31 އޮކްޓޯބަރ 2023 - 22:24

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވީ މުއިއްޒު ރައީސުލްޖުމްހޫރިއްުޔާ ކަމުގެ ހުވާކުރެއްވުމަށް އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަށް ހާއްސަ ދައުވަތުގެ ގޮތުގައި 3،500 ބޭފުޅަކަށް ޖާގަ ހަމަޖައްސާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ 1،000 މީހަކަށް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ. އެ ރަސްމިއްޔާތު ބާއްވަނީ އެންމެ ހަރަދު ކުޑަކޮށް އިންތިޒާމުތައް ކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ނިންމާފައިވާ އެ ރަސްމިއްޔާތު މޫސުން ގޯސް ދުވަހަކާ ދިމާވެއްޖެ ނަމަ ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22.9 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ޖުމްހޫރީ މައިދާން ބަންދުކޮށް ރަސްމިއްޔާތަށް އެ ސަރަހައްދު ތައްޔާރު ކުރަމުންނެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންނަނީ އިންތިހާބީ ރައީސްގެ އޮފީހާ ގުޅިގެން ކުރަމުންނެވެ.