01 ނޮވެމްބަރ 2023 - 15:14

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ވަކިކޮށް، އެހެން މަގާމަކަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އެ މަގާމު އަލުން އޭނާއަށް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ ނޮވެމްބަރު މަހު އަރަބިއްޔާގް ޕްރިންސިޕަލްކަމުން ޝުޖާއު ވަކިކުރުމަށްފަހު އޭނާ ބަދަލުކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މަގާމަކަށެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޝުޖާއު އެހެން މަގާމަކަށް ބަދަލުކުރީ ސިވިލް ސާވިސް ގަވާއިދުގެ ތެރެއިން ކަމަށެވެ.
ޝުޖާއު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އޭނާ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޓްރިބިއުނަލުން މިއަދު އަންގާފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 ގަ އެވެ. ޝުޖާއު އެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދެވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު އެވެ.