30 އޮކްޓޯބަރ 2023 - 09:22

ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކަށް ފަހު އެ ގައުމުގެ އިދިކޮޅު ލީޑަރު މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރް އާއި އޭނާގެ ޕާޓީގެ މެންބަރުންތަކެއް ހައްޔަރުކޮށްފަ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތު އޮތް މީހުންގެ ތެރޭގައި އިދިކޮޅު ލީޑަރު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ސެކްރެޓަރީ ޖެނެރަލް އަލަމްގީރް ވެސް ހިމެނެ އެވެ.
އިދިކޮޅު ލީޑަރާއި އެކްޓިވިސްޓުންތަކެއް ހައްޔަރުކުރީ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އިސްތިއުފާއަށް ގޮވާލައި، ހަފްތާ ބަންދުގައި ކުރި މުޒާހަރާތަކުގައި ކުރިމަތިލުން ހިނގައި ފުލުހަކު މަރު ވެސް ވެފައި ވަނިކޮށެވެ.
އުމުރުން 75 އަހަރުގެ އަލަމްގީރު ހައްޔަރުކުރި ސަބަބާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އޭނާ ހައްޔަރުކުރީ މުޒާހަރާތަކާ ގުޅިގެން ކަމަށް ބުނާއިރު ބަންގްލާދޭޝްގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ އުއްތަމަ ފަނޑިޔާރުގެ ގެޔަށް ހަމަލާދިން މައްސަލައެއްގަ އެވެ.
އެކަމަކު އޭއެފްޕީގެ ނޫސް އެޖެންސީން ބުނީ އޭނާ ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ މުޒާހަރާގައި ފުލުހަކު މަރުވުމުން، މީހަކު މަރާލި ކަމުގެ ތުހުމަތަށް ކަމަށެވެ. އޭނާގެ އިތުރުން ބީއެންޕީގެ 164 މެމްބަރަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭއެފްޕީން ބުންޏެވެ.
ފުލުހުން ބުނީ އެ އޮފިސަރު މަރާލީ އަނިޔާކޮށްގެން ކަމަށާއި، އޭނާ މަރާލި ކަމަށް ތުހުމަތު ކުރަނީ ބީއެންޕީގެ އެކްޓިވިސްޓުން ކަމަށެވެ.
އިއްޔެ ވެސް ބަންގްލާދޭޝްގައި މުޒާހަރާތައް ކޮށްފައިވެ އެވެ. ބައެއް ހިސާބުތަކުގައި ހަމަނުޖެހުން ހިނގައި ދިހަ ވަރަކަށް މީހުން ޒަހަމް ވެސް ވި އެވެ.
އަލަމްގީރް ބީއެންޕީގެ ލީޑަރު ކަމަށް އައީ ކޮރަޕްޝަންގެ ތުހުމަތުގައި ބީއެންޕީގެ ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ހައްޔަރުކޮށް ފަސް އަހަރަށް ޖަލަށް ލުމުންނެވެ. ޖެނުއަރީ މަހު އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނައިރު ބީއެންޕީން މުޒާހަރާކުރަނީ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދީ، ވަކި ޕާޓީއަކަށް ކޮންޓްރޯލް ނެތް ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިހާބު ބާއްވާށެވެ.
ބީއެންޕީ ޕާޓީގެ ތަރުޖަމާނު ޒާހިރުއްދީން ސްވަޕަން ވިދާޅުވީ ފާއިތުވި ހަފްތާގައި އެ ޕާޓީގެ ތިން ހާހެއްހާ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ބަންދުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މަހުގެ 21 އިން ފެށިގެން، އިދިކޮޅު 1،480 އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ މައްޗަށް ކުރަނީ ހަމަނުޖެހުން ހިންގުމުގެ ތުހުމަތު ކަމަށެވެ. އޭގެ ތެރޭގައި ހޮނިހިރު ދުވަހުގެ މުޒާހަރާތަކުގައި ހައްޔަރުކުރި ގާތްގަނޑަކަށް 700 މީހުން ހިމެނެ އެވެ.
ބަންގްލަދޭޝްގެ ފުރަތަމަ ރައީސްގެ ދަރިކަނބަލުން ހަސީނާ 2009 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަނީ އިދިކޮޅު އެކްޓިވިސްޓުންނާއި ސިޔާސީ މީހުން ހައްޔަރުކޮށް، ބާރުގެ ބޭނުންކޮށްގެން ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެ އެވެ. އެ ގައުމުގެ ސިޔާސީ ހަމަނުޖެހުމުގެ އަސްލަކަށް، ހަސީނާ އާއި ޚާލިދާ ޒިއާގެ ކޯޅުން ވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.