01 ނޮވެމްބަރ 2023 - 20:28

ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަސައްކަތްތައް ހުއްޓާލަން އަންގާފައިވަނީ، ތުހުމަތުތަކަށް ބަލާއިރު އެއީ އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ލިބިދާނެ ކަންތައްތައް ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.
އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ކުރިއަށް ދާތީ ކަމަށެވެ.
"... އެފަދަކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެކަންކަން ނުހުއްޓުވައިފި ނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީއެވެ." ބަޔާނުގައިވެ އެވެ.
މިފަދަ އެންގުންތަކަކީ ވަގުތީ އެންގުންތަކެއް ކަމަށާއި އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ހިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުން ފަދަ އެއްވެސް ކަމެއް ހުއްޓާލަން އަންގާފައިނުވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި މިއި ވަގުތީ އެންގުންތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
އޭސީސީން ބުނި ގޮތުގައި ހުއްޓާލުމަށް އަންގާ މައްސަލަތައް ވީހާ ވެސް އަވަހަށް ނިންމުމަށް އެ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އޭސީސީން ވަނީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުމާއި ހުޅުމާލޭގެ ބިންތައް ވިއްކުމާ ގުޅޭ މުއާމަލާތް ވެސް ހުއްޓުވައިފަ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ބައެއް ކަންކަން ނުކުރަން ވެސް އަންގާފައިވެ އެވެ.