31 އޮކްޓޯބަރ 2023 - 14:14

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ފިސްކަލް ހިރާސްތައް ކުޑަކޮށް ދަރަނީގެ މައްސަލަ ހައްލު ކުރަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި 2024 ވަނަ އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އިސްކަން ދީފައިވާ އިރު، ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީތައް ޓާގެޓުކުރުމަށް ވަނީ ކަނޑައާޅާފަ އެވެ. އަދި އާސަންދަ ކުޑަ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ.
ބަޖެޓު ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު އަޅާ ފިޔަވަޅުތަކުން ސަބްސިޑީއަށް ކުރާ ހޭދަ 1.2 ބިލިއަން ރުފިޔާއަށް ކުޑަ ކުރެވޭނެ ކަމަށެވެ. އެއީ އެކި ސަބްސިޑީތަކަށް މިއަހަރު ކުރި ޖުމްލަ ހަރަދު އަންނަ އަހަރު 13 ޕަސަންޓު ކުޑަކުރުމެވެ. އަދި އާސަންދައަށް ކުރާ ހޭދަ 500 މިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ އެވެ. ސަބްސިޑީއަށް އަންނަ އަހަރު 2.2 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ކަނޑައަޅާފަ އެވެ. އަދި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 15.6 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އަދި އިތުރަށް ބަޖެޓް ފައިނޭންސިން އަށް 1.8 ބިލިއަން ރުފިޔާއަށް އަރަ އެވެ.
- ޖުމްލަ ބަޖެޓު : 49.5 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު : 47.3 ބިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ : 33.5 ބިލިއަން ރުފިޔާ
- ޑެފިސިޓް: 13.7 ބިލިއަން ރުފިޔާ
- ޖީޑީޕީ 114.6 ބިލިއަން ރުފިޔާއަށް އެރުވުން
- އިގްތިސާދީ ދުވެލި 5.5 ޕަސެންޓުގައި ބެހެއްޓުން
- ޓޫރިސްޓުން: 2.01 މިލިއަން ޓޫރިސްޓުން
- ރިޒާވް: 606 މިލިއަން ޑޮލަރު
- އިންފްލެޝަން: 3.9 ޕަސެންޓު
މިއަހަރުގެ ބަޖެޓުގެ 70 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 34.8 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދު ކުރަން ކަނޑައަޅާފައިވާ އިރު ކެޕިޓަލް ހަރަދުތަކަށްވަނީ ހަ ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.