01 ނޮވެމްބަރ 2023 - 20:21

އިޒްރޭލުން ފަށައިގެން އުޅެނީ ގާޒާގައި އުޅޭ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށާއި މިކަމުގައި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޔޫރަޕްގެ ބައިވެރިވުން ވެސް އޮތް އިރު އެކަން ހުއްޓުވުމުގައި އދ. ފެއިލްވެފައިވާ ކަމަށް ވިދާޅުވެ އިސް އޮފިޝަލަކު އިސްތިއުފާ ދެއްވައިފި އެވެ.
ނިއު ޔޯކްގައި ހުންނަ އދ. އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރު ކްރެއިގް މޮޚިބާރް މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްތިއުފާ ދެއްވައި، ޖެނީވާގައި ހުންނަ އދ.ގެ ހައި ކޮމިޝަނަރަށް ލިޔުއްވާފައިވާ ގޮތުގައި "އަނެއްކާވެސް ފެންނަމުން މި ދަނީ ނަސްލު ނައްތާލުމުގެ މަސައްކަތެއް" ކުރިއަށްދާ ތަނެވެ. އެކަމަކު އެކަން ހުއްޓުވުމުގެ ޒިންމާ އޮތް އދ. އަށް އެކަމުގައި ކަމެއް ނުކުރެވޭ ކަމަށް ލިޔުއްވާފައިވެ އެވެ.
ރިޓަޔާކުރާ އުމުރު ވެސް ހަމަވާތީއާ އެކު އިސްތިއުފާ ދެއްވި މޮޚިބާރް ލިޔުއްވާފައިވާ ގޮތުގައި އދ. ވަނީ ރުވަންޑާ، ބޮސްނިއާގެ މުސްލިމުން، އިރާގުގެ ޔަޒީދީން އަދި މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅު ގަތުލުއާންމުތައް ހުއްޓުވުމުގައި ވެސް ނާކާމިޔާބު ވެފަ އެވެ. އޭނާ ވިދާޅުވީ ފަލަސްތީނުގެ ބިންތައް ހިފައި އަޅުވެތިކޮށް ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތް އެތައް އަހަރެއް ކުރިން ފަށައި، ނިޒާމީ ގޮތެއްގައި ރޭވިގެން ކުރަމުންދާ ކަމާ މެދު ދެބަސްވާނެ ޖާގައެއް ނެތެވެ.
މިއީ ނަސްލު ނައްތާލުންކަން ސާފުކޮށް އެނގޭ ކަމަށާއި އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޔޫރަޕްގެ ގައުމުތަކުން މިކަމުގައި ޖެނީވާ މުއާހަދާއަށް އަމަލު ނުކުރާތާ، އަދިވެސް ގެންދަނީ އިޒްރޭލުގެ އަނިޔާވެރިކަމަށް ހިތްވަރުދީ ސިޔާސީ އަދި ޑިޕްލޮމެޓިކް އެއްބާރުލުން ދެމުން ކަމަށް މޮޚިބާރް ލިޔުއްވާފައިވެ އެވެ.
މޮޚިބާރް ވިދާޅުވީ އެންމެ ކުރިން ފަލަސްތީނު އޮތް ބިމުގައި، މުސްލިމުންނާއި ޔަހޫދީންނާއި ކްރިސްޓިއަނުންނަށް އެއް ހައްގުތަކެއް ލިބިދެވޭ ގޮތަށް އެއް ދައުލަތެއް އުފެއްދުމަށް އދ. އިން ތާއީދުކުރަން ޖެހޭނެ އެވެ.
އިސްތިއުފާ ދެއްވި އޮފިޝަލަކީ އޭނާގެ ވާހަކަތަކާ ގުޅިގެން، އިޒްރޭލަށް ތާއީދުކުރާ މީހުންގެ ނުރުހުން ކުރިން ވެސް އަމާޒުވެފައިވާ ބޭފުޅެކެވެ.