12 ޖޫން 2016 - 08:09

ވެރިކޯން ވެއިންސް ނުވަތަ ނާރުތައް ފުއްޕައި އެނބުރިފައި ހުންނަ މީހުންނަށް މިކަމުގެ ސަބަބުން ވަރަށް ވޭނާއި އުނދަގޫ އިހްސާސްކުރަން ޖެހެ އެވެ.

އާންމުކޮށް މިގޮތަށް ފުއްޕަނީ ދެފައިގެ ނާރުތަކެވެ. މިއީ ހަށިގަނޑުގެ ބަރުދަނުގެ ޕްރެޝަރާއި ގްރެވިޓީއަށް ހަށިގަނޑުގެ އެންމެ ތިރިން ހިތަށް ލޭ ފޮނުވައިދިނުމުގެ މަސައްކަތުގައިގެ ތެރެއިން ދިމާވާ ކަމެކެވެ.
ހަށިގަނޑުގައިވާ އެހެނިހެން ނާރުތަކަށް ވުރެ ދެފައިގެ ނާރުތަކުގެ މަސައްކަތް މާބުރަ އެވެ. ފައިތިލައިން ފެށިގެން ހިތާ ހަމައަށް ލޭ ދައުރުކޮށްދިނުމުގެ ޒިންމާ އަދާކުރަން ޖެހޭތީ އެވެ.
ވެރިކޯސް ވެއިންސް އެކި މީހުންގެ ހުންނަނީ އެކި ވަރަށެވެ. މިފަދަ ނާރުތައް ގިނައިން އަދި މާ ބޮޑަށް ފުއްޕާފައި ތިބޭ މީހުންނަށް އެތަންތަނުގައި ވަރަށް ގަދަޔަށް ވޭން އަޅާތީ އުޅެން ޖެހެ އެވެ.
އެމެރިކާ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަށް އެމީހުންގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި މި އުނދަގުލާ ކުރިމަތިވާ ކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ނާރުތައް ފުއްޕުން މިއީ އާއިލީ ގޮތުން ވެސް ވާރުތަވާ ކަމެކެވެ. އަދި މީހާގެ އުމުރާއި ބަލިވެ އިން އަދަދާއި އަންހެން ހޯމޯންސް ވެސް ނާރުފުއްޕުމުގައި ދައުރެއް ކުޅެ އެވެ. އަދި ކޮޅަށް ގިނަ ވަގުތު ހުންނަން ޖެހޭ ކަހަލަ ވަޒީފާތައް އަދާކުރާ މީހުންނަށް މި މައްސަލަ ވަރަށް ގިނައިން ކުރިމަތިވެ އެވެ. އަދި ފަލަބައްޔަކީ ވެސް ނާރު ފުއްޕަން މެދުވެރިވާ ކަމެކެވެ.
ބައެއް ފަހަރަށް މިގޮތަށް ފުއްޕާ ނާރުތައް ފަޅައިގެންގޮސް ލޭ އަންނަން ވެސް މެދުވެރިވެ އެވެ. އަދި މިފަދަ ނާރުތައް އޮޕަރޭޝަން ކޮށްގެން ވެސް ރަނގަޅުކުރެ އެވެ.
ނަމަވެސް އަހަރެމެން އާންމުކޮށް މިކާން ބޭނުންކުރާ ޓޮމާޓޯ އިން، ނާރުފުއްޕާފައި ތިބޭ މީހުންނަށް ފަރުވާ ކުރެވޭކަން އެނގޭ ހެއްޔެވެ؟
މައި ސެންޓްރަލް ހެލްތު ކިޔާ އޮންލައިން ނޫހެއްގައިވާ ރިޕޯޓެއްގައިވާ ގޮތުން ފުއްޕާފައިވާ ނާރުތަކަށް ޓޮމާޓޯގެ ދެ ވައްތަރެއްގެ ފަރުވާއެއް ދެވިދާނެ އެވެ.
މިއީ ގޭގައި ތައްޔާރުކޮށްލެވިދާނެ ވަރަށް އާދައިގެ އެހެން ނަމަވެސް ވަރަށް ލުއި ލިބިގެންދާނެ ފަރުވާ އެކެވެ. ފެހި ކުލައިގެ ޓޮމާޓޯ ރީއްޗަށް ދޮވެލާށެވެ. އަދި ވަށް ފޮއްޗަށް ކޮށާށެވެ. ފުއްޕާފައިވާ ނާރުތަކުގެ މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާށެވެ. ބޭނުންނަމަ ބެންޑޭޖެއް އޮޅާލައި ބަންދުކޮށްލާފައި ކަށިޖަހާ ކަހަލަ ގޮތެއް އިހްސާސްވަންދެން ބަހައްޓާށެވެ. އެއަށްފަހު، ފިނިކޮށްފައިވާ ފެންފޮދަކުން ރީއްޗަށް ދޮވެލާށެވެ. މި ފަރުވާ ރަނގަޅަށް ދެވިއްޖެނަމަ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ އެވެ.
ދުވާލަކު ފަސް ފަހަރު މި ފަރުވާ ދޭން ޖެހެ އެވެ. ބޮޑަށް ރަނގަޅަކީ ޖައްސަޖައްސައިގެން ދިނުމެވެ.
މި ފަރުވާ ދޭން ފަށާތާ ދެ ހަފުތާ ތެރޭގައި، ފުއްޕާފައިވާ ނާރުތައް މަޑުމަޑުން ހިނދެން ފަށާނެ އެވެ. އަދި ތަދުވެސް މަޑުމަޑުން ކެނޑެމުންދާނެ އެވެ.
ފެހި ޓޮމާޓޯ ނޫނަސް ރަތް ޓޮމާޓޯ އިން ވެސް، ފުއްޕާފައިވާ ނާރުތަކަށް ފަރުވާ ކުރެވިދާނެ އެވެ.
މި ފަރުވާ ވެސް ކުރީގެ ފަރުވާ އާ މާބޮޑު ތަފާތެއް ނެތެވެ. ޓޮމާޓޯތައް ރީއްޗަށް ދޮވެލާފައި ވަށް ފޮއްޗަށް ކޮށާލާފައި ފުއްޕާފައިވާ ނާރުތަކުގެ މަތީގައި އަތުރާށެވެ. އަދި ބެންޑޭޖްކޮށްފައި 3-4 ގަޑިއިރު ބަހައްޓާށެވެ. އިރުއިރުކޮޅުން، ފައިގައި އަތުރާފައިހުރި ޓޮމާޓޯތައް ނަގާ އާ ޓޮމާޓޯ އަތުރަން ޖެހޭނެ އެވެ. މި ފަރުވާ ދޭން އެންމެ ރަނގަޅީ ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުގަ އެވެ.
މި ފަރުވާ ހޫނު މޫސުމުގެ ހުރިހާ ދުވަހެއްގައި ވެސް ހޯދިދާނެ އެވެ. އަދި ފެހި ޓޮމާޓޯގެ ފަރުވާއާ އެކު ދެ ފަރުވާ ވެސް އެކި ދުވަހު އެކި ފަރުވާ ކުރާ ގޮތަށް ގެންދެވިދާނެ އެވެ.
ޓޮމާޓޯއަކީ އޭގެ ޒާތުގައި ބަލިބަލި ފަސޭހަވާ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އޭގެ އޮށްތަކަކީ ވެސް ވަރަށް ގިނަ ބަލިތަކަށް ފަރުވާ ލިބޭ އެއްޗެކެވެ. އަދި އެސްޕްރިން ކަހަލަ ތަދުކަނޑުވާ ބޭހެއް ފަދައިން މަސައްކަތްކުރާ ސަބްސްޓެންސް އެއް ވެސް ޓޮމާޓޯގައި ހުރެ އެވެ. މިއީ ލޭ ދިޔާކޮށް ލޭ ގަނޑުވުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ. އަދި ލޭ ހޮޅިތަކުގެ ފަށަލަތައް ވަރުގަދަކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ފްލެވަނޮއިޑްސް ވެސް ޓޮމާޓޯގައި ހުރެ އެވެ.