04 ނޮވެމްބަރ 2023 - 10:32

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ބާރަށު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާރަށު ދާއިރާ އަށް ކުރިމަތިލައްވަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތުގައި އެ ދާއިރާގެ މީހުންގެ ތާއީދާއި އެއްބާރުލުން ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
ބާރަށަށް އުފަން އަދި މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެމްބަރު ޝުޖާއު އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވައި އެ ގޮނޑި ފުރުއްވި މެންބަރެކެވެ.
އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ އަދި ޝުޖާއު ވަނީ 2020 ވަނަ އަހަރު ބޭއްވި ލޯކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ ކާމިޔާބު ކުރައްވައިފަ އެވެ.
ޝުޖާއުއަކީ ޕީޕީއެމް/ޕީއެންސީގެ ކުރިއެރުމުގައި ވަރަށް އިސްދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. މި ފަސް އަހަރު އެ ކޯލިޝަން އިދިކޮޅުގައި އޮތް އިރު އެންމެ އިސްކޮށް ސިޔާސީ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް އެއީ އެވެ.
މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރަކު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.