ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދެއް އަދި އޮޅުންނުފިލާ: އަދުރޭ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދެއް އަދި އޮޅުންނުފިލާ: އަދުރޭ

ޕީޕީއެމް/ޕީއެންސީން ވެރިކަމާ ހަވާލުވުމުގެ މަރުހަލާ މިހާރު ކުރިއަށް ދިޔަ ނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު އަދި ނުހޯދޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު އައްޑޫއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތެރެއިން ގިނަ މައުލޫމާތު ތަކެއް އެއް ކުރެވުނަސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު އަދަދެއް އަދި ނުހޯދޭ ކަމަށެވެ.

"މިހާތަނަށް އައި އިރުގަ ސާފު އަދަދެއް އަދި އޮޅުންފިލާފައެއް ނެތް. އެ މީހުން [އިންޑިއާ ސިފައިން] ތިބިކަން ޔަގީންވޭ. އެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފަ އެބަ ހުރި،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ޕީޕީއެމުން ބުނަމުން އައި ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ގާއިމުވެ އެބަ ތިއްބެވެ.

ދިވެހި ފަސްގަނޑުގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި "އިންޑިއާ އައުޓް"ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ބޮޑު ކެމްޕޭނެއް ހިންގާފައިވާއިރު، އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އަދި އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ދާދި ފަހުން ވެސް ވިދާޅުވެފަ އެވެ.

އެކަމަކު އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އެކު ޒަމާންވީ ގާތް ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.