01 ނޮވެމްބަރ 2023 - 16:53

ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ހިނގާލުމެއް ބާއްވަ ް ނިންމައިފި އެވެ.

އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ހުކުރު ދުވަހު ހަވީރު މާލޭގައި ބާއްވާ އެ ހިނގާލުމުގައި ރާއްޖޭގެ އެހެން ބައެއް ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ އެވެ.
އިސްރާ އެސޯސިއޭޝަންގެ ބޯޑު ޑިރެކްޓަރު، އަބްދުﷲ ރަޝީދު ވިދާޅުވީ އެ ހިނގާލުން ފަށަނީ ރަސްފަންނުން ކަމަށެވެ. މަޖީދީމަގުން ގޮސް ހިނގާލުން ނިންމަނީ އާޓިފިޝަލް ބީޗުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އިވެންޓު އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރީ، ގާޒާގައި މިވަގުތު އެންމެ ހާލުގައި އެންމެ އަނިޔާ ލިބެމުންދަނީ އެ ކުދިންނަށް ކަމަށް ވާތީ. ކުޑަކުދިން ޝަހީދުވާ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުންދާތީ،" އަބްދުﷲ ވިދާޅުވި އެވެ.
އެ ހަރަކާތުގައި ފަލަސްތީނާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ފަލަސްތީނަށްޓަކައި ދުއާކުރުން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޖަމިއްޔާއިން ވަނީ މިކަމުގައި ވީހާ ވެސް ގިނަ ކުޑަކުދިން ބައިވެރިވުމަށް އެދިފަ އެވެ. އަދި ހިނގާލުމަށް ދާއިރު ދިދަ ނުވަތަ ޕޯސްޓަރެއް ގެންދިއުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން އިޒުރޭލަށް ދިން ހަމަލާގެ ބަދަލުގައި އިޒުރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒުރޭލުގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ 8،000 ވުރެ ގިނަ މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.