އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ ޖަލްސާ ކުރިއަށް ނުގެންދަން މަޖިލީހުގެ އަމީންއާންމު ނިންމެވި ނިންމެވުމާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީން އިއްޔެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެންމެ ދީފައި ކަމަށެވެ. މިއީ، އެ ކޯޓުން އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭނެ މައްސަލައެއް ކަމަށް އެމްޑީޕީން އިއްޔެ ބުންޏެވެ.

ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ އިއްޔެ އަދި މިއަދަށް ވެސް އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް، ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމަވައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ކޯޓަށް ވެއްދި މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައިވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

އެހެންވެ، އެމްޑީޕީން ބުނަނީ މިހާރު އޮތް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނުނިންމާ ދެން އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން އަންނަނީ ތައްޔާރުވަމުންނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުގެ ގަރާރާ މެދު ގޮތެއް ނުނިންމާ، އިންތިހާބީ ރައީސްގެ ހުވާ ކުރުން ވެސް ކުރިއަށް ގެންދެވިދާނެ ކަމަކަށް އެމްޑީޕީގެ ގާނޫނީ ޓީމުން ނުދެކެ އެވެ.