12 ޖޫން 2016 - 08:03

އަކްޝޭ ކުމާރުގެ އެންމެ ފަހު ރިލީޒް "ހައުސްފުލް 3" ގެ ކާމިޔާބީއާ އެކު އަކްޝޭގެ ތަރި އަނެއްކާވެސް މެދު އުޑުގައި ފިޔަޖަހަން ވަނީ ފަށާފަ އެވެ. ނަމަވެސް އަކްޝޭ ބުނަނީ އޭނާ ފިލްމު ކުޅެން ފެށިތާ ކައިރީގައި ވަރަށް ގިނަ ބަޔަކު، އޭނާއަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ ވަރަށް މަލާމަތް ކުރި ކަމަށެވެ.
މިއަހަރު ކުރީކޮޅު ނިކުތް އަކްޝޭގެ "އެއާލިފްޓް" އަށް ވެސް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފަ އެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވަނީ އިރާގު ސިފައިން ކުވޭތަށް އަރައި އެ ގައުމު ހިސޯރުކުރި ދުވަސްވަރު ކުވޭތުގައި ތިބި އިންޑިއާ މީހުން އެރަށުން ސަލާމަތުން ނެރުމަށް ބުރަ މަސައްކަތްތަކެއް ކޮށްދިން ވިޔަފާރިވެރިއެއްގެ ބައެވެ.
ނަމަވެސް "ހައުސްފުލް 3"ގައި އަކްޝޭ ކުޅެފައިވަނީ ކޮމިކް ރޯލެކެވެ. މިހާ ތަފާތު ދެ ވައްތަރެއްގެ ރޯލެއް ދެ ފިލްމުގައި އަދާކޮށްފައި ވާތީ އެއީ ވަކި ވައްތަރެއްގެ ފިލްމެއް ނުކުޅެގެން ގަސްތުގައި ހަދާގޮތެއްތޯ އިންޑިއަން އެކްސްޕްރެސް ނޫހުން އަކްޝޭއާ ސުވާލުކުރުމުން އޭނާ ބުނީ ސްކްރިޕްޓަކާ ހިތްހަމަޖެހޭ ނަމަ ކޮންމެ ފިލްމެއް ވިޔަސް ކުޅެނީ ކަމަށެވެ.
"އަހަރެން އިންޑަސްޓްރީއަށް ވަން ތަނާ އަހަރެންގެ ފިލްމުތައް ރިލީޒްކުރުމުން މީހުން ބުނަނީ އެކްޓް ކުރާކަށް ނޭނގެޔޭ. ހީވަނީ ފަރުނީޗަރެއް އެކްޓްކުރާހެނޭ. މޫނުގައި އެއްވެސް ކަހަލަ އެކްސްޕްރެޝަނެއް ނުހުރެހޭ. އެހެންވީމާ އަހަރެން މި ބުނަނީ އަހަންނަށް ކުޅެވެންޏާ ކޮންމެ ވައްތަރެއްގެ ފިލްމެއް ކޮންމެ މީހަކަށް ވެސް ކުޅެވޭނޭ،" އަކްޝޭ ބުނެފައިވެ އެވެ.
އަކްޝޭގެ "އެއާލިފްޓް" އަށް 100 ކްރޯޑު (1000 މިލިއަން ރުޕީޒް) ހޯދައި 100 ކްރޯޑު ކްލަބަށް ވަނުމުގެ ފުރުސަތު ލިބުނެވެ. އަދި "ހައުސްފުލް 3" ވެސް ދާދި އަވަހަށް އެކަލްބަށް ވަންނާނެ އެވެ.