ޔަހޫދީން އަތުލައިގަންނަން އާންމުން ރަޝިޔާގެ އެއާޕޯޓަކަށް ވަދެގެންފި
ޔަހޫދީން އަތުލައިގަންނަން އާންމުން ރަޝިޔާގެ އެއާޕޯޓަކަށް ވަދެގެންފި

އިރުމަތީ ޔޫރަޕުން ކެސްޕިއަން ކަނޑުގެ އައްސޭރީގައި އޮންނަ ރަޝިޔާގެ ޖުމްހޫރިއްޔާއެއް ކަމަށްވާ ދާގެސްތާނަށް އާދީޢްތަ ދުވަހު ޖެއްސި މަތިންދާބޯޓެއްގައި އިޒްރޭލުން އައި ބަޔަކު ތިބި ކަމުގެ ޚަބަރު ލިބުމާ ގުޅިގެން، އާންމުންގެ ބަޔަކު އެއާޕޯޓަށް ވަދެ ޔަހޫދީން ނުފެނުމުން އެއާޕޯޓަށް ގެއްލުން ދީފި އެވެ.

ޔަހޫދީން އަތުލައިގަންނަން އާންމުން ރަޝިޔާގެ އެއާޕޯޓަކަށް ވަދެގެންފި
ޔަހޫދީން އަތުލައިގަންނަން އާންމުން ރަޝިޔާގެ އެއާޕޯޓަކަށް ވަދެގެންފި

އާބާދީގެ 80 ޕަސެންޓް މުސްލިމުން ހިމެނޭ ދާގެސްތާންގެ ވެރިރަށް މަޚަޗްކަލާ އަށް، ރަޝިޔާގެ ރެޑް ވިންގް އެއާލައިންގެ މަތިންދާބޯޓަކުން ޔަހޫދީންތަކެއް އަންނަ ޚަބަރު ލިބުމާ ގުޅިގެން އާދީޢްތަ ދުވަހު ހަވީރު އާންމުންގެ އެތައް ސަތޭކަ ބަޔަކު އެއާޕޯޓް ސަރަހައްދަށް އެއްވި އެވެ. އެމީހުން އެއާޕޯޓް ސަރަހައްދަށް އެއްވީ، ފަލަސްތީނުގެ ދިދަތައް ހިފައިގެން އަދި އިޒްރޭލާ ދެކޮޅަށް ލިޔެފައިވާ ލިޔުންތައް ވެސް ހިފައިގެންނެވެ.

މަޚަޗްކަލާގެ އެއާޕޯޓް ކައިރި އަށް އެއްވި މީހުންނަށް، މަތިންދާބޯޓު ޖެއްސި ކަމުގެ ޚަބަރު ލިބުމާއެކު، އެއާޕޯޓްގެ އެރައިވަލް ހޯލަށް ވަދެގަންނަން މަސައްކަތް ކުރި އެވެ. ނަމަވެސް ސަލާމަތީ އޮފިސަރުން އެކަމަށް ހުރަސްއެޅުމުން، އެރައިވަލް ހޯލްގެ ބިއްލޫރިތައް ތަޅާލައިގެން ވަދެ، މަތިންދާބޯޓުތައް ޕާކްކޮށްފައި އޮންނަ ސަރަހައްދަށް އާންމުން ވަދެގަތެވެ.

އޭގެ ތެރެއިން ބައެއް މީހުން ވަނީ ޕާކްކޮށްފައި އޮތް ރެޑް ވިންގް އެއާލައިންގެ މަތިންދާބޯޓަކަށް އަރައި އޭގައި އެއްވެސް ބަޔަކު ތިބިތޯ ބަލައިފަ އެވެ. އެއަށް ފަހު، އެރައިވަލް ހޯލްގެ ތެރެއަށް ވަދެގަނެ، އިމިގްރޭޝަން ކައުންޓަރުތައް ކައިރިއަށް ގޮސް، އިޒްރޭލުގެ އެއްވެސް މީހަކު އައިތޯ ސުވާލުކުރި އެވެ.

އިރު އޮއްސި 7:15 ހާއިރު އެއާޕޯޓަށް ވަދެގަތް މީހުން މައިތިރި ކުރުމަށް ރަޝިޔާގެ ފުލުހުން މަސައްކަތް ކުރަން ފެށުމުން، އެއާޕޯޓަށް ވަދެގަތް މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ. ފުލުހުން ކަރުނަގޭހާއި މުގުރު ބޭނުންކޮށް، މީހުން ކޮންޓްރޯލްކޮށް އެއާޕޯޓްގެ ތެރެއިން އެމީހުން ނެރެވުނީ އެ ރޭގެ 10:20 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އާންމުންގެ 20 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު އިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވުމުން ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.

މި ހާދިސާއާ ގުޅިގެން ދާގެސްތާނުގެ ސަރަހައްދީ ސަރުކާރުން މިހާރު ވަނީ، ގާޒާގައި ހިނގަމުންދާ ކަންކަމާ ހިތްހަމަނުޖެހުނު ނަމަވެސް، ގާނޫނީ އިމުން ބޭރު ނުވެ ކެތްތެރިކަން އިސްކުރުމަށް ގޮވާލައިފަ އެވެ. ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވޭތޯ ރަޝިޔާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖަޒުބާތުގައި ޖެހިގެން އަނިޔާވެރި ހަރުކަށި އަމަލުތައް ނުހިންގުމަށް ވެސް ދާގެސްތާނުގެ ސަރަހައްދީ ސަރުކާރުން ގޮވައިލި އެވެ.

ދާގެސްތާނުގެ ގަވަރުނަރު ސަރްގޭ މެލިކޯވް ވިދާޅުވީ އެއާޕޯޓަށް ވަދެގަތުމަކީ ގާނޫނާ ޚިލާފަށް ހިންގި ޖިނާއީ ބޮޑު ކުށެއް ކަމަށް ވާތީ، ކަމާ ބެހޭ އިދާރާތަކުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަމުގައި ޒިންމާވާންޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކުގެ އަސްކަރީ މަދަދާއި ސިޔާސީ ތާއީދާއެކު އިޒްރޭލު ސިފައިން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި ވެސް އާންމު ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 25 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 21040 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3450 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2130 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.

އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 125 އަށް އަރައިފި އެވެ. އަދި އިތުރު 2100 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.