31 އޮކްޓޯބަރ 2023 - 14:39

ދިވެހި ސާފިން ލެޖެންޑް ހުސެއިން އަރީފް (އިބޫ) މި އަހަރުގެ ގައުމީ ސާފް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
އިބޫ ޗެމްޕިއަންކަން ހޯދީ، ރަންނަމާރި ޗެލެންޖް މިއަދު ކުރިއަށް ދިޔަ ހަތަރުވަނަ ބުރުގެ ހީޓް ކާމިޔާބުކޮށް، ކުއާޓާ ފައިނަލުގެ ޖާގަ ޔަގީން ކޮށްގެންނެވެ.
ކުއާޓާ ފައިނަލްގެ ޖާގަ ޔަގީން ކުރާ އެތުލީޓުންނަށް ލީގު ރޭންކިންގައި 610 ޕޮއިންޓް ލިބޭނެ އެވެ. ރަންނަމާރި ޗެލެންޖްގެ ކުރިން އިބޫ ހޯދި 2860 ޕޮއިންޓާ އެކު އޭނާ މިވަނީ ލީގުގައި 3470 ޕޮއިންޓް ޔަގީން ކޮށްފަ އެވެ.
"މިއީ ވަރަށް މަސައްކަތް، ފުރަތަމަ ވެސް ބުނެލަން ބޭނުމީ އަލްހަމްދުﷲ،" ލީގު ޔަގީންވުމުން އިބޫ ބުންޏެވެ.
މިވަގުތު ލީގު ރޭންކިންގެ ދެވަނައިގައި އޮތީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) އެވެ. މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި ނަޖާހު މުހައްމަދު (ކަބޯ) އޮތީ ތިންވަނައިގަ އެވެ. ރަންނަމާރި ޗެލެންޖްގެ ކުރިން އެ ދެ އެތުލީޓުންނަށް ވަނީ 2340 ޕޮއިންޓް ލިބިފަ އެވެ. މި ދެ އެތިލީޓުން ކުރެ އެތުލީޓަކު ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި ނަމަވެސް އެންމެ ގިނަވެގެން ލިބޭނީ ޖުމްލަ 3340 ޕޮއިންޓެވެ.
މިއަހަރުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ގދ. ގައްދޫ ކަޅެގަލެކޮޑާގައި އިބޫ ވަނީ ކުއާޓާ ފައިނަލުގައި ބަލިވެފަ އެވެ. އެ މުބާރާތުން އޭނާ އަށް ލިބުނު 610 ޕޮއިންޓް، ގައުމީ ރޭންކިން ކަނޑައަޅާއިރު ނުގުނަ އެވެ. މ. މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑުގައި އިބޫ ދެވަނަ ހޯދައިގެން 860 ޕޮއިންޓް ހޯދި އެވެ. ކ. ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތާއި ކ. ތުލުސްދޫގައި ބޭއްވި ރަންދާ ރާޅުގަނޑުގައި ޗެމްޕިއަންކަން ހޯދައިގެން އިބޫ ވަނީ އެއިން ކޮންމެ މުބާރާތަކުން 1000 ޕޮއިންޓް ހޯދައިފަ އެވެ.
މިދިޔަ އަހަރު ދިވެހި ސާފް ލީގު ބާއްވަން ފެށުމުގެ ކުރިން، ގައުމީ ޗެމްޕިއަންޝިޕްގެ ގޮތުގައި އޮތީ ރަންނަމާރި ޗެލެންޖެވެ. އިބޫ ވަނީ ހަތް ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދައި ރެކޯޑް އަދަދަކަށް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ރަންނަމާރި ޗެލެންޖް ކާމިޔާބު ކުރިފަހުން ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ރާޅާއެޅުމާ ދުރުގައި ހުރުމަށް ފަހު، އެނބުރި މުބާރާތަކަށް އައީ މިދިޔަ އަހަރުގެ ގާމާދޫކޮޅު މުބާރާތަށެވެ. އެ މުބާރާތުގައި ވާދަކޮށް އިބޫ ޗެމްޕިއަންކަން ވެސް ހޯދި އެވެ.
ސާފް ލީގުގައި ފުރަތަމަ ބޭއްވި ހަތަރު މުބާރާތުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން މުބާރާތުގެ ޕޮއިންޓް އެއްކޮށްގެން ރޭންކިން އެކުލަވާލައި، ރަންނަމާރި ޗެލެންޖަށް ކޮލިފައިވީ ރޭންކިންގެ ގަދަ 28 އެތުލީޓުންނެވެ. އަދި ރޭންކިންގެ ގަދަ 10 އެތުލީޓުން ވަނީ ރަންނަމާރި ޗެލެންޖްގައި ސީޑް ކޮށްފަ އެވެ. ގަދަ 10 ގެ ތެރެއިން އެންމެ ކުރީގައި އޮތް ހަތަރު އެތުލީޓުން ފެށީ ހަތަރުވަނަ ބުރުންނެވެ.
ހަތަރުވަނަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކޮށް، އިބޫ ހީޓް ކާމިޔާބުކުރީ ޖުމްލަ 13.50 ޕޮއިންޓް ހޯދައިގެންނެވެ. އިބޫގެ ފަސްވަނަ ރާޅަށް 6.50 ޕޮއިންޓް ހޯދި އިރު ޖެހިގެން އެޅި ރާޅުގައި އޭނާ ހަތް ޕޮއިންޓް ސްކޯ ކުރި އެވެ. މި ހީޓްގެ ދެވަނައަށް ދިޔައީ އޭނާގެ ކޮއްކޮ، އަބްދުﷲ އަރީފް (ފުކޫ) އެވެ. ފުކޫ ދެވަނަ ހޯދީ 10.50 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި ނިންމި ހަސަން ނާސިހު (ޗިކާ) އަށް ލިބުނީ 8.93 ޕޮއިންޓެވެ. ޗިކާގެ ފަހަތުން ނިންމީ 6.64 ޕޮއިންޓް ހޯދި އަބްދުﷲ އަރުޝަދެވެ.
ހަތަރުވަނަ ބުރުގައި އެންމެ މަތިން ސްކޯ ކުރީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަންމަޑޭ އެވެ. އޭނާ ވަނީ ހަތަރުވަނަ ހީޓުގައި ވާދަކޮށް ޖުމްލަ 14.67 ޕޮއިންޓް ހޯދައިފަ އެވެ. އަންމަޑޭ ވަނީ އޭނާގެ އެންމެ ރަނގަޅު ރާޅަށް އަށް ޕޮއިންޓް ހޮދައިފަ އެވެ. މި ހީޓްގެ ދެވަނަ ލިބުނީ 9.83 ޕޮއިންޓް ހޯދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ތިންވަނައިގައި ނިންމި ސައްޔިދު ސަލާހުއްދީން 6.26 ޕޮއިންޓް ހޯދިއިރު، އަބްރާހިމް އައިމަން އާރިފް ވަނީ 5.53 ޕޮއިންޓް ހޯދައިފަ އެވެ.
ދެވަނަ ހީޓު ކާމިޔާބުކުރީ 12.50 ޕޮއިންޓް ހޯދި ހޫދު އަހުމަދު (ހޫބްޒް) އެވެ. މި ހީޓްގެ ދެވަނަ ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ 10.50 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައިގައި ނިންމީ 7.44 ޕޮއިންޓް ހޯދި ކަޔާން އަބްދުﷲ އަރީފް އެވެ.
ތިންވަނަ ހީޓު ކާމިޔާބު ކުރި ކަބޯ ވަނީ 11.50 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދީ ހަތް ޕޮއިންތް ހޯދި ޖައިލަމް ނިޒާރެވެ. އަހުމަދު އަރުޒާނަށް 5.87 ޕޮއިންތް ލިބުނުއިރު ޔަސީން އަހުމަދު ނާޝިދަށް ލިބުނީ 5.27 ޕޮއިންޓެވެ.
ހަތަރުވަނަ ބުރުގައި ކުރިއަށް ގެންދިޔަ ހަތަރު ހީޓުން ވެސް އެންމެ ރަނގަޅު ދެ އެތުލީޓުން ވަނީ ކުއާޓާ ފައިނަލަށް ހޮވިފަ އެވެ.
• ހީޓް 1: އިބޫ، ސްމައިލީ
• ހީޓް 2: ހޫބްޒް، ފުކޫ
• ހީޓް 3: ކަބޯ، ކުޑަ އިއްސެ
• ހީޓް 4: އަންމަޑޭ، ޖައިލަމް