30 އޮކްޓޯބަރ 2023 - 09:33

ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަވާ ގޮތަށް، އެ މަނިކުފާނުގެ ސަރުކާރުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިސްނަގައިގެން ވަރަށް ގިނަ ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވެގެން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާއަކީ ދެ ވަނަ އަށް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށް ވާތީ މިހާތަނަށް އައި ކޮންމެ ސަރުކާރަކުން ވެސް އެކި ވަރަށް އެ ދާއިރާ އަށް އެހީތެރިވެފައިވާ ކަމަށެވެ.
ކޮންސްޓްރަކްޝަން ދާއިރާ އަށް އެއްބާރުލުން ދިނުމަށް އަދިވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި އެހެން ބޮޑެތި ސިނާއަތުތަކަށް ހާއްސަ މިނިސްޓްރީއެއް ހުއްޓަސް ކޮންސްޓްރަކްޝަން ދާއިރާ އަބަދުވެސް މިނިސްޓްރީއެއްގެ ދަށުގައި އޮންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ކަމަށްޓަކައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހާއްސަވާ ގޮތަށް މިނިސްޓްރީ އުފައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލްވާ ގޮތަށް ވުޒާރާއެއް ގާއިމް ކުރާނަން. ބޭނުމަކީ ދާއިރާ އަށް އިތުރަށް ސަމާލުކަން ދިނުން،" ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ވަޒީފާ އަދާކުރައްވައި ފަހުން ހައުސިން މިނިސްޓަރުކަން ދެ ބުރެއްގެ މަތިން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީއެއް އެންމެ ފަހުން ހިންގީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެކަމަކު، ފަހުން އައި ހަތަރު ވެރިކަމުގައި ވެސް އިމާރާތް ކުރުމުގެ ދާއިރާ އަށް ހާއްސަ ވަކި މިނިސްޓްރީއެއް ނެތެވެ.
މުއިއްޒު ރޭ ވިދާޅުވި ގޮތުގައި ވިޔަފާރިތަކާއި ސިނާއަތްތަކުން މަސައްކަތް ކުރާއިރު ގައުމީ ވިސްނުން އިސް ކުރަން ޖެހެ އެވެ.
ކޮންމެ ދާއިރާ އަކަށް ބެއްޔަސް ގިނައިން ފެންނަނީ ބިދޭސީން މަސައްކަތް ކުރާ މަންޒަރު ކަމަށާއި އޭގެ ބަދަލުގައި ދިވެހިންނަށް އިސްކަން ދޭން ޖެހޭ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.