ވިޔަފާރިއަށް ގޭގައި ކާބޯތަކެތި ހަދާ ނަމަ ފުޑް ސޭފްޓީ ކޯސް ހަދަން ޖެހޭ އުސޫލެއް
ވިޔަފާރިއަށް ގޭގައި ކާބޯތަކެތި ހަދާ ނަމަ ފުޑް ސޭފްޓީ ކޯސް ހަދަން ޖެހޭ އުސޫލެއް

ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި ހެދޭނީ ބޭސިކް ފުޑް ސޭފްޓީ ކޯސް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް އެމްއެފްޑީއޭއިން ހަމަޖައްސައިފި އެވެ.

އެ އިދާރާއިން މިއަދު އާއްމުކުރި "އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑަކީ" ގޭގައި ތައްޔާރުކުރާ ކާބޯތަކެތީގެ ތެރެއިން 24 ގަޑިއިރަށް ވުރެ ގިނައިރު ހުންނަ ތަކެތި ރައްކާތެރިގޮތުގައި ތައްޔާރުކުރުމާ ބެހޭ އުސޫލުތަކެވެ. އާންމުކޮށް ހަދައި އުޅޭ ހެދިކާ ފަދަ ތަކެތި ހަދާ މީހުން މި ކޯސް ފުރިހަމަކުރާކަށް ނުޖެހޭނެ އެވެ.

އެ މިންގަނޑުގައި، ކާބޯތަކެތި ތައްޔާރުކުރާ ބަދިގެ ހުންނަންޖެހޭ ގޮތާއި ހިފާ ގެންގުޅޭ ސާމާނާއި އާލަތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އަދި ކާބޯތަކެތި ތައްޔާރުކުރާ މީހުންގެ އާއްމު ސާފުތާހިރުކަން ބަހައްޓަންވީ ފަދަ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

އެމްއެފްޑީއޭއިން ބުނީ، މުއްދަތު ހަމަވާ ތާރީހު 24 ގަޑިއިރަށްވުރެ އިތުރަށް ހުންނަ ކާބޯތަކެތި ތައްޔާރުކުރެވޭނީ ބޭސިކް ފުޑް ސޭފްޓީ ނުވަތަ އެ އެޖެންސީން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމާފައިވާ މީހުންނަށް ކަމަށެވެ.

ކާބޯތަކެތި ހެދުމުގައި ހުންނަންޖެހޭ އާއްމު ޝަރުތަކީ، ވަހާއި ދުމާއި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުމެވެ. އޭގެ އިތުރުން ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން ވެސް ވަނީ އަންގައިފަ އެވެ.

ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ލޭބަލްކުރުމަކީ އާއްމު ޝަރުތުގެ ބައެކެވެ.

- އަތް ދޮވުމާއި ހިފައިގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖައްސާފައި ހުރުން

- އާމްދަނީ ހޯދުމުގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރުމަށް ވަކި ހާއްސަ ގަޑިއެއް ކަނޑައެޅުން

- އާމްދަނީ ހޯދުމަށް ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ތެލި ތަށި ފަދަ ތަކެތި ހާއްސަކުރުން

- ރޯނުފިލުވައި ހުންނަ ކާބޯތަކެއްޗާއި އެނޫން ކާބޯތަކެއްޗަށް ވަކި ހާއްސަ ތަށި ސަމުސާ ފަދަ ތަކެތި
ބޭނުންކުރުން. އެ ކަންކަމަށް ވަކި ތަށި ސަމުސާ ނެތް ނަމަ ރޯނުފިލުވައި ހުންނަ ކާބޯތަކެއްޗަށް
ބޭނުންކުރި ތަކެތި ރަނގަޅަށް ދޮވެ ޑިސްއިންފެކްޓު ކުރުމަށްފަހު ބޭނުންކުރަން ފެށުން

- ކާބޯތަކެއްޗަށް އިސްތަށި ނުފައިބާނެހެން ބޮލާއި ހަށިގަނޑު ނިވާކޮށްފައި ބެހެއްޓުން އަދި ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރު ހެދުމެއްގައި ހުރުން

- އަންގި ފަދަ ތަކެތި ބޭނުންކުރާ ނަމަ ކާބޯތަކެތި ތަޣައްޔަރު ނުވާނެ ފަދަ ނުވަތަ ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ނުކުރާނެ ފަދަ ސާފު އަންގި ބޭނުން ކުރުން. ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗާއި ކައްކާފައި ހުންނަ
ކާބޯތަކެއްޗަށް ވަކި އަންގި ބޭނުންކުރުން

އޭގެ އިތުރުން، ރޯ ނުފިލުވާ ހުންނަ ކާބޯތަކެތި އައިސްއަލަމާރީގައި ރައްކާކުރާ ނަމަ ރަނގަޅަށް ވައި ބަންދުވެފައި ހުންނަ ކޮންޓެއިނަރެއްގައި ރައްކާކުރުން އަދި އެ ގޮތަށް ރޯނުފިލުވާ ހުންނަ ކާބޯތަކެތި ރައްކާކުރާއިރު ކައްކާފައި ހުންނަ ކާބޯތަކެތީގެ ތިރީގައި ބަހައްޓަން ވެސް ގައިޑްލައިނުން ވަނީ އަންގައިފަ އެވެ. .

ގަނޑުކޮށްފައިވާ ކާބޯތަކެތި ކެއްކުމުގެ ކުރިން ރަނގަޅަށް ގަނޑުފިލުވުމާއި ގަނޑުފިލުވާ ތަކެތި އަލުން ގަނޑުނުކުރުން އެދިފައިވެ އެވެ.