31 އޮކްޓޯބަރ 2023 - 10:16

މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ފައިނަލްގައި އެންމެނެ ހައިރާން ކޮށްލާފައި ހުސެއިން އަރީފް (އިބޫ) ގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންކަން ހޯދި މުހައްމަދު އިރުޝާދު (ބިއްލޫ) އަށް އަނިޔާގެ ސަބަބުން މިއަހަރުގެ އިވެންޓްގައި ވާދަކުރެވޭ ގޮތެއް ނުވި އެވެ.

މިއަހަރުގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭތީ ބިއްލޫ އަށް އޯޕަން ޑިވިޝަން ފަށަން ޖެހެނީ ސީދާ ތިންވަނަ ބުރުންނެވެ. ނަމަވެސް ރާޅާއަޅަން އުޅުމުގެ ތެރޭގައި އޭނާގެ ބުރަކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީއެއް ކުރަން ޖެހޭތީވެ އޭނާއަށް މުބާރާތުގައި ރާޅާއެޅޭގޮތެއް ނުވިއެވެ.

ފިރިހެން އޯޕަން ޑިވިޝަންގެ ދެވަނަ ބުރާއި ތިންވަނަ ބުރުގެ ހީޓްތައް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދެވަނަ ބުރުގެ ތިން ހީޓުން ވެސް އެންމެ މަތިން ސްކޯކުރި ދެ އެތުލީޓުން ވަނީ ތިންވަނަ ބުރުގައި ރާޅާ އަޅައިފަ އެވެ.

ދެވަނަ ބުރުގެ ފުރަތަމަ ހީޓުގައި ޖުމްލަ 8.33 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބުކުރީ މުހައްމަދު ފަޔާޒް (ޕެލޭ) އެވެ. ދެވަނައަށް ދިޔައީ 7.63 ޕޮއިންޓް ހޯދި އަބްދުﷲ އަރުޝަދެވެ. ތިންވަނައަށް ދިޔަ ޔަމާން އިބްރާހިމަށް 5.73 ޕޮއިންޓް ލިބުނުއިރު އިބްރާހިމް ލަތީފަށް ލިބުނީ 5.50 ޕޮއިންޓެވެ.
ދެވަނަ ހީޓު ކާމިޔާބުކުރީ 10.50 ޕޮއިްނޓް ހޯދި މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. ދެވަނައަށް ދިޔަ ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ 7.76 ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓުގައި ވާދަކުރި މުހައްމަދު އިނާން އަބްދުލް ހަންނާނަށް ލިބުނީ 4.50 ޕޮއިންޓެވެ.
ތިންވަނަ ހީޓް ކާމިޔާބުކުރީ ލީގުގައި ޖޫނިއާ ރޭންކިންގެ އެއްވަނައިގައި އޮތް ކަޔާން އަބްދުﷲ އަރީފް އެވެ. އޭނާ ވަނީ 8.16 ޕޮއިންޓް މި ހީޓުގައި ހޯދައިފަ އެވެ. ދެވަނައަށް ދިޔަ އަޒްލީ ނަސީމް ވަނީ 6.50 ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓުގައި ވާދަކުރި މުހައްމަދު ރިފާސް އަބްދުއްރައްޒާގަށް ލިބުނީ 3.30 ޕޮއިންޓެވެ.
ލީގު ރޭންކިންގެ 5 އިން 10 އަކަށް ސީޑް ކުރެވުނު ހަ އެތުލީޓުންގެ ތެރެއިން ބިއްލޫ ފިޔަވައި ފަސް ރާޅާއެޅުންތެރިން ވަނީ ތިންވަނަ ބުރުގައި ރާޅާ އަޅައި، ހަތަރުވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
އަށްވަނައަށް ސީޑް ކުރެވުނު ބިއްލޫ ވާދަކުރަން އޮތް މި ބުރުގެ ތިންވަނަ ހީޓް ކާމިޔާބުކުރީ ފުރަތަމަ ބުރުގެ ހީޓް ކާމިޔާބުކުރި ޔަސީން އަހުމަދު ނާޝިދެވެ. އޭނާ ވަނީ 6.67 ޕޮއިންތް ހޯދައިފަ އެވެ. ދެން ވާދަކުރި އަބްދުﷲ އަރުޝަދަށް ލިބުނީ 5.70 ޕޮއިންޓެވެ.
މި ބުރުގެ ފުރަތަމަ ހީޓް ކާމިޔާބުކުރީ ފަސްވަނައަށް ސީޑް ކުރެވުނު ހޫދު އަހުމަދު (ހޫބްޒް) އެވެ. އޭނާ ހީޓް ކާމިޔާބުކުރީ 10.67 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ 6.83 ޕޮއިންޓް ހޯދި އިބްރާހިމް އައިމަން އާރިފެވެ. ދެން ވާދަކުރި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް ލިބުނީ 4.90 ޕޮއިންޓެވެ.
ދެވަނަ ހީޓުގައި، 10 ވަނައަށް ސީޑް ކުރެވުނު އާދަމް މުއީން އިބްރާހިމަށް ޖުމްލަ 7.67 ޕޮއިންޓާ އެކު ލިބުނީ ދެވަނަ އެވެ. ހީޓް ކާމިޔާބުކުރީ 9.50 ޕޮއިންޓް ހޯދި އަބްދުﷲ އަރީފް (ފުކޫ) އެވެ. ދެން ވާދަކުރި މުހައްމަދު ފަޔާޒް (ޕެލޭ) އަށް ލިބުނީ 5.33 ޕޮއިންޓެވެ.
ހަތްވަނަ އަށް ސީޑް ކުރެވުނު ސައްޔިދު ސަލާހުއްދީން ވަނީ ހަތަރުވަނަ ހީޓުގައި، ސީނިއާ ގައުމީ ޓީމުގެ އެތުލީޓް ޖައިލަމް ނިޒާރު ފަހަތަށް ޖައްސާލައި 7.50 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބު ކޮށްފަ އެވެ. ޖުމްލަ 6.73 ޕޮއިންޓާ އެކު ޖައިލަމް އަށް ލިބުނީ 6.73 ޕޮއިންޓެވެ. މި ހީޓުގައި ވާދަކުރި ޗޮއްޕު އަށް ލިބުނީ 3.46 ޕޮއިންޓެވެ.
ކަޔާން އަބްދުﷲ އަރީފް ވަނީ ފަސްވަނަ ހީޓުގައި ޖުމްލަ 10.84 ޕޮއިންޓް ހޯދައިގެން، ނުވަވަނައަށް ސީޑް ކުރެވުނު އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ފަހަތަށް ޖައްސާލައިފަ އެވެ. ކުޑަ އިއްސެ އަށް ލިބުނީ 5.97 ޕޮއިންޓެވެ. މި ހީޓުގައި ދެން ވާދަކުރި އައިހަމް އަދުނާނަށް ލިބުނީ 4.47 ޕޮއިންޓެވެ.
މި ބުރުގެ ފަހު ހީޓުގައި 10.66 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބުކުރީ އަހުމަދު އަރުޒާން އެވެ. ދެވަނައަށް ދިޔައީ ހަވަނައަށް ސީޑް ކުރެވުނު ހަސަން ނާސިހު (ޗިކާ) އެވެ. ޗިކާ ވަނީ 5.80 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައިގައި ނިންމި އަޒްލީ ނަސީމް އަށް ލިބުނީ 3.93 ޕޮއިންޓެވެ.
އެންމެ މަތިން ސީޑް ކުރެވުނު ހަތަރު އެތުލީޓުން ކަމަށްވާ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ނަޖާހު މުހައްމަދު (ކަބޯ) އާއި އަހުމަދު އާގިލް (އަންމަޑޭ)، ހަތަރުވަނަ ބުރުގައި ވާދަ ކުރާނެ އެވެ.
• ހީޓް 1: އިބޫ، ފުކޫ، އަބްދުﷲ އަރުޝަދު، ޗިކާ
• ހީޓް 2: ސްމައިލީ، ހޫބްޒް، ކަޔާން އަބްދުﷲ އަރީފް، އާދަމް މުއީން އިބްރާހިމް
• ހީތް 3: ކަބޯ، ޔަސީން، އަރުޒާން، ޖައިލަމް
• ހީޓް 4: އަންމަޑޭ، ސައްޔިދު، ކުޑަ އިއްސެ، އިބްރާހިމް އައިމަން އާރިފް
ޖޫނިއާ ބައިގެ ދެވަނަ ބުރުގައި އިއްޔެ ތިން ހީޓެއް ކުރިއަށް ގެންދަން އޮތެވެ. ނަމަވެސް ފުރަތަމަ ހީޓުގައި އެންމެ އެތުލީޓެއް ހިމެނޭތީ އޭނާ އަށް ވަނީ ތިންވަނަ ބުރުން ޖާގަ ލިބިފަ އެވެ. އެ އެތުލީޓަކީ އިނާން އެވެ.
ދެވަނަ ހީޓުގައި ދެ އެތުލީޓުން ހިމެނޭތީ ހީޓު ކުރިއަށް ގެންދިޔަ ނަމަވެސް ދެ އެތުލީޓުންނަށް ވަނީ ތިންވަނަ ބުރުން ޖާގަ ޔަގީން ވެފަ އެވެ. މި ހީތުގައި ޖުމްލަ 11.33 ޕޮއިންޓް ހޯދައިގެން އެއްވަނަ ހޯދީ ޗޮއްޕު އެވެ. ދެވަނައަށް ދިޔަ ކަޔާން ޒަކީ އަށް ލިބުނީ 3.27 ޕޮއިންޓެވެ.
ތިންވަނަ ހީތުގެ އެއްވަނަ ހޯދީ 8.67 ޕޮއިންޓް ހޯދި ސައްޔިދެވެ. ޖުމްލަ 2.90 ޕޮއިންތް ހޯދި އަހުމަދު ނިހާލް އަށް ދެވަނަ ލިބުނުއިރު، 2.40 ޕޮއިންތް ހޯދި އަހުމަދު އާލް އާދިލް އަށް ވަނީ އިތުރަށް ކުރިއަށް ދެވޭގޮތް ނުވެފަ އެވެ.
ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި ހީޓް ކާމިޔާބު ކޮށްގެން ސީދާ ތިންވަނަ ބުރުން ފުރުސަތު ހޯދި ނޫހު މުހައްމަދު ދުނެއިމް އިރުޝާދާ އެކު ދެވަނަ ހީޓުގައި ވާދަކުރާނީ އިނާން އާއި ކަޔާން ޒަކީ އެވެ. ނޫހު ތިންވަނަ ބުރުން ފުރުސަތު ހޯދީ ފުރަތަމަ ބުރުގެ ހީތުގައި ކަޔާން ޒަކީ ފަހަތަށް ޖައްސާލައިފަ އެވެ.
ޖޫން މަހު ކ. ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތާއި ޖުލައި މަހު ކ. ތުލުސްދޫގައި އޮތް ރަންދާ ރާޅުގަނޑުގައި ސެމީ ފައިނަލަށް ނުގޮސް ކުއާޓާ ފައިނަލުން ނޫހު ކެޓީ، އިނާން އަތުން ބަލިވެގެންނެވެ.
ތިންވަނަ ބުރުގެ ފުރަތަމަ ހީތުގައި ވާދަކުރާނި ކަޔާން އަބްދުﷲ އަރީފް އާއި ޗޮއްޕު އެވެ. ދެ އެތުލީޓުން ހިމެނޭތީ، ދެ އާޅާއެޅުންތެރިންނަށް ވެސް ވަނީ ކުއާޓާގެ ޖާގަ ޔަގީން ވެފަ އެވެ.
• ހީޓް 1: ކަޔާން އަބްދުﷲ އަރީފް، ޗޮއްޕު
• ހީޓް 2: ނޫހް، އިނާން، ކަޔާން ޒަކީ
• ހީޓް 3: ޔަސީން، ސައްޔިދު، ނިހާލް