ފަޔާނީ އާއި ޕެލޭ؛ މާސްޓާސް ކެޓެގަރީގެ ފައިނަލްގައި ދެ ފަޔާޒްގެ ކުރިމަތިލުމެއް
ފަޔާނީ އާއި ޕެލޭ؛ މާސްޓާސް ކެޓެގަރީގެ ފައިނަލްގައި ދެ ފަޔާޒްގެ ކުރިމަތިލުމެއް

ދިވެހި ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖްގެ މާސްޓާސް ކެޓެގަރީގެ ފައިނަލްގައި ހުސެއިން ފަޔާޒް (ފަޔާނީ) އާ ދެކޮޅަށް ކުރީގެ ގައުމީ ޗެމްޕިއަން މުހައްމަދު ފަޔާޒް (ޕެލޭ) ވާދަކުރަނީ ޖެހިއްޖެ އެވެ.

ފަޔާނީ ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުރިއަށް ގެންދިޔަ ސެމީ ފައިނަލްގެ ފުރަތަމަ ހީޓްގައި އިބްރާހިމް ލަތީފްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީގެ ހީޓުގައި ފަޔާނީ ވަނީ ޖުމްލަ 7.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ލަތީފް އަށް އެއްކުރެވުނީ ޖުމްލަ 4.56 ޕޮއިންޓެވެ.

ޕެލޭ ފައިނަލަށް ދަތުރުކުރީ، ހަސަން ނިޒާމް އާ ވާދަކުރި ސެމީގެ ދެވަނަ ހީޓް ނިމެން ދެތިން ސިކުންތަށް ވެފައި ވަނިކޮށް ދުއްވާލި ރާޅާ އެކު ހާލަތު ބަދަލު ކޮށްލައިގެންނެވެ.

ހީޓް ނިމެނިކޮށް ވެސް 8.50 ޕޮއިންޓާ އެކު ކުރީގައި އޮތީ ނާޒިމް އެވެ. ޕެލޭ ކުރިއަށް ޖެހިލީ އެންމެ ފަހުން އަޅާލި ރާޅަށް 2.33 ޕޮއިންޓް ހޯދައި، ޖުމްލަ 8.83 ގެ ސްކޯއަކާ އެކު އެވެ.

ޕެލޭ އާއި ފަޔާނީ ވަނީ ކުއާޓާ ފައިނަލްގައި އެއް ހީޓެއްގައި ވާދަ ކޮށްފަ އެވެ. ކުއާޓާގެ ފުރަތަމަ ހީޓުގައި ފަޔާނީ އާއި ޕެލޭ އަދި އަބްދުލް ގަފޫރު (ގައްބެ) ވާދަކުރި ހީޓުން 10.40 ޕޮއިންޓް ހޯދައިގެން ކާމިޔާބުކުރީ ފަޔާނީ އެވެ. ޕެލޭ އަށް ލިބުނީ 7.13 ޕޮއިންޓެވެ. ގައްބެ އަށް ހަމަކުރެވުނީ 3.30 ޕޮއިންޓެވެ.

ފައިނަލަށް ނުގޮސް ސެމީއާ ހަމައިން ކެޓި ނިޒާމް އާއި ލަތީފް ވަނީ އަޒްލީ ނަސީމް އާއެކު ކުއާޓާގެ ދެވަނަ ހީޓްގައި ވާދަކޮށްފަ އެވެ. އެ ހީޓްގައި 9.16 ޕޮއިންތް ހޯދައިގެން ހީތުގެ އެއްވަނަ ނެގީ ނިޒާމް އެވެ. ލަތީފް އަށް 7.27 ޕޮއިންޓް ލިބުނުއިރު އަޒްލީ އަށް ލިބުނީ 4.10 ޕޮއިންޓެވެ.