01 ނޮވެމްބަރ 2023 - 12:57

އިޒްރޭލު ސިފައިން އެއްގަމު މަގުން ޣައްޒާ އަށް ވަދެގަތުމަށް މަސައްކަތް ކުރަމުން ދާތާ ތިން ދުވަސްވީ އިރު ވެސް، އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބި، އިޒްރޭލު ސިފައިންނަށް ލިބޭ ގެއްލުންތައް އިތުރުވާން ފަށައިފި އެވެ.

ޣައްޒާގެ ރަށް ބޭރުގައި ފޭލިގެ ޖަހައިގެން ތިބޭތާ ތިން ހަފުތާއެއްހާ ދުވަސް ފަހުން، ޓޭންކުތަކާއި ބަރު ހަތިޔާރުތަކާ އެކު ޣައްޒާ އަށް ވަދެގަތުމަށް އިޒްރޭލު ސިފައިން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ޣައްޒާގެ އުތުރުކޮޅުން އިޒްރޭލުގެ ތިން ޓޭންކެއް އެ ދުވަހު ޣައްޒާގެ ތެރެއަށް ވަކި ހިސާބަކަށް ވަދެގެން އުޅެނިކޮށް، ހަމާސްގެ ހަނގުރާމަވެރިންގެ ހަމަލާތަކާ ކުރިމަތިވުމުން ޖެހުނީ ޣައްޒާ އިން ފައިބާށެވެ.

އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު ޣައްޒާގެ އިރުމަތީ ފަރާތުން މެދުތެރެ އިން އިޒްރޭލުގެ އެއްގަމު ސިފައިންގެ ޓޭންކުތަކެއް ޣައްޒާ އަށް ވަދެގަނެވޭތޯ މަސައްކަތް ކުރި އެވެ. ޣައްޒާގެ އުތުރާއި ދެކުނު ގުޅުވައިދޭ އެންމެ ބޮޑު ދެ މަގުގެ ތެރެއިން، ޣައްޒާގެ މެދުތެރޭގައި އޮންނަ ސަލާހުއްދީން މަގާ ހަމައަށް ދެވުނުތަކާ، ހަމާސްގެ ހަނގުރާމަވެރިން އެ ޓޭންކުތައް ވަށާލައި ދިން ހަމަލާތަކާ ގުޅިގެން، އެ ޓޭންކުތައް ވެސް ކުރިއަށް ނުދެވިގެން އަނބުރާ ފަހަތަށް ދިޔައީ އެވެ.
ޣައްޒާގެ އިރުމަތީ ފަރާތު މެދުތެރެއިން ޣައްޒާގެ ތެރެއަށް ވަދެގަތުމަށް އިޒްރޭލުގެ އެއްގަމު ސިފައިން އިއްޔެ ވެސް މަސައްކަތް ކުރި އެވެ. އެއްގަމު ސިފައިން ޣައްޒާ އަށް ވަންނަން ފެށީ، އިޒްރޭލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ދެމުން ދިޔަ ބޮމުގެ ހަމަލާތަކާއި ބޮޑުބަޑީގެ ހަމަލާތަކުގެ ނިވަލުގައި ތިބެގެންނެވެ.
ނަމަވެސް އިއްޔެ ވެސް ޣައްޒާގެ ވަކި ހިސާބަކަށް ވަދެވެނު ފަހުން، ހަމާސްގެ ހަނގުރާމަވެރިންގެ ރައްދު ހަމަލާތަކާ ކުރިމަތިލާން ޖެހި، އިތުރަށް ކުރިއަށް ދެވޭ ގޮތް ނުވެގެން ފަހަތަށް ޖެހެން މަޖުބޫރުވި އެވެ. މިސައިލާއި ބޮމުގެ ހަމަލާތަކުގައި ސުންނާފަތިވެފައި އޮތް ސަރަހައްދުތަކަށް ވަދެގަތުމަށް ކުރި މަސައްކަތް ނާކާމިޔާބުވެގެން ޣައްޒާ އިން ނުކުންނަން ޖެހުނު އިރު، އިޒްރޭލުގެ އެއްގަމު ލަޝްކަރުގެ ނުވަ ސިފައިން މަރުވެ، އެތައް ސިފައިންނެއް ޒަޚަމްވި އެވެ.
އޭގެ އިތުރުން އިޒްރޭލުގެ އެއްގަމު ލަޝްކަރުގެ އަސްކަރީ އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުތަކެއް ލިބުނެވެ. އިޒްރޭލުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ޣައްޒާ އަށް ވަދެގަތް އިޒްރޭލު ސިފައިންނަށް ރައްދު ހަމަލާ ދިނީ، އިޒްރޭލުން ބޮން އަޅައި ގޮއްވައިލި ކަމަށް ބުނާ ބިންގަރާސްތަކުގެ ތެރެއިން ނުކުތް ހަނގުރާމަވެރިންނެވެ.
އެ ހަނގުރާމަވެރިން ބިންގަރާސްތަކުން ނުކުމެ އިޒްރޭލު ސިފައިންނާ ކުރިމަތިލީ، ޓޭންކަށް ހަމަލާ ދޭ ޒާތުގެ ރޮކެޓާއި އަތުބޮން ފަދަ ތަކެތިންނެވެ. ޣައްޒާ އަށް ވަދެގެން ދިޔައިރު، އެއްވެސް ހަނގުރާމަވެރިއަކު ނުފެނުމުން ޓޭންކުތައް މަޑުކޮށް ސިފައިން އަރާމުކުރަން ތިއްބައި، ބިންގަރާސްތަކުން ނުކުތް ހަނގުރާމަވެރިން ދިން ކުއްލި ހަމަލާތަކުގައި، އިޒްރޭލުގެ ޓޭންކުތަކެއް ގޮއްވައިލި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ވެސް ވަނީ، އިއްޔެގެ ހަނގުރާމައިގައި ސިފައިންގެ ނުވަ މީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އަސްކަރީ އުޅަނދުތަކަށް ލިބުނު ގެއްލުންތަކެއް އިޒްރޭލުގެ އަސްކަރިއްޔާ އިން ހާމައެއް ނުކުރެ އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 26 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 22000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3600 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2200 އަށް ވުރެ ގިނަ އަންހެނުންނާއި 600 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.
އޭގެ އިތުރުން ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2150 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.