07 ފެބުރުއަރީ 2017 - 13:30

ލަންޑަން (ފެބްރުއަރީ 7) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ޕާލަމެންޓުގައި ތަގްރީރު ކުރެއްވުމަށް ހައުސް އޮފް ކޮމަންސްގެ ރައީސް ޖޯން ބާކޯ ދެކޮޅު ހައްދަވައިފި އެވެ.

ބާކޯ ވިދާޅުވީ އިނގިރޭސި ޕާލަމެންޓުގައި ޓްރަމްޕް ތަގުރީރު ކުރެއްވުމަށް ދެކޮޅު ހައްދަވަނީ ނަސްލީ އަދި ޖިންސީ ތަފާތު ކުރުމާ ޕާލަމެންޓުން ދެކޮޅު ހަދާތީ ކަމަށެވެ. ވެސްޓްމިނިސްޓާ ހޯލްގައި ތަގްރީރު ކުރުމުގެ ހުއްދަ ދޭ ތިން ބޭފުޅުންގެ ތެރޭގައި ބާކޯ ހިމެނިވަޑައިގަންނަވަ އެވެ.
ބާކޯ ވިދާޅުވީ އިނގިރޭސި ޕާލަމެންޓުގެ ދެ ގޭގައި ބޭރުގެ ލީޑަރަކު ތަގްރީރު ކުރުމަކީ އޮޓޮމެޓިކުން ލިބޭ ހައްގެއް ނޫން ކަމަށާއި އެއީ ދޭ ޝަރަފެއް ކަމަށެވެ. އަދި އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމާ ގުޅިގެން ޕާލަމެންޓުގައި ޓްރަމްޕް ތަގްރީރު ކުރުމާ ދެކޮޅު ހެދުން އިތުރުވަމުން އަންނަ ކަމަށެވެ.
އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި މިދިޔަ ހަފުތާގައި އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޓްރަމްޕް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. ޓްރަމްޕް އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު އެވެ. ޓްރަމްޕުގެ ދަތުރާ ދެކޮޅު ހެދުމުގެ ޕެޓިޝަނުގައި ވަނީ 1.6 މިލިއަން މީހުން ސޮއިކޮށްފަ އެވެ.
އެމެރިކާ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ޖޯ ވިލްސަން ވިދާޅުވީ ބާކޯގެ ނިންމެވުމަކީ ރިޕަބްލިކަން ޕާޓީގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ.
އިނގިރޭސި ޕާލަމެންޓުގައި މިދިޔަ އަހަރު ވަނީ ކޮލަމްބިއާގެ ރައީސް ހުއާން މެނުއަލް ސަންޓޯ ތަގްރީރު ކުރައްވައިފަ އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން 2015 ވަނަ އަހަރު ތަގްރީރު ކުރެއްވި އިރު 2014 ވަނަ އަހަރު ވަނީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އިނގިރޭސި ޕާލަމެންޓުގައި ތަގްރީރު ކުރައްވައިފަ އެވެ. ރައީސް ބަރަކް އޮބާމާ ވަނީ 2011 ވަނަ އަހަރު ވެސްޓްމިންސްޓާ ހޯލުގައި ތަގްރީރު ކުރައްވައިފަ އެވެ.