އަންހެން ކުޅުންތެރިޔަކަށް ބޮސް ދިން ރުބިއަލެސް ސަސްޕެންޑްކޮށްފި، މައްސަލަ އިސްތިއުނާފު ކުރަނީ
އަންހެން ކުޅުންތެރިޔަކަށް ބޮސް ދިން ރުބިއަލެސް ސަސްޕެންޑްކޮށްފި، މައްސަލަ އިސްތިއުނާފު ކުރަނީ

މެޑްރިޑް (އޮކްޓޯބަރު 31) - ސްޕެއިންގެ އަންހެން ކުޅުންތެރިޔަކަށް ބޮސް ދިން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ތިން އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.

އަންހެން ވޯލްޑް ކަޕް ޗެމްޕިއަންކަން ސްޕެއިން ހޯދުމުން، އުފަލުން ގޮސް ސްޕެއިންގެ ކުޅުންތެރިޔާ ޖެނީ ހާމޯސޯ އަށް ރުބިއަލެސް ބޮސް ދިނީ މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގަ އެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ރުބިއަލެސްގެ މައްސަލަ ބަލަން ފެށީ ސްޕެއިންގެ ކުޅިވަރު އިދާރާތަކުން އިސްވެ އޭނާގެ މައްސަލަ ބަލަން ފެށި ފަހުންނެވެ.

ސްޕެއިންގެ އިދާރާތަކުން ކުރިމަތި ކުރި ޕްރެޝަރާ ގުޅިގެން މިދިޔަ މަހު މަގާމުން އިސްތިއުފާ ދިން ރުބިއަލެސް ވިދާޅުވީ ހާމޯސޯ އަށް ބޮސް ދިނީ ބޭއިހްތިޔާރުގައި ކަމަށެވެ. ނަމަވެސް ހާމޯސޯ ބުނީ ރުބިއަލެސްގެ އެ އަމަލު އޭނާ ބަލައިނުގަންނާނެ ކަމަށެވެ.

ފީފާއިން ރުބިއަލެސް އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ 90 ދުވަހުގެ މުއްދަތަށެވެ. އެއީ މައްސަލަ ބެލުމަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަ ބަލައި ޑިސިޕްލިނަރީ ކޮމިޓީން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމި ނަމަވެސް ރުބިއަލެސް ވިދާޅުވީ އިސްތިއުނާފު ކުރާނެ ކަމަށެވެ.

"އަދުލު އިންސާފު ލިބި، ހަގީގަތް ހާމަވެ އެންމެ ފަހު ގޮތްއް ނިމެންދެން އަހަރެން ކުރިއަށްދާނަން،" އިސްތިއުނާފު ކުރާނެކަން ހާމަކޮށް ސޯޝަލް މީޑިއާގައި ރުބިއަލެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ސިޔާސީ މީހުން އެކަމުގެ އަޑިގައި ތިބިކަން ހާމަަވެގެންދާ ކަމަށެވެ.