01 ނޮވެމްބަރ 2023 - 15:13

ބީހައިވް ހޮޓެލްސް އިން އެފްއޭއެމުން މިދިޔަ އަހަރު ނެގި 500،000ރ. ގެ ދަރަންޏަށްވާ ފައިސާ ދައްކަން ސިވިލް ކޯޓުން އިއްޔެ އެ އެސޯސިއޭޝަންގެ މައްޗަށް ހުކުމްކޮށްފި އެވެ.
ހުކުމްގައި ބުނެފައިވާ ގޮތުން، މިިދިޔަ އަހަރު ނޮވެމްބަރު މަހު އެފްއޭއެމުން ވަނީ ބީހައިވް އިން 500،000ރ. ގެ ލޯނެއް ނަގައި އެ ފައިސާ ޑޮލަރުން ދެއްކުމަށް އެއްބަސްވެފަ އެވެ.
އެފްއޭއެމުން ބީހައިވް އަށް ދައްކަންޖެހޭ ޕްރިންސިޕަލް އަދަދަކީ 32،426 ޑޮލަރެވެ.
އެ ފައިސާ ދެއްކުމުގެ ގޮތުން އެފްއެއެމުން ބީހައިވް އަށް، މިދިޔަ ޑިސެމްބަރު މަހު ދިން ޗެކަށް ފައިސާ ނުނެގުނުކަން ކޯޓުގައި ބީހައިވް އިން ވަނީ ބުނެފަ އެވެ. ކޯޓުގައި އެފްއޭއެމުން ބުނީ އެ ޗެކްގައި ފާހަގަކޮށްފައިވާ ދުވަހަށް އެ ފައިސާ ލިބިފައި ނުވަނީ އެ އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކަމަށެވެ.
ކޯޓުގައި އެފްއޭއެމުން އެދިފައި ވަނީ އެ ފައިސާ ބަހާލައިގެން ދެއްކޭގޮތަށް ހަދައި ދިނުމަށެވެ. މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ހުކުމް ކުރެއްވީ އެއް އަހަރުތެރޭ ބަހާލައިގެން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހަކަށް ދައްކަންޖެހޭ މަދު ނޫން އަދަދެއް ދެއްކުމަށެވެ.
އެއް އަހަރަށް ބަހާލައިގެން ދެއްކާނަމަ އެފްއޭއެމުން، ކޮންމެ މަހަކު މަދުވެގެން 2،700 ޑޮލަރު ދައްކަންޖެހޭނެ އެވެ.
މިއީ މިދިޔަ ތިން މަސްތެރޭ، ދަރަނީގެ މައްސަލަތަކުގައި އެފްއޭއެމާ ދެކޮޅަށް ކޯޓުން ކުރި ތިންވަނަ ހުކުމެވެ. ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ވަނީ ވެލިގާ ހާޑްވެއާ އަށް 171،850.10ރ. ދައްކަން ހުކުމް ކޮށްފަ އެވެ.
އޯގަސްޓް މަހު އެ ކޯޓުން އެފްއޭއެމަށް ހުކުމް ކުރީ 10 ދުވަސްތެރޭ އެލް މޯބައިލްގެ މައި ކުންފުނި އެލް މޯލްޑިވްސް އަށް ދެ ލައްކަ ޑޮލަރު ދެއްކުމަށެވެ. ނަމަވެސް މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ އެސޯސިއޭޝަނުން އެ ފައިސާ ނުދައްކަ އެވެ.