ލުއި ދިނުމާއެކު ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފި
ލުއި ދިނުމާއެކު ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން އެ ޕާޓީގެ މެންބަރުންނާ މިރޭ ބައްދަލު ކުރައްވައިފި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ މިހާރު ގޭގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން އިއްޔެ ވަނީ އިތުރު ލުއި ތަކެއް ދީފަ އެވެ. އެގޮތުން ބޭސްފަރުވާގެ ކަންކަމަށް އެ އިދާރާ އަށް އެންގުމަށް ފަހު ގެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެ ލުޔާއެކު ޔާމީން މިރޭ ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެންފަ އެވެ. އަދި އެ ޕާޓީގެ އޮފީހުގައި ތިއްބެވި ޕީޕިއެމްގެ އާންމު މެންބަރުންނާ ބައްދަލު ކުރައްވާ ގިނަ އިރުވަންދެން ވާހަކަފުޅު ދައްކަވައިފަ އެވެ.

ޔާމީންގެ އެ ބައްދަލުވުމުގެ މަންޒަރު ޗެނަލް-13 އިން ވަގުތު ދެއްކި އެވެ. ނަމަވެސް އެމަނިކުފާނު ވާހަކައިގެ އަޑު ވަނީ ކަނޑާލައިފަ އެވެ. އެހެންވެ ޔާމީން ދެއްކެވި ވާހަކައިގެ ތަފްސީލެއް އަދި މިހާތަނަށް ސާފެއް ނުކުރެވެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ އެއްވެސް ބޭފުޅެއް ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

އެ ބައްދަލުވުން ކުރިޔަށް ދިޔަ އިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ލީޑާޝިޕްގެ ބައެއް ބޭފުޅުން ތިއްބެވީ އެމްއެންއޭސީއައި އާ ބައްދަލު ކުރުމަށް ބާއްވާ ޖަލްސާއެއްގަ އެވެ. އަދި އެ ވަގުތު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ހުންނެވީ ޗެނަލް-13 ގެ ސްޓޫޑިއޯގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

މުއިއްޒު ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ކަމަކީ ވެސް ޔާމީން ގެއަށް ބަދަލު ކުރުމެވެ. އަދި ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔާމީން އެއްކޮށް މިނިވަން ކުރުމަކީ ވެސް މުއިއްޒުގެ ވައުދުފުޅެކެވެ.