ވިމްބަލްޑަނަށް ތައްޔާރުވާން ނަޑާލް ކުއީންސް ކްލަބްގައި ކުޅެނީ
ވިމްބަލްޑަނަށް ތައްޔާރުވާން ނަޑާލް ކުއީންސް ކްލަބްގައި ކުޅެނީ

ލަންޑަން (ފެބްރުއަރީ 7) - ވިމްބަލްޑަން ޓެނިސް މުބާރާތަށް ތައްޔާރުވުމަށް ސްޕެެއިނުގެ ރަފައެލް ނަޑާލް ޖޫން މަހު ކުއީންސް ކްލަބް ޗެމްޕިއަންޝިޕްގައި ކުޅެން ނިންމައިފި އެވެ.

ކުއީންސް ކްލަބް ޗެމްޕިއަންޝިޕް އޮންނާނީ ޖޫން މަހު 19 އިން 25 އަށް ލަންޑަންގަ އެވެ. ވިމްބަލްޑަން ޗެމްޕިއަންޝިޕް އޮންނާނީ ޖުލައި 3 އިން 16 ގެ ނިޔަލަށެވެ.

ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ގިނަ މުބާރާތްތަކެއް ގެއްލުނު ނަޑާލް ވަނީ މިދިޔަ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ކުޅެފަ އެވެ. ރޮޖާ ފެޑެރާ އަތުން އެ މުބާރާތުގެ ފައިނަލުގައި ނަޑާލް ބަލިވިއިރު، މިއީ 2014 ވަނަ އަހަރުގެ ފްރެންޗް އޯޕަން އަށް ފަހު ނަޑާލް ގްރޭންޑް ސްލޭމް ފައިނަލެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ސާދަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލް ވަނީ 2008 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް އުފުލާލުމުގެ ކުރިން ކުއީންސް ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

"ކުއީންސް ކްލަބް ޗެމްޕިއަންޝިޕަކީ ޓެނިހުގެ މުބާރާތްތަކާ އަޅާކިޔާއިރު ރަނގަޅަށް އިންތިޒާމްކުރާ މުބާރާތެއް. ވިމްބަލްޑަނަށް ތައްޔާރުވާން ކުއީންސް ކްލަބް ޗެމްޕިއަންޝިޕަކީ ވަރަށް ރަނގަޅު މުބާރާތެއް،" އުމުރުން 30 އަހަރުގެ ނަޑާލް ބުންޏެވެ.

ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ އެންޑީ މަރޭ ވެސް ވަނީ ކުއީންސް ކްލަބް ޗެމްޕިއަންޝިޕްގައި ކުޅެން ނިންމައިފަ އެވެ. އަދި އޭނާގެ ޓެނިސް ކެރިއަރުގެ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކުއީންސް ކްލަބް ޗެމްޕިއަންޝިޕުން ފެންނާނެ ކަމަށް މަރޭ ވަނީ ބުނެފަ އެވެ.

މަރޭ އަކީ ފާއިތުވި އަށް އަހަރަށް ބަލާއިރު ކުއީންސް ކްލަބްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ފާއިތުވި އަށް އަހަރުގެ ތެެރެއިން ފަސް ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.