ނިއުގެ ކުޅުންތެރިންނަށް އެހީވާން ފިއްޓޭ ތައްޔާރުވެއްޖެ
ނިއުގެ ކުޅުންތެރިންނަށް އެހީވާން ފިއްޓޭ ތައްޔާރުވެއްޖެ

ނިއު ރޭޑިއަންޓް ސްޕޯޓްްސް ކްލަބުގެ ފިޒިއޯއެއްގެ ގޮތުގައި، ކުރީގެ ޑިފެންޑަރު މުހައްމަދު ފަޔާޒް (ފިއްޓޭ) އެ ކްލަބާ ގުޅިއްޖެ އެވެ.

ރާއްޖޭގެ މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ސްޕޯޓްސް ފިޒީޝިއަން ފިއްޓޭ ނިއުގައި މަސައްކަތްކުރާނީ "ޕްރީ އެންޑް ޕޯސްޓް ރީހެބް" ޕާޓްނަރެއްގެ ގޮތުގަ އެވެ. މާނައަކީ ކުޅުންތެރިން އަނިޔާއާ ވީހާ ވެސް ދުރުގައި ބެހެއްޓުމާއި އަނިޔާވެއްޖެ ނަމަ އެކަމުން ސަލާމަތްކޮށްދިނުމެވެ.

"ރިހެބްލިޓޭޝަން މިއީ ވަރަށް މުހިއްމު ކަމެއް. މިއީ މާކުރީއްސުރެ އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކައެއް. މިހާރު މިއޮންނަ ގޮތަކީ އިންޖަރީއެއްވީމާ ބޭސް ދީފައި ތިން ހަފުތާ އަރާމުކޮށްފަ ކުޅެން ނެރެނީ. އެހެންވެ ކުޅުންތެރިން ލައިފް ސްޕޭން ކުރުވަނީ،" ފިއްޓޭ ބުންޏެވެ. "ނިއު ރޭޑިއަންޓުން މިކަމަށް އިނިޝިއޭޓް ނެގީތީ އުފާކުރަން."

ފިއްޓޭ ބުނީ ހަމައެކަނި އޮންނަން ޖެހޭނީ އަނިޔާވުމުން ފަރުވާކުރުން ނޫން ކަމަށާއި އަނިޔާވިޔަނުދޭން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަސަލް ޓެންޝަން ދުއްވާލައި ކުޅުންތެރިޔާ ރަނގަޅު ކަންޑިޝަނެއްގެ ބެހެއްޓުމުގެ މުހިއްމުކަން އޭނާ ފާހަގަކުރި އެވެ.

ނިއުގެ ބެންޗަށް ވެސް ފިއްޓޭ ދާނެ އެވެ. އެކަމަކު ކުޅުންތެރިންގެ ފަރުވާގެ ކަންކަން ކުރިއަށްގެންދާނީ ފިއްޓޭގެ ފިޓްފޯލައިފް ޖިމްގަ އެވެ. ނިއުގެ ކުޅުންތެރިން ފިޓްނަސް ޓެސްޓްތައް ހަދަނީ ވެސް އެ ޖިމްގަ އެވެ.

ކްލަބް ވެލެންސިއާ އަށް ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމަށް ފަހު ނިއު އަށް ވެސް ކުޅުނު ފިއްޓޭ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ފިޒިއޯއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ ފަސް އަހަރަކަށް އަހަރުތެރޭ ފިއްޓޭ ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރި ރާއްޖޭގެ ކުޅިވަރު ކޮންޓިންޖެންޓްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ބޮޑު ބަޖެޓަކާ އެކު އާ ސީޒަނަށް ތައްޔާރުވަމުން އަންނަ ނިއު އިން ވަނީ ބިދޭސީ ކޯޗެއްގެ އިތުރުން ބިދޭސީ ފިޓްނަސް ކޯޗެއް ވެސް ގެނެސްފަ އެވެ. މީގެ ކުރިން ބިދޭސީ ފިޒިކަލް ޓްރޭނަރެއް ގެނެސްފައިވަނީ 2007 ވަނަ އަހަރު ވީބީ ސްޕޯޓްސް އިންނެވެ.