08 ފެބުރުއަރީ 2017 - 06:27

އަކްޝޭ ކުމާރުގެ އާ ފިލްމު "ޖޮލީ އެލްއެލްބީ2" ގައި އިންޑިއާގެ ޖުޑިޝަރީގެ އަގު ވެއްޓޭ ގޮތަށް ބައެއް މަންޒަރުތައް ހުރި ކަމަށް ބުނެ ގާނޫނީ ވަކީލަކު ކޯޓަށް ހުށަހެޅި މައްސަލަ ބޮމްބޭ ހައި ކޯޓުން ބަަލައި ފިލްމުގެ ހަތަރު މަންޒަރެއް ކަނޑާލުމަށް ފަހު ފިލްމަށް ސެންސަރު ސެޓްފިކެޓެއް ދޫކުރަން އަމުރުކޮށްފި އެވެ.
އެ މަންޒަރުތައް ކަނޑާލަން ޖެހުނީ ކޯޓާއި ފަނޑިޔާރުން އަދި ގާނޫނީ ވަކީލުންގެ އަގު ވެއްޓޭ ފަދަ މަންޒަރުތަކަކަށް ވާތީ ކަމަށް ފެންނާތީ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
މިއީ ހިންދީ ފިލްމީ ތާރީޚުގައި ވެސް ފިލްމެއްގެ މަންޒަރުތަކެއް ކަނޑާލަން ކޯޓަކުން ސެންސަރު ބޯޑަށް އަމުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ސެންސަރު ބޯޑުން ފާސްކޮށްދީފައިވާ ފިލްމަކަށް ވެފައި އެތަނުން ފާސްކޮށްދީފައި ވަނިކޮށް އިތުރު މަންޒަރުތަކެއް ކަނޑާލަން ކޯޓުން އެންގުމަކީ ސެންސަރު ބޯޑަށް ވެސް އާ ކަމެކެވެ.
ފިލްމުގެ ޕްރޮޑިއުސަރުންގެ ފަރާތުން ކޯޓަށް ހާޒިރުވި ގާނޫނީވަކީލު ވަނީ ކޯޓު އަމުރާ އެއްގޮތަށް އެ މަންޒަރުތައް ފިލްމުން ކަނޑާލަން ނުވަތަ ބަދަލުގެންނަން އެއްބަސްވެފަ އެވެ.
މިހާރު އަކްޝޭ އާއި ފިލްމުގެ ބަތަލާ ހުމާ ގުރޭޝީ އުޅެނީ ފިލްމު ޕްރޮމޯޓްކުރުމަށް އިންޑިއާގެ އެކި ރަށްތަކަށް ދަތުރުކުރުމުގަ އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރާ މި ކޯޓު ޑްރާމާގައި އަންނޫ ކަޕޫރާއި ސައުރަބް ޝުކްލާ ވެސް މުހިއްމު ރޯލުތަކެއް ކުޅެ އެވެ. ފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވަނީ ސުބާޝް ކަޕޫރެވެ.