ވެލެންސިއާއާ ކުޅެގެން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ލައްވާލާނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަމްބާނީއާ އެއް ގްރޫޕެއްގަ އެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގަ އެވެ.