ފައިސާ ހޯދަން ރަހިމު ނަގާކަން ފަޅާއަރައިފި
ފައިސާ ހޯދަން ރަހިމު ނަގާކަން ފަޅާއަރައިފި

އިންޑިއާގެ ބައެއް ޑޮކްޓަރުން އިތުރަށް ފައިސާ ހޯދުމުގެ ބޭނުމުގައި މީހުންގެ ރަހިމު ނެގުމުގެ އޮޕަރޭޝަންތައް ކުރާކަން ފަޅާއެރުމުން ވެސް އެ ހޮސްޕިޓްލަތަކާ މެދު ފިޔަވަޅު ނާޅައި ހިނގަމުން އަންނަ މައްސަލާގައި ފާޑުކިޔުންތައް އިތުރުވެއްޖެ އެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ކާލާބުރަގީގެ ހަތަރު ހޮސްޕިޓަލަކުން 2،200 އަންހެނެއްގެ ރަހިމު ނަގާފައިވާ ކަމަށާއި މި އެންމެންގެ ރަހިމު ނެގީ ކޮންމެހެން ނަގަން ޖެހޭތީ ނޫން ކަމަށް ތަހުގީގުން ވަނީ ހާމަވެފަ އެވެ. އެކަމަކު މިކަން ކޮށްފައި ވަނީ އޮޕަރޭޝަނެއް ކުރުމުން ޑޮކްޓަރަށް އިތުރަށް ފައިސާ ލިބޭތީ އެވެ.

ފަޅާއަރައިގެން އުޅެނީ ލަމްބާނީ އާއި ޑެލިޓް ކޮމިއުނިޓީތަކަށް ނިސްބަތްވާ އަންހެނުންތަކެއްގެ ރަހިމު ނެގި މައްސަލަ އެވެ. ރަހިމު ނެގި ހަތަރު ހޮސްޕިޓަލް ފަޅާ އެރިޔަސް އެ ހޮސްޕިޓަލުތަކުގެ ލައިސަންސްތައް ބާތިލު ނުކުރާ ކަމަށާއި އެ ތަންތަން ހިންގަމުން އަންނަ ކަމަށް އިންޑިއާ ޓައިމްސްގައި ބުނެފައިވެ އެވެ. މި މައްސަލާގައި ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

މިކަން އެންމެ ފުރަތަމަ ފަޅާއެރީ 2015ގެ އޮގަސްޓް މަހު އެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު ހެލްތު ޑިޕާޓްމަންޓުން މިކަމާ ބެހޭ ތަހުގީގު ނިންމާފައި ވިޔަސް އެ ހޮސްޕިޓަލުތަކުގެ ލައިސަންސްތައް ބާތިލު ނުކުރާތީ އަދިވެސް އެތަންތަން ހިންގަނީ އެވެ.

މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ވެސް އެންޖީއޯތަކުގެ މީހުން މުޒާހަރާ ކޮށްފައިވެ އެވެ. މުޒާހަރާކުރާ ފަރާތްތަކުގެ ގާނޫނީ ވަކީލު ވިނޭ ސްރީނިވާސާ ބުނީ އެ ހޮސްޕިޓަލުތަކުން އަވަހަށް ފައިސާ ހޯދުމުގެ ގޮތުން އަންހެނުންގެ ރަހިމުތައް އޮޕަރޭޝަން ކޮށްގެން ނަގާފައިވާ ކަމަށާއި މިއީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށެވެ. އަދި މި ހޮސްޕިޓަލުތަކުގައި އޮޕަރޭޝަންތައް ކޮށްދިން ޑޮކްޓަރުންނަށް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭނެކަމަށް މުޒާހަރާ ކރާ ފަރާތްތަކުން ދަނީ ގޮވަމުންނެވެ.

ހެލްތު ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓު ވަނީ ޓައިމްސް އޮފް އިންޑިއާގެ ނޫސްވެރިންނަށް ލިބިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ހިސްޓްރެކްޓަރީ (ރަހިމު ނެގުމުގެ އޮޕަރޭޝަން) ކޮށްފައިވާ އެންމެންނަކީ އެނޫން އެހެން ގޮތެއް ނެތިގެން އޮޕަރޭޝަން ކޮށްފައިވާ މީހުން ނޫން ކަމަށެވެ. މީގެ ތެރެއިން ގިނަ އަންހެނުން ޑޮކްޓަރުންނަށް ދައްކާފައިވަނީ ބަނޑާއި އުނަގަނޑުގައި ރިއްސާތީ ނުވަތަ ހުދު ޑިސްޗާޖް ހުންނާތީ އެވެ.

މި އެންމެން ކައިރީގައި ވެސް ފުރަތަމަ ބުނަނީ ސްކޭން ހެދުމަށެވެ. އެއަށްފަހު ދުވަސްކޮޅަކު ބޭނުންކުރުމަށް ބޭހެއް ދެ އެވެ. ނަމަވެސް މި ބޭހުން ރަނގަޅު ނުވެގެން އަލުން ދައްކައިފި ނަމަ އިތުރަށް ބެލުމެއް ނެތި ރަހިމު ނެގުމުގެ އޮޕަރޭޝަން ކުރަން ބުނެ އެވެ. އަދި އޮޕަރޭޝަން ކޮށްގެން ރަހިމު ނުނަގައިފި ނަމަ ކެންސަރު ޖެހިދާނެކަމަށް މި އެންމެން ކައިރީގައި ވެސް ޑޮކްޓަރުން ބުނާ ކަމަށްވެ އެވެ.

މި ހޮސްޕިޓަލްތަކަށް މަސައްކަތްކޮށްދޭ އެޖެންސީތައް ވެސް ހުންނަ ކަމަށާއި އޮޕަރޭޝަން ކުރާނެ މީހުން އެ ހޮސްޕިޓަލުތަކަށް ހޯދާދިނުމުގެ މަސައްކަތް އެ ތަންތަނުން ކުރާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިފަދަ ކަންތައް މަދުން ނަމަވެސް ދިމާވާތީ، ރަހިމު ނެގުން ފަދަ ބޮޑު އޮޕަރޭޝަނެއް ކުރާއިރު އެއީ ކޮންމެހެން ކުރަން ޖެހޭ އޮޕަރޭޝަނެއްތޯ ޔަގީންކޮށްފައި ނޫނީ ނުކުރުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.