05 ނޮވެމްބަރ 2023 - 09:10

ބުދަ ދުވަހާ ގުޅޭ
އުފަލަކަށް ކުރި ކަމެއް ރިހުމަކަށް ވެދާނެކަމަކަށް ލުބާނާ، ފަހަރެއްގައި ވެސް ހިޔެއްނުކުރެއެވެ. ރަޒީން ދެކެ ލުބާނާ ލޯބިނުވަނީކީ ނޫނެވެ. އެކަމަކު، ކޮންމެ ކަމެއްގައި ވެސް ހައްދެއްއޮންނަން ޖެހޭނެއެވެ.
ދުވަހަކީ ވިއްސާރަ ދުވަހެކެވެ. އެ ފަދަ ކޮންމެ ދުވަހަކު، ހަނޑުލުބޮނޑިބަތް ނުވަތަ އެ ފަދަ އެހެން އެއްޗެއް ކާން ކުދިން ވަރަށް ބޮޑާހާކައެވެ. އެހެން ނޫނީ އެއީ ވިއްސާރަދުވަހެއް ނޫނެވެ. އެންމެ ހިނގަނީ ފޮނިފާރޮށްޓާއި ވަޅޯމަހެވެ. ފާރޮށިމޮޑުމަށް ޓަކައި ދޮންކެޔޮ ނޮޅަންހުރީ، ދޮށީ ދަރިފުޅު މާހީއެވެ. ލުބާނާ ހުރީ ދޮންކެޔޮ ޗަސްކުރާށެވެ.
"ހަސަންއަށް ޖެހޭނެ އެތިކޮޅެއް ނަގަން،" ކުއްލިއަކަށް ހަނދާންވީމައި ބުނާ ކަހަލަ ގޮތަކަށް މާހީ ބުންޏެވެ. "މަންމަ ފާރޮށި މޮޑުނުކަން އެނގިފަ، ހަސަންއަށް އެތިކޮޅެއް ނުލިބިއްޖެއްޔާ އަހަރެން ވަރަށް ކުށްވެރިވާނެ. ތަންކޮޅެއް ގިނައިން ހުނި އަޅައްޗޭ! އޭނައަށް މީރުވާނީ ގިނައިން ހުނި..."
"ލުބާނާ!" ރަޒީންގެ އަޑުއިވުނެވެ. "ލުބާނާ!"
ރަޒީން ގޮވި ނަމަވެސް، ހުރިހައި ކޭލެއް ޗަސްކޮށްފައި ނޫނީ ނުދާން ލުބާނާ ހިތްވަރުކޮށްލިއެވެ. ދެން ފެނުނީ ރަޒީން އައިސް ލުބާނާ ކައިރީގައި ހުއްޓުނު ތަނެވެ.
"ގޮށްއަޅުވައިދީބަލަ!" ގަމީސްލައިގެން ގޮށްނާޅުވާހުރި ރަޒީން ބުންޏެވެ. "މިހާރު ވެސް ލަސްވެއްޖެ! މިއަދު ގަޑިޖެހޭނެ."
"މަންމަގެ އަތްހަޑި،" މާހީ ބުންޏެވެ. "ގެނޭ މަގޭ އަތަށް."
އެ ކަން ކޮށްދޭން މާހީ އުޅުނެވެ. ރަޒީނަކަށް ކަމަކުނުދިޔައެވެ. ލުބާނާ ބުނެބުނެ ވެސް ރަޒީން އަމިއްލައަކަށް އެ ކަމެއް ނުކުރިއެވެ. ލުބާނާ ޖެހުނީ އަތްދޮވެގެން އައިސް ގޮށްއަޅުވައިދޭށެވެ. އެ ވަރަކުން ނުނިމުނެވެ.
"މި ނިޔަފަތީގެ ކަން ވަންނާތީ މިއުޅެނީ،" ކަނާއަތުގެ ބޮޑުވައި އިނގިލި ދައްކައިލަމުން ރަޒީން ބުންޏެވެ. "ހިނގާބަލަ މި ކަން ކޮށްލަދޭން. ގަމީހާ ގުޅޭ އިސްޓާކީނެއް ވެސް ނަގައިދީބަލަ!"
އޭރު ލުބާނާގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުން ނުލަމުންނެވެ. އެހެނަސް އެއްޗެއް ނުބުނެއެވެ. މާހީޔާ މަސައްކަތް ހަވާލުކޮށްފައި ދިޔައީއެވެ. އެ ވަރަށް ގައިގަ ތަތްކޮށްލައިގެން އުޅުމުން ލުބާނާއަށް އުނދަގޫވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ކެކެމުންދިޔައީ އެތެރެއެތެރެއިންނެވެ. ބޭރަކަށް އޭރަކު އަދި އުދާހެއް ނުނިކުމެއެވެ.
ރަޒީންގެ އެ ފަދަ މަންޒަރުބަލަން އުނދަގޫވަނީ ދަރިންނަށެވެ. ބައެއް ދަރިން އެ ވާހަކަ ލުބާނާ ގާތުގައި ދައްކާ ވެސްމެއެވެ. ލުބާނާގެ އުންމީދަކީ ލުބާނާ ފަދަ އަންބަކަށް ހުރިހައި ދަރިން ވެސް ވުމެވެ. ލުބާނާ މަންމަގެ ފޮޅުވަތް މަތީ ދަރިން ވެސް ފޮޅުވަތްއެޅުމެވެ. އަމިއްލަ ތަޖުރިބާ ކިތަންމެ ހިތި ނަމަވެސް، ކުރިން ބުނެވިފައިވާ އެއްޗެއްގައި ހިފާއްޓައިގެން ލުބާނާ ހުރީއެވެ. އެއީ ވާ ގޮތެކެވެ. މާ ގިނަ ދުވަހު އެކައްޗެއް ކިޔައިފައި އެ ބަދަލުކުރުމަކީ، ކޮންމެކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ.
ކައިވެނި ދާ މިސްރާބާ މެދު ލުބާނާ ވިސްނާތާ ކިތަންމެ ދުވަހެކެވެ. އެ ކައިވެންޏަކުން ތިމާއަށް ހިތްހަމަޖެހުމެއް ނުލިބޭ ކައިވެންޏެއްގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ފިރިމީހާ ފެނުމުން ފޫހިވާ ނަމަ، އޭނަ ނުފެންނަ ހިސާބަކަށް ދިޔުމަށްވުރެ ބުއްދިވެރި ގޮތެއް ކޮބައިހެއްޔެވެ؟ ހުރިހައި ވެސް މައްސަލައަކީ، އެހެން މީހުން ބުނާނެ އެއްޗަކާ މެދު ލުބާނާއަށް ވިސްނޭތީއެވެ. ޒާތީކަންކަން އެހެން މީހުންނަށް ކިޔައިދިނުމަކީ ލުބާނާއަށް ފަސޭހަކަމެއް ނޫނެވެ. ވީމައި ލުބާނާ އުޅުނީ ތިމާއަކީ އެންމެ އުފާވެރި އަނބިމީހާއަށް ހެދިގެންނެވެ. އެ މޫނުމަތި ނަގަނީ ލުބާނާ އެކަނިވާ ވަގުތުއެވެ. ރޯލަނީ ވެސް އެ ވަގުތުއެވެ. އެއީ ދިރިއުޅުމެއް ނޫންކަން ލުބާނާއަށް ވެސް ވިސްނެއެވެ.
ލުބާނާއަށް އެނގިފައިވާ ގޮތުގައި، ވަރިޔަށްއެދުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ނުއުފުލޭ ވަރުގެ ބުރައެއް އެކަކަށް ވެސް ނުޖައްސަވާނެއެވެ. ކިތަންމެ ފަހަރަކު ލުބާނާ ހިތަށްއަރައެވެ. ލުބާނާ ފިނޑީހެއްޔެވެ؟ ކެތްތެރިކަން ކުޑައީހެއްޔެވެ؟ ލުބާނާއަށް ވުރެ މާ ހާލުގައި އުޅޭ މީހުން ވެސް އުޅެއެވެ. އަނިޔާކުރާ ފިރިންގެ އަތްދަށުވެ، އުއްފު ވެސް ނުބުނެ އުޅެއެވެ. ލުބާނާގެ ރައްޓެހިންގެ ތެރޭގައި އެ ފަދަ މީހުން އެބަ ތިއްބެވެ. އެހެނަސް އެ މީހުން ވެސް ބޭރަށް ދައްކަނީ އެހެން މަންޒަރެކެވެ.
ރަޒީން ރާއްޖެއިން ބޭރަށް ދިޔަ ފަހަރަކު ލުބާނާ މާލެއިން ނެރެން ޒާހިދާ ބޭނުންވިއެވެ. ޒާހިދާއަކީ، ކޮންމެ ދުވަހަކު ލުބާނާގެ ހާލުބަލާ އެކުވެރިއެކެވެ. ނަފުސާނީ ގޮތުން ލުބާނާ ވެއްޓިފައިވަނީ ކިހައި ފުން ވަޅުގަނޑަކަށްކަން ވިސްނޭ ހަމަ އެކަނި މީހަކީ ވެސް ޒާހިދާއެވެ. އެތައް ވާހަކައެއް ދައްކައިގެން، ލުބާނާ ގޮވައިގެން ޒާހިދާ ވިލިނގިއްޔަށް ދިޔައެވެ. ހެނދުނުއްސުރެ މަސައްކަތްކޮށްގެން ދެވުނީ އަސުރުގެ ފަހުންނެވެ. ރަށުތެރޭގައި ހިނގަމުން ދަނިކޮށް ޒާހިދާގެ އެކުވެރިޔަކު ފެނިގެން އޭނަޔާ ވާހަކަދައްކައިލައިފައި ދެން ބަލައިލި އިރު ލުބާނާ ފެންނާކަށް ނެތެވެ. އެ ވަގުތު ޒާހިދާއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ. ލުބާނާ ކަނޑަށްއެރި މަރު ވެސް ވެދާނެއެވެ. އެހެން ވެއްޖެ ނަމަ، ލުބާނާގެ ކުދީންނަށް ޒާހިދާ ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ ލުބާނާގެ ހާލު އެނގިހުރެ ވިލިނގިއްޔަށް ގެނެސް، ފަރުވާކުޑަކޮށްލިކަމުގެ ތުހުމަތުން ޒާހިދާއަކަށް ސަލާމަތެއް ނުވެވޭނެއެވެ. އެހެން ހިތަށްއެރުމުން ތެޅިގެންފައި، އަވަސްއަވަހަށް ފޯނުނެގިއެވެ. އެއީ ޒާހިދާއަށް ލުބާނާ ފެނުނު ވަގުތެވެ. އޭނަ އިނީ އަތިރިމަތީގައި އިށީނދެލައިގެން އުދަރެހަށް ބަލަހައްޓައިގެންނެވެ. ޒާހިދާގެ ބޭނުމަކީ އެއީއެވެ. އެކަނި އިނދެ، ހަމަޖެހިލައިގެން ވިސްނާލަން ލުބާނާއަށް ވަގުތުކޮޅެއް ހޯދައިދިނުމެވެ. ޒާހިދާ މަޑުމަޑުން ހިނގާފައި އައިސް ލުބާނާގެ ފުރަގަހުގައި ހުއްޓުނެވެ. ލުބާނާ ކަރުނަ ފުހޭތަން ޒާހިދާއަށް ފެނުނެވެ. ކުރެވޭނެ އެހެން ކަމެއް ނެތިގެން، ލުބާނާގެ ކޮނޑުގައި ޒާހިދާ މަޑުމަޑުން ފިރުމައިލިއެވެ.
"އަހަރެން ދެން ގެއަކަށް ނުދާނަން،" ލުބާނާ މަޑުމަޑުން ބުނެލިއެވެ. "މި ތަން ހާދަ ހިތްހަމަޖެހެޔޭ!"
"ދާނެކަމެއް ނެތް،" ޒާހިދާ ހިތްވަރުދިނެވެ. "ލުބާނާ ތިތާ އިންހާ އިރަކު، އަހަރެން މި ތާ ހުންނާނަން. ބޭނުމިއްޔާ މާލެގޮސް އަހަރެންގެ ގޭގަ ވެސް ލުބާނާއަށް ހުރެވިދާނެ."
ލުބާނާގެ ނަޒަރު އުދަރެހަކުން ނުނެއްޓެއެވެ. އިތުރު ހަރަކާތެއް ވެސް ނުކުރެއެވެ. ލުބާނާއަށް ވަންނާނެ ތަނެއް ލިބުނަސް، ދެން ހުރި މައްސަލަތަކަށް ހަދާނެ ގޮތެއް ލުބާނާއަކަށް ނުވިސްނެއެވެ.
"ދޫންޏަކަށް ވި ނަމަ، އުދުހިގެން ގޮސް ލޮލުކޮޅަށް އޮބާލާނީ!" ލުބާނާ ބުންޏެވެ. "ދެން ނުވެސް އަންނާނަން."
"އަހަރެންގެ ފިރިމީހާ ނިޔާވީމަ އަހަރެން ބޭނުންވީ ގެ ދޫކޮށްލާފަ، ރާއްޖެއިން ފުރައިގެން ދާން،" ޒާހިދާ އަމިއްލަ ތަޖުރިބާ ހިއްސާކުރިއެވެ. "އަހަރެންގެ ދަރިން އުޅެނީ ބޭރުގަ. ކޮންމެ ކުއްޖަކު ވެސް ހުރީ އަހަރެން ގެންދާ ގޮތަށް. ދޮށީދަރި އަހަރެން ކައިރީގަ ބުނި އެއްޗެއް ބުނެފާނަން. އޭނަ ބުނީ މަންމާއޭ، ހިތާމައަކީ ހިޔަނިކަމަށް ހީކޮށްލާށޭ! ކޮންމެ ތާކަށް ދިޔަސް ހިޔަންޏަކަށް ނުފިލޭނޭ! މަންމަޖެހޭނީ، ހަތަރުކަޅި ހަމަކޮށް ހިތާމަޔާ ކުރިމަތިލާށޭ!"
"ތީގެ މާނައަކީ އަދި ވެސް އަހަރެން ކެތްކުރާށޭތަ؟" ލުބާނާ ސުވާލުކުރިއެވެ.
"އުހުނ! ލުބާނާ ވަރަށް ކެތްކޮށްފި. ދެން ވާނީ މޮޔަ. ބައެއް ފިރިހެނުންނަކަށް އެ މީހުންގެ އާދައެއް ބަދަލެއް ނުކުރެވޭނޭ ލުބާނާ!" ކެތްތެރިކަމާއެކު ޒާހިދާ ނަސޭހަތްދިނެވެ. "އެނގޭތަ؟ އަނެއްކާ ވެސް، ދުނިޔޭގަ ނެތް މީހެއްގެ ވާހަކަ މި ދައްކަންޖެހެނީ. އަހަރެންގެ ފިރިމީހާ ކާނީ ވަރަށް އަޑުގަދަކޮށް. ވަރިހަމަ ބޭރު ތަނަކަށް ދިޔަސް. ކިހާ ލަދުކަމެއް؟ އެތައް ފަހަރަކު ބުނިން ތި ކަން ހުއްޓާލަބަލާށޭ! ނުވި. އޭނަ ކައިފަ ނިކަން ބާރަށް ވައިލާނެ. އެ ކަން ވެސް ހުއްޓުވަން އުޅުނިން. ނުވި. އެންމެ ދެ ކަންތައް ހުއްޓުވަން އަހަރެން އެތައް އަހަރަކު މަސައްކަތްކުރިން. ނުވިޔޭ! ލުބާނާ ކިހިނެއް އެއް ހާސް ކަންތައް ބަދަލުކުރާނީ؟"
"ތިހެން ނުބުނެ އަހަންނަށް ގޮތެއް ބުނެދީބަލަ!" ލުބާނާ އެދުނެވެ.
"އެއްފަހަރު ވެސް ނުކޮށްދީބަލަ!" ޒާހިދާ ބުންޏެވެ. "ބޭނުމިއްޔާ އޭނަ އަމިއްލައަށް ކުރާނެއްނު! ބޮޑުސިންގާ ފިރިހެނެއްވިއްޔަ!"
"ތިހެން ހަދައިފީމޭ! ނުކުރިޔޭ!" ޗޮކެއްކަނޑައިފައި ލުބާނާ ބުންޏެވެ. "ދެން ހަމަ ކުޑަކުއްޖެއްހެން ބޮޑާހާކާނީ. ކުރަންހުންނަ ހުރިހާ ކަމެއް ހުއްޓާލާފަ، ފިރިމީހާ ކުސްތަޅާތަން ބަލާކަށް އަހަންނަކަށް ނީނދެވޭނެ."
ލުބާނާ ހިތަށްއެރިއެވެ. ހަ ކުދިން އެބަ ތިއްބެވެ. މާމަދަރިން އެބަ ތިއްބެވެ. ކޮންމެ ގޮތެއްވިޔަސް، ވަރިޔަކަށް ނޭދޭނަމެވެ. ކުދިންނަށް ރަޒީން ހަރަދުނުކޮށްފާނެއެވެ. ކުދިން ގެއިން ނެރެލަފާނެއެވެ. ލުބާނާ ކުރާ ކަމަކުން ކުދިން ހާލުގަޖެހޭކަށް ލުބާނާ ބޭނުމެއް ނޫނެވެ. ކެތްކުރާނީއެވެ. ދޮށީ ދަރިފުޅަށް ވިސްނުނަސް، އެހެން ކުދިންނަށް ނުވިސްނިދާނެއެވެ. ލުބާނާ ބޭނުންވި ގޮތަށް ރަޒީން އުޅެން ފެށުމުން ލުބާނާއަށް އެ ގޮތް ކަމުނުދާންވީ ކީއްވެގެންހެއްޔެވެ؟ ވަރިވާން އުޅެފި ނަމަ، ލުބާނާ އެހެން މީހަކާ ހިތާވީކަމަށް ވެސް ކުދިން ހީކޮށްފާނެއެވެ. އެއަށް ވުރެ ލަދުވެތިކަމެއް ކޮބައިހެއްޔެވެ
ހަވީރު ސައިބޯން އަންނަން ބުނެގެން ރީނާގެ އެޕާޓުމަންޓަށް ލުބާނާ ދިޔަ ދުވަހެކެވެ. ރީނާއަކީ ތިންވަނަ ދަރިފުޅެވެ. ސައިބޯން އިންދައި ބަދީއު، އޮފީހުން އައިސް ވަނެވެ. ބަދީއުއަކީ ރީނާގެ ފިރިމީހާއެވެ. މައިދައިތައަށް ގޮވާލައިފައި، ކޮޓަރިއަށް ވަދެ ގަމީސް ބަދަލުކޮށްލައިގެން ނުކުތެވެ. ބަދީއު ލާންވީ ގަމީސް ދައްކަން ރީނާ ދާކަށް ނުޖެހެއެވެ. އަމިއްލައަށް ސައިތަށްޓެއް ހަދައިގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ވަރަށް އާދައިގެ، ކުދިކުދި ކަންތަކެވެ. ލުބާނާ ވަރަށް ގިނަ އެއްޗެހި ހިތަށްއެރިއެވެ. ސައިބުއި ތަށި ސިންކަށްލީ ވެސް ބަދީއު އަމިއްލައަށެވެ. އެއަށް ފަހު، ނިޔަފަތިކަނޑާ ދަތި ހިފައިގެން އައިސް ސޯފާގައި އިށީނދެ ނިޔަފަތިކަނޑަން ފެށިއެވެ. އެ ވާހަކަތައް ޒާހިދާ ގާތުގައި ނުދައްކައެއް ލުބާނާއަކަށް ނީނދެވުނެވެ.
"އަހަރެން އިނީ ހަމަ ދަތްބާރުވެފަ،" ލުބާނާ ފޯނުން ބުންޏެވެ. "އަހަރެންގެ ފިރިމީހާ ލައްވާ ލާހިކެއް ނޫން އެއިން އެއް ކަމެއް ވެސް ކުރުވާކަށް. އެކަމަކު ބަދީއުއަށް އެއްވެސް ކަމެއް ނޫން. ތަށި ވެސް ދޮވުނު. އަމިއްލައަށް ފެން ވެސް އެޅުނު. އެނގޭތަ؟ މޭޒު ވެސް ސާފުކޮށްދިނޭ!"
ޒާހިދާ ހޭންފެށިއެވެ. އެހައި ހައިރާންވެފައި ލުބާނާ އެ ވާހަކަދައްކާތީއެވެ. އެ ވަގުތު ރަޒީން ގެއަށް ވަނެވެ. ސޯފާގައި އިށީނެވެ. ދެފައި ލުބާނާއަށް ދިއްކޮށްލިއެވެ. އިސްޓާކީނު ބޭލުމަށް ޓަކައެވެ. އެ ކަން ނުވެސް ފެށިގެން އުޅެނިކޮށް، އައިސް ފެންތަށްޓެއް ބޭނުންވިއެވެ. ފެންތަށި ބަލައި ހިނގައިގަތް ވަގުތު، ބޫޓު އެތެރެއަށް ވެއްދުމަށް އެދުނެވެ. އެ ހުރިހާ އަޑެއް ޒާހިދާއަށް އިވުނެވެ.
"އެކަމަކުވާ!" ޒާހިދާއަށް ބުނެވުނެވެ.
-ނުނިމޭ-