02 ނޮވެމްބަރ 2023 - 10:27

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ފްލެޓު ލިބޭ ފުރަތަމަ 4000 މީހުން ކަނޑައަޅާނީ ޕޮއިންޓު ތަރުތީބަށް ބަލައިގެން ކަމަށާއި އެ ލިސްޓު އާންމު ކުރާނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަކްރަމް މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓު އުސޫލުން ބޭރުން ބަހާލަން އުޅޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
އެ މައްސަލާގައި ބުނާ ގޮތުން 13،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ އިރު އެ މީހުންގެ ލިސްޓާއި ޕޮއިންޓް ލިބުނު ގޮތް ހާމައެއް ނުކުރެ އެވެ. އަދި ޝަރުތު ހަމަވާ ހުރިހާ ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ސާވޭ ކޮށްފައި ނުވާ ކަމަށާއި 4000 ފްލެޓު ދޭނެ މީހުން ކަނޑައަޅާނެ އުސޫލެއް ވެސް ހާމަ ކޮށްފައި ނުވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި "މިހާރު"ން ސުވާލު ކުރުމުން އަކްރަމް ވަނީ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ފްލެޓަށް ކުރިމަތިލުމަށް ގެޒެޓު ކުރި އިއުލާނާއި ޕޯޓަލްގައި ވެސް ޕޮއިންޓް ދޭނެ އުސޫލުތައް އާންމު ފެންނަން ހުންނާނެ ކަމަށެވެ.
"ފްލެޓު ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް. މި މަހު ފަހެއްގެ ކުރިން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުގެ މަސައްކަތް ކުރަމުން މި އަންނަނީ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ފްލެޓު ލިބޭ ހުރިހާ ގެއެއް، ދިރިއުޅުމުގެ ހާލަތު ބަލަން ސާވޭ ކުރަން ދާން ހައުސިން މިނިސްޓްރީން އެއްވެސް އިރެއްގައި ނުނިންމަ އެވެ. އަދި ހުރިހާ ގެތަކެއް ސާވޭ ކުރާނެ ކަމަކަށް ބުނެފައެއް ވެސް ނޯންނާނެ އެވެ.
ކުރިން ވެސް ބުނެފައިވާ ގޮތަށް ބައެއް ގެތައް ރެންޑަމް ކޮށް ސާވޭ ކޮށްފައިވާ ކަމަށާއި އެ މަސައްކަތް ދެ މަހެއްހާ ދުވަހަށް ކުރިޔަށް ގެންދިޔަ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ކޮންމެހެން ފޮރުވައިގެން އޮޅުވާލައިގެން އެ ބޭފުޅުން ކުރި ގޮތަށް ކަންކަން ކުރާކަށް ނޫޅެން،" އަކްރަމް ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި މި މަސައްކަތް ކުރަމުން އަންނާތީ ވެސް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އެކަން ހުއްޓުވައި ދިނުމަށް އޭސީސީ އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެކަމަށް ރައްދު ދެއްވައި އަކްރަމް ވިދާޅުވީ މި ސަރުކާރުން ކުރަން ފަށާފައި ހުރި މަސައްކަތްތައް މި ސަރުކާރު ނިމެންދެން ކުރެވޭނެ ކަމަށެވެ.
ސަރުކާރުން ދޭން ނިންމާ 4،000 ފްލެޓުގެ މަސައްކަތާ ހަވާލުވެފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ މިހާރު ހަދަމުން އަންނަ ފްލެޓުތަކުގައި މި އަހަރު ނިމުމުގެ ކުރިން ލިފްޓް ހަރުކޮށް، ފެނާއި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ބުނެފަ އެވެ.