31 އޮކްޓޯބަރ 2023 - 06:14

ފަލަސްތީނަށް ނިސްބަތްވާ މީހަކަށް ވާތީ އެމެރިކާގެ މޮޑެލް، ބެލާ ހަޑީޑް އަށް މަރުގެ އިންޒާރުތައް ދެމުން ދާ ކަމަށް އޭނާ ބުނެފި އެވެ.

ބެލާ އަކީ އަބަދުވެސް ފަލަސްތީނުގެ ދިފާއުގައި ވަރަށް ފާޅުގައި އޭނާގެ ޝުއޫރު ފާޅުކުރަމުން އަންނަ މީހެކެވެ. އިޒުރޭލާ ދެކޮޅަށް ބައެއް މުޒާހަރާތަކުގައި ވެސް ބައިވެރިވެ އޭނާ އަޑު އުފުލި އެވެ. ނަމަވެސް، މިހާރު އިޒުރޭލުން ފަލަސްތީނުގެ މީހުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ބެލާ އެއްވެސް އެއްޗެއް ނުބުނާތީ ބައެއް މީހުން އެކަމާ ސުވާލު އުފެއްދި އެވެ.
އޭނާގެ ބައްޕަ މުހައްމަދު ހަޑީޑް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، އިޒުރޭލާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
އޭގެ ފަހުން ބެލާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އޭނާ އެއްޗެއް ނުބުނެ މަޑުން ހުރީ ބަޔަކު އޭނާ އަށް މަރުގެ އިންޒާރު ދެމުން ގެންދާތީ ކަމަށެވެ.
"ކޮންމެ ދުވަހަކު އަހަންނަށް ސަތޭކަ އަށް ވުރެ ގިނަ މަރުގެ އިންޒާރު ލިބޭ، ފޯނު ނަންބަރު ވަނީ ލީކުކޮށްލައިފައި. އަހަރެންގެ އާއިލާ ތިބީ ނުރައްކަލެއްގައި،" ބެލާ ބުންޏެވެ.
އެއްޗެއް ނުބުނެ ހުރެވުމުން އޭނާ މާފަށް ވެސް އެދުނެވެ. ނަމަވެސް، ބެލާ ބުނީ އޭނާގެ ހިތުގައި ފަލަސްތީނާއި އެތަނުގެ މީހުންނަށް އޮތް ލޯތްބަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަމަށާއި މަރުގެ އިންޒާރު ދިނަސް އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނު މިނިވަން ކުރަން ގޮވާލުން ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފަލަސްތީނުގެ މީހުންނާއި ކުޑަކުދިންނަށް އަދި ހާއްސަކޮށް ގާޒާގައި ތިބި މީހުންނަށް އަހަރެމެން މިހެން މަޑުން ތިބިގެން ކެތެއް ނުވާނެ. ފަލަސްތީނުގެ ދަރިކޮޅަށް މިދިޔަ އަހަރުތަކުގައި ކުރި އަނިޔާ ފެނި، އަހަރެންގެ ހިތަށް ތަދުވޭ، ދެރަވޭ. އެ ހަމަލާތަކުގައި ދަރިން ގެއްލިފައިވާ މައިންނާއި އެކަނި ރޮމުންދާ ކުދިން ފެނި އަހަންނަށް ވެސް ރޮވޭ،" ބުންޏެވެ.
އިޒުރޭލުގެ އަމަލުތައް ކުށްވެރިކޮށް ބެލާ ބުނީ ފަލަސްތީނުގެ މިނިވަންކަމާއި ސުލްހަ އަށް މަސައްކަތް ކުރިޔަސް، އިޒުރޭލުން އެ މީހުންނަކީ ޓެރިސްޓުންގެ ގޮތުގައި ލޭބަލް ކޮށްފައިވާ ކަމަށެވެ. އެއީ ހަގީގަތް އޮޅުވާލަން އިޒުރޭލުން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ބައްޕަ އާއި ބައްޕަގެ އާއިލާ ފަލަސްތީނުގައި ދިރިއުޅުނު ގެއިން ބޭރުކޮށް، އެމީހުންގެ ވަޒަނާއި ދުރުގައި ރެފިއުޖީންނަށް ވެގެން އުޅެން މަޖުބޫރު ކުރުވި. އަހަރެންގެ އާއިލާ އަށް ފެނިއްޖެ، މިދިޔަ 75 އަހަރުގެ ތެރޭގައި ފަލަސްތީނުގެ މީހުންނަށް ކުރި އަނިޔާ. އެތައް ބައެއްގެ ދިރިއުޅުން ފުނޑުފުނޑުކޮށް، މީހުން މަރާއި މަޖުބޫރުކޮށްގެން ގެއިން ބޭރުކުރި،" އޭނާ ބުންޏެވެ.
"ހުރިހާ ދީނަކުން ވެސް މަސައްކަތް ކުރަނީ ސުލްހަ އަށް ނަމަވެސް ސަރުކާރުތަކުން ފަސާދަ އުފައްދައި ހުރިހާ ގޯހެއް ހަދަނީ."
ބެލާ ބުނީ ގައްޒާ އަށް އިންސާނީ އެހީތެރިކަން މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އާއިލާތަކަށް ފެނާއި ކާނާ ލިބޭނެ ގޮތް ހަދައިދޭން ޖެހެ އެވެ. ހޮސްޕިޓަލުތަކުގައި ފަރުވާ ދިނުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެޔޮ ފޯރުކޮށްދިނުން ކަހަލަ އެންމެ އަސާސީ ކަންކަމަށް ވަރަށް ބޮޑަށް އޮތީ ބޭނުން ޖެހިފަ އެވެ.