ނަސްރުގެ ދުވަހަށް ސަރުކާރުން ދޭން ޖެހޭ ސަމާލުކަން އަންނަ އަހަރުން ފެށިގެން ދޭނަން: މުއިއްޒު
ނަސްރުގެ ދުވަހަށް ސަރުކާރުން ދޭން ޖެހޭ ސަމާލުކަން އަންނަ އަހަރުން ފެށިގެން ދޭނަން: މުއިއްޒު

އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ވަރަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި، ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގަައި ދިވެހިންނަށް ތަހުނިޔާ ފޮނުއްވަމުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސްރު ދުވަހުގެ މުހިއްމުކަން ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަ އަށް ދެއްވާނެ ކަމަށެވެ.

އެމްޑީޕީ އިސްވެ އޮވެ އައި މި ވެރިކަމުގައި، މިދިޔަ ފަސް އަހަރު ވެސް އެ ދުވަސް ފާހަގަ ނުކުރާތީ އާންމުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންގެ ފާޑުކިޔުން އަމާޒުވެ އެވެ. މީގެ ކުރިން ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ އެ ދުވަސް ފާހަގަކުރަން ސަމާލުކަން ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެ އެވެ.