01 ނޮވެމްބަރ 2023 - 22:10

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަނުކުރައްވަން، މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ނިންމަވައިފި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން އޭނާ ނިންމަވާފައިވާ ކަން ނަރީޝް ހާމަކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ ނިންމުން ބަދަލުކުރައްވައި ނަރީޝް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރި މަސައްކަތުން ކުޅުދުއްފުށީގެ ރޫހު އޮތީ އެ ރަށުގެ ދަރިއަކު އެ ގޮނޑިއަށް ނެރެންކަން ހާމަވެއްޖެ ކަމަށެވެ.
"ކުޅުދުއްފުށީ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް. ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައިކަން ވަރަށް ބޮޑަށް ފާހަގަވި،" ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވަނީ، އެ ދާއިރާއަށް ވާދަކުރައްވަން ނިންމުމުން އެކަން ކާމިޔާބުކޮށްދިނުމަށް ގިނަ ބަޔަކު މަސައްކަތް ކޮށްދިން ކަން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރުގައި ކުޅުދުއްފުށީގެ ދެ ދާއިރާ ތަމްސީލް ކުރަނީ އެ ރަށަށް ނިސްބަތްވާ ދެ މެންބަރުންނެވެ.