އާދަ
އާދަ

ހަވީރުގެ ވަގުތެވެ. މާލޭ ހުޅަނގު ފަރާތެވެ. ޖެހެމުންދިޔައީ ކަންނެތް، ފިނި ރޯޅިއެކެވެ. އެކި އުމުރުގެ މީހުން އެ ތަނުގައި އުޅެއެވެ. ކުޑަކުދީން ކުޅެ ސަކަރާތްޖަހާތަން ވެސް ލުބާނާއަށް ފެނެއެވެ. ވިލާތަކުގައި ހުރީ، ކުރީ ދުވަހުގެ ވެސް ކުލަތަކެވެ. އޮއްސުމަށް ތައްޔާރުވެފައިވަނީ ހަމަ އެ އިރެވެ. ލޮލުކޮޅަށް އޮބާފައިވަނީ ހަމަ އެ އުދަރެހެވެ. ތަފާތެއް ކޮބައިހެއްޔެވެ؟ އިރުއޮއްސޭތަން ބަލަން މީހުން އަންނަނީ ކީއްވެގެންހެއްޔެވެ؟ ލިބެނީ ކޮން ހިތްހަމަޖެހުމެއްހެއްޔެވެ؟ ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ ލުބާނާގެ ހިތުގައި އެނބުރެނީ އެ ކަހަލަ ސުވާލުތަކެކެވެ. ރަސްފަންނުގެ ޖޯއްޔެއްގައި އިށީނދެލައިގެން، އުދަރެހަށް ނަޒަރުހުއްޓާލައިގެން އިން ލުބާނާ ރަށުގައި އުޅުނު އިރު، ޒުވާން ދުވަސްވަރު އަތިރިމައްޗަށް ނުކުތެވެ. އިރުއަރާތަނާއި އޮއްސޭތަން ބަލަން ވެސް އިނެވެ. އެކަނިމާއެކަންޏެވެ. ޔަގީނުން ވެސް އޭރު ލުބާނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އުފާ ވެސް ވިއެވެ. އެ އުފާތަކަށްވީ ކީއްކަމެއް ލުބާނާއަކަށް ނޭނގެއެވެ. ފޯނެއް އަންނަކަމުގެ އިހުސާސްކުރެވިގެން ލުބާނާ ފޯނަށް ބަލައިލިއެވެ. ގުޅީ ރަޒީންއެވެ. ލުބާނާގެ ފިރިމީހާއެވެ. ފޯނު ނެގުމުގެ ބަދަލުގައި ފޯނަށް ބަލަހައްޓައިގެން ލުބާނާއަށް އިނދެވުނީއެވެ. އެއީ، ފަހަކަށް އައިސް ވަރަށް ގިނައިން ލުބާނާއަށް ވާ ގޮތެކެވެ.

އަމިއްލަ ހަޔާތުގެ ފޮޓޯލޯގަނޑުން ލުބާނާއަށް ލުބާނާ ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. ހުރިހައި ލޯގަނޑެއްގައި ވެސް މިހާރު ހުންނަނީ ފިރިމީހާއެވެ. ގެއިން ބޭރުގައި ހުއްޓަސް، ގެއަށް ވަނަސް، ނިދީމައި ހުވަފެނުން ވެސް ފެންނަނީ ފިރިމީހާއެވެ. ހަ ދަރީން ތިބި އިރު ވެސް، ދަރިއެއް މަތިން ހަނދާންކޮށްލާކަށް ވެސް ލުބާނާއަކަށް ވަގުތެއް ނުލިބެއެވެ. ލުބާނާގެ ހުރިހައި ދަރިން އުޅެނީ ކައިވެނިކޮށްގެންނެވެ. ގިނަ ކުދީންނަށް ދަރީން ވެސް ލިބިއްޖެއެވެ. މާމަދަރިން ގޮވައިގެން ރަސްފަންނަށް އަންނަ ހިތް ލުބާނާ ވެއެވެ. އެހެނަސް ހިތްވަރެއް ނެތެވެ. އަރާމުކުރުމަކީ ލުބާނާގެ ތާވަލުގައި ނެތް ކަމެއް ކަހަލައެވެ. ތަނެއްގައި އިށީންނަ އިރަށް ނިދިއާދެއެވެ. ދުރުން ލުބާނާއަށް ބަލަމުން އައި އެކުވެރި ޒާހިދާއަށް ވެސް ފެނުނީ އެ މަންޒަރެވެ.

"ނިދަނީތަ މަންޖޭ؟" ޒާހިދާ ސަމާސާކޮށްލިއެވެ.

ލުބާނާ އިންކާރުކުރިއެވެ. ނިދިނާންނަކަމަށް ހެދުނެވެ. ގަޑިކިޔާފައި ލުބާނާ އެ ތަނަށް އައީ ޒާހިދާޔާ ބައްދަލުކުރުމަށެވެ. ދެ އެކުވެރިން ސަޔެއްބޯލައި، ވާހަކަދައްކައިލުމަށެވެ. ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެކަމުގެ އުންމީދުގައެވެ. ލުބާނާ ތެދުވާނެކަމަށް ހީކޮށްގެން ހުއްޓައި، ޒާހިދާގެ އަތުގައި ހިފައިފައި ޖޯލީގައި ބައިންދަން ލުބާނާ އުޅުނެވެ. ޒާހިދާ ގަދަހަދައިލިއެވެ.

"ހިނގާބަލަ އެހެރަ ތަނަށް،" ރެސްޓޯރަންޓެއް ދައްކައިލަމުން ޒާހިދާ ބުންޏެވެ. "ވަރަށް މީރު ހަނޑޫގުޅަ ހުންނާނެ. ކީއްވެތަ މާ މޫޑުސަކަރާތްވެފަ ތި އިންނަނީ؟ އާ ކަމެއް ގައިމު ވެސް ނުވާނެ."

"އަހަރެން އެ ތަނަށް އެރީމަ މޫދަށް ކޮއްޕާލަން ކެރޭނެތަ؟" ލުބާނާ އެހިއެވެ.

ފުންނޭވައެއް ބޭރުކޮށްލައިފައި ޒާހިދާ އިށީނެވެ. އެކުވެރިޔާއަށް ހިޔާލުދީދީ ޒާހިދާ ވަރުބަލިވެއްޖެއެވެ. އަނެއްކާ ވެސް ފޯނުއަންނަން ފެށިއެވެ. އަޑުކަނޑާލައިފައި ހުއްޓަސް، ތުރުތުރުގެ އަޑު ޒާހިދާއަށް އިވުނެވެ. ގުޅަނީ ކާކުކަން ޒާހިދާއަށް ވެސް އެނގެއެވެ.

"ދެން ނުވާނެ ކެތެއް،" ލުބާނާ ބުންޏެވެ. "ކުރިމަތިލާނެ ހިތްވަރެއް ވެސް ނެތް. ކެތްކުރާނެ ހިތްވަރެއް ވެސް ނެތް. މިހާރު ހަމަ ފޫހިވަނީ. މިއަދު ހިނގާ މި ތާ އިށީނދެލައިގެން ތިބެމާ ދޯ؟"

އެ ދުވަސް ނިމުނީ އެގޮތަށެވެ. ލުބާނާއާއި ރަޒީން ކައިވެނިކުރީ ވަރަށް ޒުވާން އުމުރުގައެވެ. އޭރު ކައިވެނިކުރާކަށް ކޮންމެހެން އަށާރަ އަހަރު ފުރޭކަށް ނުޖެހެއެވެ. ކައިވެނިކުރީ ދެ އާއިލާގެ ރުހުމުގައެވެ. ލުބާނާއަކީ މާލޭގެ ރައްވެއްސެއް ނޫނެވެ. މާލެއަކު ގެދޮރެއް ނެތެވެ. ދެމަފިރިން ދިރިއުޅުން ފެށީ ރަޒީންގެ މައިންބަފައިންގެ ގޭގައެވެ. ރަޒީންގެ އެއްބަނޑުއެއްބަފާ ކޮއްކޮމެން މީހުނާ އިނުމުން، ގޭތެރެ ތޮއްޖެހޭ ގޮތްވިއެވެ. ކުދިކުދި މައްސަލަޖެހެން ފެށިއެވެ. އޭރު ރަޒީން ބައްޕައަށް މާލެއިން ލިބިފައިވާ ތަންކޮޅެއް އޮތެވެ. ރަޒީން ބޭނުންވީ އެ ތަން ހަދައިގެން އެ ތަނަށް ބަދަލުވާށެވެ. ހުރިހައި ކަމެއް ނިމި އެ ތަނަށް ބަދަލުވެވުނު އިރު ދެވަނަ ދަރިފުޅު ލިބިއްޖެއެވެ.

ލުބާނާގެ ދެމަފިރިންނަށް ހަ ކުދިން ލިބުނެވެ. ކައިވެންޏަށް ސާޅީސް އަހަރު ފުރިއްޖެއެވެ. ކުދިން ބޮޑެތިވެ، މޮޅަށް ކިޔެވިއެވެ. ކޮންމެ ކުއްޖަކީ ވެސް މަތީ މަގާމުތައް ފުރާ، އަތްމަތި ތަނަވަސް ކުދިންނަށް ވިއެވެ. ޕައިލެޓުންނާއި، ވަކީލުންނާއި، ޑަކުޓަރުންނާއި، ވިޔަފާރިވެރިންނާއި، އިންޖިނޭރުން ވެސް އުފެދުނެވެ. ރަޒީންގެ ވިޔަފާރީގެ ތެރެއަކަށް ކުދިން ނުވަދެއެވެ. ކޮންމެ ކުއްޖަކު ވެސް ކައިވެނިކޮށް، ދަރިންލިބި، އަމިއްލަ އާއިލާގެ ޒިންމާތައް ކޮނޑުއަޅައިގެން ހިންދެމިލީއެވެ.

ކޮންމެ ކުއްޖަކަށް ރަޒީންގެ ގެއިން އެޕާޓުމަންޓެއް ދިނުމަށް ފަހު، ދެން ހުރި އެޕާޓުމަންޓުތައް ހުންނަނީ ކުއްޔަށްދީފައެވެ. ރަޒީން ބައްޕަގެ ގެއިން ރަޒީނަށް ލިބުނު ބައި ވެސް ހުންނަނީ ކުއްޔަށްދީފައެވެ. ފައިސާގެ ގޮތުން ރަޒީނަކަށް އެއްވެސް ދަތިކަމެއް ނެތެވެ. އެ ތަނަވަސްކަމުގެ ފައިދާ ލުބާނާއަށް ވެސް ބަރާބަރަށް ލިބެއެވެ. ގޭގެ ތިންވަނަ ބުރިޔަކީ ދެމަފިރިންގެ ބައެވެ. އެންމެ ތިރީގައި ބަޔަކު ފިހާރައެއް ހިންގައެވެ. ގޭގައި ބޮޑު ލިފުޓެއް ހުރެއެވެ. އެއްވެސް އެއްޗެއް ބޭނުންވެގެން ލުބާނާ ދެ ފަހަރަށް ބުނާކަށް ނުޖެހެއެވެ. ލުބާނާގެ ލޯތްބަށް ރަޒީން ހުންނަނީ ފެންބޮވައިފައެވެ. ދާ ކޮންމެ ތަނަކަށް ލުބާނާ ގެންދެއެވެ. ކާ ކޮންމެ އެއްޗެއް ލުބާނާއަށް ރަހަދައްކަން ބޭނުންވެއެވެ. ދުނިޔޭގެ ކޮންމެ ތަނަކަށް ލުބާނާ ދާންވެގެން ބުންޏަސް، ޖެހިގެން އަންނަ ދުވަހު ޓިކެޓުނަގައިދެއެވެ. އެ ވަރުގެ ފިރިޔަކު ލިބޭނީ މަދު މީހަކަށެވެ. ރަޒީން ހުންނަނީ ލުބާނާޔާ ހެދި މޮޔަވެފައެވެ. އަސްލު މައްސަލައަކީ ވެސް އެއީއެވެ.

ލުބާނާގެ މައިންބަފައިން ދިރިއުޅެނީ ރަށުގައެވެ. ރަށުގައި ހުރި ގެ ރާނައި، ޓިނުޖަހައި، ފާހާނާ ބަހައްޓައިދިނީ ރަޒީންއެވެ. ރަށުގައި އެ ފެންވަރުގެ ހުންނަނީ ވަރަށް މަދު ގެއެކެވެ. އެ ގޭގައި ހުސް ދެ ކޮޓަރި ހުރެއެވެ. ރަށަށް ގޮއްސިއްޔާ ލުބާނާ ވެސް ހުންނަނީ އެއިން ކޮޓަރިއެއްގައެވެ. ލުބާނާގެ އެއްބަނޑުއެއްބަފާ ކުދިން މީހުނާ އިނދެގެން އުޅެނީ މާލޭގައެވެ. އެއިން ކުއްޖަކު ރަށަށް ދިޔަސް ތިބޭނީ އެ ގެއިން ކޮޓަރިއެއްގައެވެ. ރަޒީންގެ ހަރަދުގައި ލުބާނާގެ މައިންބަފައިން ހައްޖަށް ގެންގޮސްދީފިއެވެ. އެތައް ފަހަރަކު އުމުރާއަށް ގެންގޮސްފިއެވެ. އެއިން މީހަކު ބޭހެއްކުރަން ވިޔަސް ރަޒީނަށް އިޝާރާތެއް ކޮށްލުމުން އެ ކަން އޮންނަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ލުބާނާގެ ހިތަށް ވަމުންދިޔަ ތަދު، ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ. މައްސަލައަކީ ކޮބައިހެއްޔެވެ؟ މައްސަލައަކީ ލުބާނާއެވެ. ކުށްކުރީ ކާކުހެއްޔެވެ؟ ކުށްކުރީ ވެސް ލުބާނާއެވެ. ލުބާނާގެ ދިރިއުޅުމުގައި ޖެހިފައިވާ ކޮންމެ ގޮށަކީ، ލުބާނާ އަމިއްލަ އަތުން ޖަހައި ބާރުކޮށްފައިވާ ގޮށެކެވެ. މައްސަލައިގެ ހުރިހައި ކުރިއެއް ފަޅައިފައިވަނީ، ލުބާނާގެ މައިންބަފައިން އިންދައިދިން އޮށަކުންނެވެ. މި ހިސާބުން ހަޔާތުގެ ފީތާ އޮޅައިލަންޖެހެނީ ފަހަތަށެވެ. މާޒީއަށެވެ.

މައިންބަފައިން އަރައިރުންވެ ތަޅައިފޮޅާ ނަމަ، ދަރިން އެ ކަން ދަސްކުރާނެއެވެ. މައިންބަފައިންގެ މެދުގައި ލޯތްބާއި ކުލުނުއޮންނަ ނަމަ، އެ ކަން ވެސް ދަރިން ދަސްކުރާނެއެވެ. ބޮޑުވަމުންއައި އިރު ލުބާނާއަށް ފެނުނީ ބައްޕަ ދެކެ މަންމަ ވާ ލޯތްބެވެ. ކުރާ އިހުތިރާމެވެ. ލުބާނާގެ ބައްޕައަކީ މަސްވެރިއެކެވެ. ބައްޕަ މަހުންލަފާ އިރު ގެންނަ މަހުން ގަރުދިޔަ ކައްކައިފައި، މޮޑެދެނީ ވެސް މަންމައެވެ. މަންމަ އަތުން ބައްޕައަށް ލަވައިދޭތަން ވެސް ލުބާނާއަށް ފެނިފައިވެއެވެ. ބައްޕައަށް މަންމަ ކަންތައްކޮށްދޭ ގޮތާ މެދު ކުޑަކުޑަ ލުބާނާ ހައިރާންވެއެވެ. މަންމަޔާ ސުވާލުކުރެއެވެ. މަންމަ ބުނި އެއް ޖުމުލަ، އަބަދު ވެސް ލުބާނާ ހަނދާންހުރެއެވެ. ސަޖިދަޖަހަން ދީން ހުއްދަކުރި ނަމަ، ބައްޕައަށް މަންމަ ސަޖިދަ ވެސް ޖެހީހެވެ. މީހަކާ އިން އިރު ލުބާނާގެ އަޒުމަކީ އެއީއެވެ. ފިރިމީހާއަށް ހިދުމަތްކުރުމުގައި މަންމަ ފަދަ އަންބަކަށް ވުމެވެ. ބައްޕައަށް މަންމަ ކޮށްދިން ގޮތަށް ލުބާނާގެ ފިރިމީހާއަށް ލުބާނާ ކަންތައްކޮށްދިނުމެވެ.

ލުބާނާއާއި ރަޒީން ދިމާވީ، މަންމަޔާ އެކުގައި ލުބާނާ މާލެއައި ދަތުރެއްގައެވެ. ފިހާރަޔަކުން ބައްދަލުވެ، އެކުވެރިކަން އުފެދި، އެ ގުޅުމަށް ލޯބީގެ ނަން ދެވުނީ އެތައް ދުވަހަކަށް ފަހު، ފޯނުންނެވެ. ރަޒީން ބުނި ގޮތުގައި ރަޒީން ހައްޔަރުވީ ލުބާނާގެ ފަން އިސްތަށިގަނޑުގައެވެ. އޭރަކީ ބުރުގާ އާންމު ޒަމާނެއް ނޫނެވެ. ލުބާނާގެ މައިންބަފައިންގެ ރުހުންލިބުމުން، ރަޒީން ގިނަގިނައިން ރަށަށްއައިސް އުޅުނެވެ. ގަޑިންގަޑިއަށް ކެއުމުގައި ސަމާލުކަން ނުދެވުމާއި، އަންނައުނުގެ ކުލަގުޅުވަން ނޭނގުމާއި، ނަމާދަށް ފަރުވާކުޑަވުން ކަހަލަ އުނި ސިފަތަކެއް ލުބާނާއަށް ފާހަގަކުރެވުނެވެ. ލުބާނާގެ މަންމަ ވެސް ލުބާނާ ގާތުގައި އެ ވާހަކަތައް ދެއްކިއެވެ. ލުބާނާގެ ޒިންމާތައް ހަނދާންކޮށްދިނެވެ.

ރަޒީންއާ ކައިވެނިކުރުމާއެކު "މަންމައަށް ވުމަށް" ލުބާނާ އަތުކުރިއޮޅައިލިއެވެ. ކާން އެއްމޭޒު ދޮށަށް އައި ފުރަތަމަ ދުވަހު، ހަމަ އެއް ކަމެއް ވެސް ރަޒީން ކުރިޔަކަ ނުދިނެވެ. ފުރަތަމަކޮޅު ރަޒީން އުޅުނީ އޮފީސް ވަޒީފާއެއްގައެވެ. އޮފީހުން ގެއަށް ރަޒީން އައުމުން ޓައީއާއި، ބޫޓާއި، އިސްޓާކީނު ބާލައިދެނީ ވެސް ލުބާނާއެވެ. ފުރަތަމަ ފަހަރު ރަޒީން ޝަކުވާ ވެސް ކުރިމެއެވެ. ރަޒީނަކީ ކުޑަކުއްޖެއް ނޫންކަމުގައި ވެސް ބުންޏެވެ. ފުރަތަމަ ބަތްމޮޑެދޭން އުޅުނު އިރު އެ ކަން ހުއްޓުވަން ވެސް މަސައްކަތްކުރިއެވެ. ގޭގައި ރަޒީން އުޅޭ އިރު، ލުބާނާ ހުންނަނީ ކައިރީގައި ވިއްދައިފައެވެ. ކަމެއްކުރަން ރަޒީން ހަރަަކާތްކޮށްލާ އިރު ލުބާނާ އޮންނަނީ އެ ކަމެއް ކޮށް ނިންމައިލައިފައެވެ. ފަހުން ރަޒީނަށް އެ ކަން ވީ މަޖަލަކަށެވެ. ލުބާނާއަށް އެ ކަން ވީ އުފަލަކަށެވެ.

އޮފީހުން ކެނޑިގެން ރަޒީން އަމިއްލަ ވިޔަފާރިއެއް ފެށިއެވެ. ދަރިން އިތުރުވަމުންދިޔައެވެ. ލުބާނާ ވަރުބައްޔެއް ނުވެއެވެ. ކުދިންގެ ހުރިހައިކަމެއް ކޮށްފައި، ފިރިމީހާއަށް ކައްކައިކާންދިނުމާއި، ދޮވެއިސްތިރިކޮށްދިނުމާއި، ނިދަން އޮށޯތުމުން ފައިމޮޑެދިނުމާއި، އަންނައުނު ކުލަގުޅުވައިދިނުމަކީ ވެސް، ފިސާރި ކުރާ ހިތުން ލުބާނާ ކުރި ކަންތަކެވެ. ފިރިމީހާ ފެންވަރާ އިރު، ގައި އުނގުޅައިދިނުމާއި، ފެންވަރައިގެން ނުކުތުމުން ލޯޝަން ލައިދިނުމަކީ ލުބާނާ އުފާވާ ކަންތަކެވެ. އަމިއްލަ ނަފުސަށް ވުރެ ބޮޑު އިސްކަމެއް ލުބާނާ ދިނީ ފިރިމީހާއަށެވެ. ދަރިންނާއި ލުބާނާގެ ކަންތައް ވެސް ލުބާނާގެ ތާވަލުގައި އޮންނަނީ ދެވަނަޔަށެވެ. އުފަލަކަށް ކުރި ކަމެއް ރިހުމަކަށް ވެދާނެކަމަކަށް ލުބާނާ، ފަހަރެއްގައި ވެސް ހިޔެއްނުކުރެއެވެ.

-ނުނިމޭ-